Advertisement

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކަށް އދ. ގެ މަރުހަބާ

24 ފެބުރުވަރީ 2023 - 11:46 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ނާޒުކު ހާލަތުތަކުގައި ތިބި ބިދޭސީންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާއި ގުޅޭ ސަރަހައްދީ ބައްދަލުވުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ


އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކަށް އދ. ގެ މަރުހަބާ

24 ފެބުރުވަރީ 2023 - 11:46 0

އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ދާއިރާއިން ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކަށް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައި ކޮމިޝަނަރުގެ އޮފީހުން މަރުހަބާ ކިޔައިފި އެވެ.

ނާޒުކު ހާލަތުތަކުގައި ތިބި ބިދޭސީންގެ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ ސަރަހައްދީ ބައްދަލުވުން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުގެ ހިޖުރަ ކުރުމާއި އިންސާނީ ހައްގުތަކުގެ ހާއްސަ އެޑްވައިޒަރު ޕިއާ އޮބެރޯއި ވަނީ ރާއްޖޭން އެ ދާއިރާތަކުގައި ހޯދާފައިވާ ކުރިއެރުންތަކަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެގޮތުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށްގެންދިޔަ ރެގުލަރައިޒޭޝަން ޕްރޮގްރާމް އޭނާ ފާހަގަކުރެއްވި އެވެ.

ބިދޭސީންގެ ހައްގުތައް ރައްކާތެރި ކުރުމުގައި މުޅި މުޖުތަމައުގެ ދައުރެއް އޮތް ކަމަށާއި އެކަން ކުރުމަށް އެންމެން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޮބެރޯއީ ވިދާޅުވި އެވެ. އަދި، އެ ބައްދަލުވުމުގައި ބައިވެރިވާ ގައުމުތަށް އޭނާ ވަނީ އެ ގޮތަށް އަމަލު ކުރުމަށް ގޮވާލައްވާފަ އެވެ.

ކޮވިޑް-19 ޕެންޑެމިކުގެ ތެރޭގައި ބޭނުންވާ ވެކްސިން އެއްވެސް ތަފާތު ކުރުމެއް ނެތި ބިދޭސީންނަށް ވެސް އެއްވެސް އަގަކާ ނުލައި ލިބޭ ގޮތަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަށް ވެސް އދ. ގެ އޯއެޗްސީއެޗްއާރުން މަރުހަބާ ކިޔާފައިވެ އެވެ.

ހަމައެހެންމެ، އިންސާނީ ބޭނުމަށް ނުވަތަ ބޭސްފަރުވާ ފުރިހަމަ ކުރުމަށް ރާއްޖޭގައި ތިބޭ ބިދޭސީންނަށް ހާއްސަ ވިސާއެއްގެ ދަށުން ރާއްޖޭގައި ތިބުމުގެ ފުރުސަތު ދިނުމަށް އޮންނަ ސިޔާސަތު ވެސް އަދ. އިން ފާހަގަކުރި އެވެ.

އޭގެ އިތުރުން، އެ އޮފީހުން ވަނީ ބިދޭސީންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކޮށްދިނުމަށް ވަކާލާތު ކުރުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ މަދަނީ ޖަމިއްޔާތަކުގެ ރޯލު ވެސް ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

އދ. ގެ ންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވެފައިވާއިރު އެ ދައުރުގައި ރާއްޖޭން އަދާކުރާނެ ރޯލަކީ އުންމީދީ ރޯލެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ފަސްޖެހުމެއް ނެތި ރާއްޖެ އޮންނާނެ ކަން އެކަމުން ހާމަވާ ކަމަށް ވެސް އޮބެރޯއީ ވިދާޅުވި އެވެ.

އެ ކާމިޔާބުތައް ހޯދުނު ނަމަވެސް، އަދިވެސ މި ދާއިރާއިން ރަނގަޅު ކުރެވޭނެ ކަންކަން ހުރިކަން ފާހަގަކޮށް އޭނާ ވަނީ ހާއްސަ އެޑްވައިޒަރުގެ ހައިސިއްޔަތުން އެކަންކަން އިސްލާހު ކުރުމަށް ވެސް ލަފާ ދީފަ އެވެ.

ބައިނަލްއަގްވާމީ މަޝްރަހުގައި އެކަހެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮއްވައި ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާރިޖީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ގެނެސް، ގުޅުންތައް އަލުން ވަނީ އިޔާދަކޮށްފަ އެވެ. އަދި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ހާރިޖީ ސިޔާސަތުގެ މައި ތަނބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެގޮތުން، އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލަށް ވެސް ރާއްޖެ ވަނީ އިންތިހާބުވެފަ އެވެ. މިއީ ރާއްޖެ އިންތިހާބުވި ތިން ވަނަ ދައުރެވެ. އޭޝިއާ ޕެސިފިކް ސަރަހައްދަށް ހަތަރު މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބަށް ހަ ގައުމަކުން ކުރިމަތިލި އެވެ. މިފަހަރުގެ ކައުންސިލަށް ރާއްޖެ ހޮވުމަށް 154 ގައުމަކުން ތާއިދުކުރި އެވެ.

ފުރަތަމަ ދައުރަށް ރާއްޖެ އިންތިހާބުވީ 185 ގައުމެއްގެ ވޯޓާ އެކު އެވެ. ދެ ވަނަ ދައުރަކަށް ރާއްޖެ ހޮވުނީ އެ ކައުންސިލުގެ 164 މެމްބަރު ގައުމުގެ ތާއިދާ އެކު އެވެ.