2 މާރިޗު 2023 - 12:38 0
އަހުމަދު އާއިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. ހިރިލަންދޫގައި ވާހަކަދައްކަވަނީ: ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރާވަމުން މިދަނީ ކުރިއަށް އޮތް އިންތިހާބަކަށް ނޫން ކަމަށް - ފޮޓޯ: ރައީސް އޮފީސް
2 މާރިޗު 2023 - 12:38 0
ސަރުކާރުން ގެންނަ ތަރައްގީގެ މަޝްރޫއުތައް ރާވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދިމާކޮށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ތ. ހިރިލަންދޫއަށް ވަޑައިގެން އެ ރަށުގައި އެޅި ފެނަކައިގެ އާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރީގައި އޮތް ސަރުކާރުތަކުން ތަރައްގީގެ ކަންކަން ކޮށްފައިވަނީ ކޮންމެ ފަސް އަހަރަކުން އަންނަ އިންތިހާބުތަކާ ދިމާކޮށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އިންތިހާބެއް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން އެއީ ވޭތުވެދިޔަ ސަރުކާރުތަކުން ކަންކުރި ގޮތް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ އާ އެއްވަަރަށް ރާއްޖެ ތަރައްގީވެފައި ނުވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވިސްނުން ތަފާތު، އަޅުގަނޑުމެން މަސައްކަތް ރާވާ ކުރިއަށް މި ގެންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުވަތަ މަޖިލިސް އިންތިހާބު އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.
އަދި، މި ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްގީކޮށް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
"ތަރައްގީއަށްޓަކައި ކުރަން ފެށިފައި މިހިރަ ކަންކަމާއެކު ކުރިއަށްދާނީތޯ ނޫނިއްޔާ މަޑުޖެހި ތިބޭނީތޯ، ވަރަށް ސާފު، ތިބޭފުޅުން އެކަން ނިންމަވާނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވާހަކަ ދެއްކެވި ނަމަވެސް، މި އަހަރުގެ ޖެނުއަރީގައި ބޭއްވުނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި މިދިޔަ އަހަރު ބޭއްވުނު ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފެށި އެވެ. އަދި އެ އިންތިހާބުތަކުގެ ކެމްޕޭނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރި ކަމަށް ގިނަ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ސަރުކާރުން އަލަށް ފެށި މަޝްރޫއުތަކުގެ އަގު 1.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެގޮތުން އެ ކެމްޕޭނުގެ ތެރޭގައި، ކެމްޕޭނާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލުމަށާއި، އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގޮވާލާ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment