ރާއްޖެއަށް ސައުދީން ދޭ ހައްޖު ކޯޓާގެ އަދަދު 2500 އަށް ބޮޑުކޮށްދޭން އެދިއްޖެ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ރާއްޖެއަށް ދޭ ހައްޖު ކޯޓާ އިތުރު ކުރުމަށް ސައުދީ ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށާއި، ސައުދީއަށް ޒިޔާރަތްކޮށް، ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް، އެ މަސައްކަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރުވެސް ސައުދީ ސަރުކާރުގައި ދަންނަވާފައި ވެއްޖެ ރަސްމީ ކޯޓާ، މިހާރު މިލިބެނީ 1000. އެއް ހާހުގެ ބަދަލުގައި ރަސްމީ ކޯޓާ 2500 އަށް ބަދަލުކޮށްދެއްވުމަށް," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ލިބޭ ކޯޓާ އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޒާހިރު އިތުރަށް ވިދާޅުވީ އިތުރު ކޯޓާ ލިބުމުގެ ފުރުސަތު ބޮޑުވަނީ ފުރަތަމަ ލިބޭ ރަސްމީ ކޯޓާ ޕޯޓަލްއަށް އަޅާ ނިމުމުން ކަމަށެވެ. އެހެންކަމުން، ރާއްޖެއަށް ލިބޭ ކޯޓާ އަވަހަށް ޕޯޓަލްއަށް އެޅުމަށްފަހު އިތުރު ކޯޓާތައް ހޯދަން އެދެވޭނެ ކަމަށެވެ.
ކޯޓާގެ އަދަދު 2500 އަށް ބޮޑުކުރަން އެދިފައިވާއިރު، މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް އިތުރަށް ލިބޭނީ ކިހާ ކޯޓާއެއްކަމެއް ނޭނގެ އެވެ. މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ސައުދީން އިތުރަށް ކޯޓާ ދިން އަދަދުތަކަށް ބަލާއިރު، އިތުރަށް ހާހެއްހާ ކޯޓާ ލިބިދާނެ ކަމަށެވެ.
ރާއްޖެއަށް ވަރަށް ކުރީއްސުރެ ވެސް ހައްޖުގެ ކޯޓާގެ ގޮތުގައި ރަސްމީކޮށް ދެނީ 1،000 ކޯޓާ އެވެ. ނަމަވެސް ކޮވިޑާއެކު އެ އަދަދު 435 އަށް ދަށްވުމަށްފަހު މިއަހަރު އަނެއްކާވެސް މިވަނީ ކުރިން ކޯޓާ ދިން އަދަދަށް ރުޖޫއަވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment