Advertisement

ސްކައުޓަށް ކުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް އެސޯސިއޭޝަންގެ ކުރީގެ ރައީސަށް އެވޯޑެއް

24 ފެބުރުވަރީ 2023 - 11:41 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އޭޝިއާ ޕެސިފިކް ސަރަޙައްދީ ސްކައުޓް ސެންޓަރުން ދޭ ގުޑް ސަރވިސް އެވޯޑާއެކު ހަނީފް: މީގެ ކުރިން ތިން ދިވެއްސަކަށް އެ އެވޯޑު ލިބިފައިވޭ -- ފޮޓޯ: ސޯޝަލް މީޑިއާ


ސްކައުޓަށް ކުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް އެސޯސިއޭޝަންގެ ކުރީގެ ރައީސަށް އެވޯޑެއް

24 ފެބުރުވަރީ 2023 - 11:41 0

ސްކައުޓް ހަރަކާތަށް އަގުހުރި ހިދުމަތް ކޮށްދޭ ފަރާތްތަކަށް ދުނިޔޭގެ ސްކައުޓް ޖަމާއަތުގެ އޭޝިއާ ޕެސިފިކް ސަރަހައްދީ ސްކައުޓް ސެންޓަރުން ދޭ ގުޑް ސާވިސް އެވޯޑް ސްކައުޓް އެސޯސިއޭޝަންގެ ކުރީގެ ރައީސް ހުސައިން މުހައްމަދު ހަނީފަށް ދީފި އެވެ.

މިހާރު މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ހަނީފަށް އެ އެވޯޑް އަރުވާފައި ވަނީ ކާރިސާތަކުގައި މުއާމަލާތް ކުރުމަށާއި ރެޕިއުޓޭޝަން މެނޭޖުކުރުމާ ގުޅޭ ގޮތުން ސްކައުޓް ބިއުރޯ އޭޝިއާ ޕެސިފިކް ސަޕޯޓް ސެންޓަރާ ގުޅިގެން ބާއްވާ އޭޕީއާރު ވޯކްޝަޕް ފެށުމަށް ރޭ ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

ކުރިން، 2018-2021 އަށް ސްކައުޓް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހަނީފް ވަނީ ދުނިޔޭގެ ސްކައުޓް ޖަމާއަތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދީ ސްކައުޓް ސެންޓަރުގެ ޕްރޮގްރާމް ސަބްކޮމެޓީގެ މެމްބަރުކަން ވެސް ކުރައްވާފަ އެވެ.

އޭނާއަށް މި އެވޯޑް ދީފައި ވަނީ ސްކައުޓް ހަރަކާތަށް އިންގިލާބެއް ގެނައުމަށް ކޮށްދިން މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެގޮތުން އޭޕީއާރުން ވަނީ އޭނާ ބައިނަލްއަގްވާމީ ލެވެލެއްގަ އާއި ގައުމީ ފެންވަރުގައި ހަނީފް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް އެ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ހަނީފް މިހާރު ވަޒީފާ އަދާކުރަމުން ދަނީ ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓަރާއެއްގެ ގޮތުގަ އެވެ. އޭނާއަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ބޯޑު މެމްބަރެއް ވެސް މެ އެވެ.

ގައުމީ ލެވެލްގައި ހަނީފް ކޮށްދީފައިވާ ބައެއް ހިދުމަތްތައް

  • 14 އަހަރު ފަހުން ވުޑްބެޖް ކޯސް ހިންގުމާއި އެ އެވޯޑް ދިނުން. (ވުޑްބެޖަކީ އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ އެޑްވާންސްޑް ތަމްރީނު ކޯހެއް ފުރިހަމަކުރުމަށްފަހު ހަވާލުކުރެވޭ އެސައިންމަންޓް ފުރިހަމަ ކުރުން ދެވޭ، ބައިނަލްއަގްވާމީ ގޮތުން ފުރިހަމަ ސްކައުޓް ލީޑަރެއްގެގޮތުގައި ގަބޫލުކުރެވޭ ޝަރަފްވެރި އެވޯޑެއް)
  • 14 އަހަރަށްފަހު ސްކައުޓް ކްރާފްޓް ކޭމްޕާއި، ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕެއް ހިންގުން
  • ޕްރީ ކަބް ސެކްޝަން ތައާރަފް ކުރުން؛
  • ގައުމީ ވުޑް ބެޖް ސިލަބަސް ރިވިއުކުރުން
  • 8 އަހަރުގެ މެދުކެނޑުމަކަށްފަހު ގިނަ ދުވަހު ސްކައުޓަށް ހިދުމަތްކޮށްފައިވާ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ހަރަކާތް ބޭއްވުން

މީގެ ކުރިން ވެސް މި އެވޯޑް ތިން ދިވެއްސަކަށް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ. އެންމެ ފުރަތަމަ މި އެވޯޑް ދިވެއްސަކަށް ލިބެފައިވަނީ 19 ވަނަ ގަރުނުގެ ތެރޭގަ އެވެ. އެންމެ ފަހުން މި އެވޯޑް ލިބުނީ 2018 ވަނަ އަހަރެވެ.