Advertisement

ރެއާލް ދަނޑުގައި މޮޅުވެ ބާސެލޯނާ އިތުބާރު ހޯދައިފި

3 މާރިޗު 2023 - 03:07 0

ރެއާލްގެ ވިނީޝިއުސް ޖޫނިއާ (ކ) ބާސެލޯނާގެ ފްރެންކީ ޑި ޔޯން ކައިރިން ބޯޅަ ހިފައިގެންދަނީ.


ރެއާލް ދަނޑުގައި މޮޅުވެ ބާސެލޯނާ އިތުބާރު ހޯދައިފި

3 މާރިޗު 2023 - 03:07 0

ބާސެލޯނާ (މާޗް 3) - ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުން ރެއާލް މެޑްރިޑްގެ ދަނޑު ސަންޓިއާގޯ ބާނަބައުގައި އެ ޓީމު އަތުން ބާސެލޯނާ އިން 1-0 އިން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، މެއި ހަ ވަނަ ދުވަހު ކުޅޭ ފައިނަލުގެ ޖާގައެއް ހޯދަން ބާސެލޯނާ އިން އަންނަ މަހުގެ ފަސް ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލް މެޗުގެ ދެ ވަނަ ލެގުގައި ރެއާލާ ދެކޮޅަށް އެއްވަރުކޮށްލައިގެން ވެސް ފަރުޖައްސައިލެވޭނެ އެވެ.

ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލް އަނެއް މެޗުގައި ބައްދަލުކުރަނީ އޮސަސޫނާ އާއި އެތުލެޓިކް ބިލްބާއޯ އެވެ. ފުރަތަަމަ ލެގުގައި އޮސަސޫނާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބިލްބާއޯ ބަލިކޮށްފަ އެެވެ.

ރެއާލް ކޮޅަށް ބާސެލޯނާ އިން މިރޭގެ މެޗުގައި ޖެހި ހަަމައެކަނި ގޯލަކީ ރެއާލްގެ ބްރެޒިލް ޑިފެންޑަރު، އެޑާ މިިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ 26 ވަނަ މިނިޓްގައި ބާސެލޯނާގެ ފްރޭންކް ކެސިއޭ، އޭރިއާތެރެއަށް ބޯޅަ ހިފައިގެންވަދެ، ޖެހި ޝޮޓް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ފައިގައި ޖެހިފައި، ގޯލަށް ވަނީ މިލިޓާއޯ ފައިގައި ޖެހިފަ އެވެ. ބޯޅަ އެނބުރެމުން އައުމާ އެކު، ގޯލު ރޮނގުމަތިން އެ ބޯޅަ ހުއްޓުވަން ނަޗޯ ފެނާންޑޭޒް ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. އެ ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކަށަވަރުކުރުމަށް ފަހު އެވެ.

ރެއާލްގެ ކާވަހާލް (ވ) ބާސެލޯނާގެ ކެސިއޭ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ


މި މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަނީ ލީޑުފުޅާކުރަން ރަނގަޅު ފުރުސަތެއް ހޯދައިފަ އެވެ. އެ ގޮތުން، މެޗުގެ 74 ވަނަ މިނިޓްގައި ރެއާލް އޭރިއާތެރެއިން ކެސިއޭ ޖެހި ޝޮޓް ހުއްޓުނީ ބާސެލޯނާގެ ފޯވާޑް، އަންސޫ ފާޓީ ފައިގައި ޖެހިފަ އެވެ.

އެޓޭކިން އަށް ބަލާއިރު، ރެއާލްގެ ކުޅުންތެރިންނަށް ބާސެލޯނާ ޑިފެންސް ފޫއަޅުވާލައި މާ ރަނގަޅު ފުރުސަތެއް ނުހޯދެ އެވެ. ދެ ވަނަ ހާފުގައި ރެއާލުން އެންމެ ރަނގަޅު ހަަމަލާއެއް އުފެއްދީ ބަދަލަކަށް ކުޅެން އެރި ރޮޑްރީގޯ އެވެ. އޭރިއާބޭރުން ރޮޑްރީގޯ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ރެއާލްގެ ދެ އެޓޭކަރުން ކަމަށްވާ ކެޕްޓަން، ކަރިން ބެންޒެމާ އާއި ވިނީޝިއުސް ޖޫނިއާ ހުއްޓުވުމުގައި ބާސެލޯނާ ޑިފެންޑަރުން ވަނީ އިތުބާރާ އެކު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަނެއްކޮޅުން މިއީ 2010 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗެއްގައި ރެއާލަށް ގޯލާ ސީދާކޮށް ހަމަލާއެއް ފޮނުވާނުލެވި ނިންމާލަން ޖެހުނު ފުރަތަމަ މެޗެެވެ.

މި މެޗުގެ އިތުރު ވަގުތުގައި ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

ޒަވީ އަށް މި މެޗުން ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި، ރެެއާލް އަތުން މޮޅުވިއިރު، އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަަނަ ލެގުގެ މެޗަށް އަނިޔާގައި ތިބި ކުޅުންތެރިން އެނބުރި އަންނާނެކަމުގެ ފުރުސަތު އޮތުމުންނެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން ރެއާލާ ދެކޮޅަށް ކުޅުނު އެލް ކްލާސިކޯ ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބާސެލޯނާ ވަނީ މޮޅުވެފަ އެވެ.