Advertisement

އެމެރިކާގައި ޓިކްޓޮކް ރިމޫވް ކުރަން އަންގާތީ ޗައިނާގެ ނުރުހުން

1 މާރިޗު 2023 - 05:56 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓިކްޓޮކްއާ ދެކޮޅަށް ފިޔަވަޅު އަޅަމުން ދަނީ އެމެރިކާ، ކެނެޑާ އަދި އީޔޫގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


އެމެރިކާގައި ޓިކްޓޮކް ރިމޫވް ކުރަން އަންގާތީ ޗައިނާގެ ނުރުހުން

1 މާރިޗު 2023 - 05:56 0

އެމެރިކާގެ ފެޑެރަލް އިދާރާތަކުގެ މުވައްޒަފުންނަށް ސަރުކާރުން ދޫކޮށްފައި ހުންނަ ފޯނުތަކުން ޓިކްޓޮކް ރިމޫވް ކުރަން އެންގުމުން ޗައިނާއިން ނުރުހުން ފާޅުކޮށްފި އެވެ.

ހޯމަ ދުވަހު ވައިޓް ހައުސްއިން ބުނީ ސަރުކާރު އެޖެންސީތަކުގެ މުވައްޒަފުންނަށް އޮފީހުން ދޫކޮށްފައި ހުރި ފޯނުތަކުން ޓިކްޓޮކް ރިމޫވް ކުރަން ލިބޭނީ 30 ދުވަސް ކަމަށެވެ.

ކެނެޑާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ މުވައްޒަފުންނަށް އެފަދަ އެންގުންތައް އަންގައިފަ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ތުހުމަތު ކުރެއްވި ގޮތުގައި އެމެރިކާއިން ދަނީ ދައުލަތުގެ ބާރު ނާޖައިޒު ގޮތުގައި ބޭނުންކޮށް ބޭރުގެ ކުންފުނިތަކަށް ހުރަސް އަޅަމުންނެވެ.

"މާކެޓް އިގްތިސާދެއްގެ އުސޫލުތަކަށް އެމެރިކާ ސަރުކާރުން އިހްތިރާމް ކުރަން ޖެހޭ،" ތަރުޖަމާން މާއީ ނިންގް އަންގާރަ ދުވަަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ޓިކްޓޮކްގެ މައި ކުންފުންޏަކީ ޗައިނާގެ ބައިޓްޑާންސް އެވެ. ގިނަ ބަޔެއްގެ މެދުގައި މަގްބޫލް އެ އެޕުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ހުޅަނގުގެ ގައުމުތަކުގައި ކަންބޮޑުވުން ބޮޑެވެ.

ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑޭޓާ ސިއްރުން އެއްކޮށް، ޗައިނާ ސަރުކާރަށް ފޯރުކޮށްދޭ ކަމަށް މީގެ ކުރިން ތުހުމަތުކޮށްފައިވެ އެވެ. ސަރުކާރާ ގުޅުން ހުރި ޑިވައިސްތަކަށް ޓިކްޓިކް ޑައުންލޯޑްކޮށްފި ނަމަ، "ނާޒުކު" މައުލޫމާތު ހާމަވެދާނެ ކަމަށް ބައެއް ޖާސޫސީ އިދާރާތަކުން ބުނެ އެވެ.

އެހެން ނަމަވެސް ޓިކްޓޮކުން އެ ތުހުމަތުތައް ދޮގުކުރުމަށް ފަހު ބުނީ، އެ ކުންފުނި ވެސް ހިންގަނީ އެހެން ސޯޝަލް މީޑިއާ ކުންފުނިތަކާ އެއް ގޮތަށް ކަމަށެވެ.