Advertisement

މުހިންމު 17 ބިލެއް ކޮމިޓީ މަރުހަލާގައި މަޑުޖެހިފައި، ނަޝީދު އެދުނީ އަވަހަށް ނިންމައިދޭން

1 މާރިޗު 2023 - 11:35 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް


މުހިންމު 17 ބިލެއް ކޮމިޓީ މަރުހަލާގައި މަޑުޖެހިފައި، ނަޝީދު އެދުނީ އަވަހަށް ނިންމައިދޭން

1 މާރިޗު 2023 - 11:35 0

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި 17 ބިލެއްގެ މަސައްކަތް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ ކަމަށާއި އެ ބިލުތައް އަވަހަށް ނިންމައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ކޮމިޓީތަކުގައި ބިލުތަކުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ކޮމިޓީ ވަގުތު އިތުރުކޮށްގެން ވެސް ބައެއް ބިލުތައް ނިންމަން ޖެހޭ ކަމަށެވެ.

ނަޝީދުގެ ވިދާޅުވީ މީގެ ތެރެއިން ގިނަ މަސައްކަތްތައް އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކަމަަށެވެ.

"އެކިއެކި ސަބަބުތަކަށް ޓަކައި މަޖިލީހުގައި މަޑުޖެހިފައި ހުރި މަސައްކަތް، އެއީ ސަރުކާރާ އެކުގައި ވާހަކަ ދައްކަން ޖެހިގެންނާއި އަދި އެއްގޮތް ކުރުމަށް ބޭނުން ވާތީވެ، މަޑުޖެހިފައިވާ މަސައްކަތްތައް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުރެއްވި ބައެއް ބިލުތައް:

  • ކުންފުނީގެ ބިލު
  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު
  • އެެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު
  • ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު
  • ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޝުއަރެންސާ ބެހޭ ބިލު
  • މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު
  • ބިނާވެށި ޕްލޭން ކުރުމުގެ ބިލު
  • ކަނޑު އުޅަނދު ފަހަރާ ބެހޭ ބިލު
  • އެއްގަމު އުޅަނދާ ބެހޭ ބިލު
  • ޗެމްބަރް އޮފް ކޮމާސްގެ ބިލު
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު

މީގެ ތެރޭގައި ހިމެނޭ ބިނާވެށި ޕްލޭން ކުރުމުގެ ބިލު އަވަހަށް ނިންމައި، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ފާސްކުރުން އަވަސް ކޮށްދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"މީގައި ނިކުމެގެން އުޅޭ އެއް އަރައިރުމަކީ ގާނޫނު އެކުލަވާލެވުނު އިރުގައި ރުއްގަސް ގުނުމަށް އެބަ އެދޭ، އަދި ލޭންޑް ޔޫސް ޕްލޭން ސައިންޓިފިކަލީ ހެދުމަށް އެބަ ބުނޭ، ދެން އެ މަސައްކަތް އެއީ ވާން ނެތް މަސައްކަތެއްގެ ގޮތުގައި ދެކިގެން ވަރަށް ގިނަ ވާހަކަ އެބަ ދެކެވޭ،" ނަޝީދު ވިދާޅުވި އެވެ.

އެެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މީގެ ކުރިން ކޮމިޓީ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވި އެވެ. އެހެން ނަމަވެސް އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވައިލައިފަ އެވެ.

މި މަސައްކަތްތައް މި ފެށޭ ރޯދަ މަހުގެ ކުރިން އަވަހަށް ކޮށް، މި ދައުރުގެ ތެރޭގައި ނިންމައިދިނުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.