Advertisement

ވެލާނާގެ ކައިރީގައި ޕާކު ކުރާނެ ޖާގަ ނެތިގެން މުވައްޒަފުން އިހުތިޖާޖަށް

28 ފެބުރުވަރީ 2023 - 11:11 2

ނިމާ ހަސަން

ނިމާ ހަސަން

ވެލާނާގޭގައި މަސައްކަތްކުރާ މުވައްޒަފުން އިހުތިޖާޖު ކުރަނީ؛ އެމީހުންގެ ޝަކުވާއަކީ ޕާކު ކުރާނެ ޖާގަ ނުދައްކާ ސައިކަލު ޓޯ ކުރާތީ -- ފޮޓޯ: އަދަދު


ވެލާނާގެ ކައިރީގައި ޕާކު ކުރާނެ ޖާގަ ނެތިގެން މުވައްޒަފުން އިހުތިޖާޖަށް

28 ފެބުރުވަރީ 2023 - 11:11 2

ޕާކު ކުރާނެ ޖާގަ ނެތިގެން ވެލާނާގޭގައި މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

ވެލާނާގެ ތިރީގައި މިހާރު ކުރަމުންދާ އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ޔޫތު މިނިސްޓްރީގެ މުވައްޒަފުންނެވެ. އަދި ހޯމް މިނިސްޓްރީ ހިމެނޭހެން ސަރުކާރުގެ އެހެން ވުޒާރާތަކުގެ މުވައްޒަފުން ވެސް މި އިހުތިޖާޖުގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އިހުތިޖާޖު ކުރަމުންދާ މުވައްޒަފުންގެ މައިގަނޑު ޝަކުވާ އަކީ ވެލާނާގެ ސަރަހައްދުގައި ޕާކު ކުރާނެ ޖާގަ ނުލިބުމެވެ. އަދި އެ ސަރަހައްދުގައި ހުރި ތިން ޕާކިންގެ ތެރެއިން އެއް ޕާކިންގައި މަސައްކަތެއް ކުރުމަށް ރަސްމީ ދުވަހެއްގައި އެ ޕާކިން ބަންދުކޮށްގެން އުޅުމެވެ.

ވެލާނާގެއާ އިންވެގެން ހުރި ޕާކިންގެ މަސައްކަތެއް ކުރުމަށް ރަސްމީ ދުވަހެއްގައި، ނޯޓިސްއަކާ ނުލާ އެ ތަން ބަންދު ކޮށްފައިވާއިރު، ޒޯނުން ބޭރުގައި ޕާކު ކުރި ހުރިހާ ސައިކަލުތައް ޓޯ ކޮށްފައިވާ ކަމަށް އިހުތިޖާޖުގެ ބައިވެރިން ބުނެ އެވެ.

"އިއްޔެވެސް ހެދި ގޮތަކީ، ހެނދުނު އޮފީހަށް 7:00 ޖެހިއިރު އައި މީހުން އިރުއޮއްސި 6:00 ޖެހިއިރު ފޭބިއިރު ހުރީ ޓޯކޮށްފައި. އެންމެން މަތީގައި ތިއްބާ އައިސް ފާޑެއްގެ ކޯނެއްގައި ހިއްޕަނީ ހަތަރެއްގެ ފަހުން ހުރެއްޖެއްޔާ ޓޯ ކުރާނަމޭ. އެ ނުއެއް ފެންނާނެތާ އެ ކުއްޖާއަކަށް، އައި އިރު ހުރީ ޓޯކޮށްފައި. އިތުރަށް 750 ރުފިޔާ ދައްކަން ޖެހުނީ،" އިހުތިޖާޖުގައި ބައިވެރިވެ ހުރި ނަސްރީނާ ބުންޏެވެ.

ނަސްރީނާ އިތުރަށް ބުނީ، ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ބަޔަކީ ސިވިލް ސާވިސް މުވައްޒަފުން ކަމަށާއި، ހުރިހާ މުވައްޒަފުންނަކީ މަސައްކަތުގެ ގޮތިން މެންދުރު 2:00 ޖަހާއިރު ގެއަށް ދެވޭނެ ބަޔެއް ނޫން ކަމަށެވެ.

ނަމަވެސް ސިވިލް ސާވިސް މުވައްޒަފުންގެ ސައިކަލުތައް ޕާކު ކުރާނެ ޖާގައެއް ނުދޭކަން އޭނާ ފާހަގަކުރި އެވެ.

ވެލާނާގެ ކައިޜީގައި ޕާކު ކުރާނެ ޖާގަ ނެތިގެން މުވައްޒަފުން އިހުތިޖާޖު ކުރަނީ -- ފޮޓޯ: އަދަދު


"ހުރިހާ ކަމެއް ކުރާށޭ، އެކަމަކު ނޯޓިސްއެއް ދޭށޭ އެއް ދުވަހުގެ"

ވެލާނާގެ ތިރީގައި އިހުތިޖާޖު ކުރަމުންދާ މުވައްޒަފުންގެ މައްސަލައަކީ ޕާކިން ޒޯނު ނެގުމެއް ނޫނެވެ. ނަމަވެސް އެއްވެސް ނޯޓިސް އެއް ނުދީ އެކަން ކުރުމެވެ. އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި އެ މަސައްކަތް ކުރުމެވެ.

މީގެ އިތުރުން، ހުރަވީ ބިލްޑިން ތަޅާލައި، އެ ސަރަހައްދުގައި ޕާކެއް ހެދުމުގެ ކަންބޮޑުވުން ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ގްރީން ޒޯނުގައި އެއްވުންތަކަށް ޖާގަ ދޭން ޕާކު ހެދުމުގެ ބަދަލުގައި އެތަނުގައި ޕާކިން ޒޯނެއް ހެދުމަށް ވެސް ގޮވާލާފައި ވެއެވެ.