23 ފެބުރުވަރީ 2023 - 10:03 0
ރައްޔާން މުހައްމަދު
ފޮޓޯ: މަސޭޑީޒް ބެންޒް
23 ފެބުރުވަރީ 2023 - 10:03 0
މި އަހަރުގެ ފަހުކޮޅު ނެރޭ މަސޭޑީޒް ބެންޒް އީ-ކްލާސް ކާރުގައި ޓިކްޓޮކް އެޕް އަދި ސެލްފީ ކެމެރާއެއް ހިމެނޭނެކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
އެމެރިކާގެ ކެލެފޯނިއާގައި ހުންނަ މަސޭޑީޒްގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސެންޓާގަ ބުދަ ދުވަހު ބޭއްވި އިވެންޓެއްގައި ވަނީ އެ ކުންފުނިން ނެރުމަށް ރާވާފައިވާ ބައެއް ކާރުތަކާއި އެ ކާރުތަކުގައި ހިމެނޭ ބައެއް ފީޗާތައް ދައްކާލާފަ އެވެ.
އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ނެރޭ އީ-ކްލާސް ކާރެވެ. މަސޭޑީޒްގެ އެހެން ކާރުތަކާއި ޑިޒައިން ދާދި އެއްގޮތް ނަމަވެސް މުޅިން އައު ތަފާތު އެކި ފީޗާތައް މި ކާރުގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެގޮތުން މަސޭޑީޒް ކާރުތަކުގައި ބޭނުންކުރާ އެމްބީޔޫއެކްސް އިންފޮޓެއިންމަންޓް ސިސްޓަމްގެ މުޅިން އާ އަޕްޑޭޓަކާއި އެކު ކާރުގެ އެތެރެއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދެ އެވެ. މި ސިސްޓަމްގައި ގާތްގަނޑަކަށް މުޅި ޑޭޝްބޯޑް ފުރާލާ "ސުޕަ ސްކްރީން އެއް" ހިމެނެ އެވެ. މި ސްކްރީނުގައި ޑްރައިވަރުގެ އިތުރުން ޕަސެންޖާ ސީޓުގައި އިންނަ ފަރާތައް ވެސް ސްކްރީނެއް ހިމަނާފައިވެ އެވެ.
މި ޓަޗް ސްކްރީނުން ކާރުގަ އިނދެގެން ޓިކްޓޮކް ހުޅުވާލާ ވީޑިއޯތައް ބަލާލެވޭނެ އެވެ. މަސޭޑީޒްގެ ސީއީއޯ އޮލާ ކަލޭނިއަސް ބުނެފައިވަނީ ޓިކްޓޮކްގެ އިތުރުން އެހެން އެޕްތައް ވެސް މި ކާރުގައި ބޭނުންކުރެވޭނެ ކަމަށެވެ. ނަމަވެސް މި އެޕް މުހިންމުވާ ސަބަބެއް އެބައޮތްކަން އޭނާ ފާހަގަކުރި އެވެ.
އެގޮތުން މީގެން ހާމަކޮށްދެނީ އެ ކުންފުނިން އެކި ގައުމުތަކުގެ މާކެޓުތަކަށް ދޭ އަހައްމިއްޔަތުކަން ކަމަށާއި، މި ފީޗާ ގެނެވުނީ ޗައިނާ މާކެޓުގައި އެންމެ ގިނަބަޔަކު ބޭނުންކުރާ އެއް އެޕަށް ޓިކްޓޮކްވުމުން ކަަމަށް އޭނާ ބުނެފައިވެ އެވެ.
ކަލޭނިއަސް ބުނެފައިވަނީ ޗައިނާގައި މިވަގުތު މަސޭޑީޒް އެސް-ކްލާސް ބޭނުންކުރާ މީހުންގެ އެވެރަޖް އުމުރު އުޅެނީ 40 އަހަރުން ދަށުގައި ކަމަށެވެ. އަދި އެކި ފީޗާތަކުން އެކި ގައުމުތަކަށް ނުވަތަ އެކި މާކެޓުތަކަށް ޓާގެޓު ކުރެވޭކަމަށެވެ.
އީ-ކްލާސް ކާރުގައި ޓިކްޓޮކްގެ އިތުރުން ޒޫމް ވީޑިއޯ ކޮންފަރެންސް، އެންގްރީ ބާޑްސް އަދި ވެބް ބްރޯސާއެއް ވެސް ހިމެނެ އެވެ. އަދި ކާރަށް ހާއްސަ އެޕް ސްޓޯއަކުން އިތުރު ބައެއް އެޕްތައް ލިބޭނެ އެވެ.
އެމްބީޔޫއެކްސް އިންފޮޓެއިންމަންޓް ސިސްޓަމްގެ އައު އަޕްޑޭޓެއް އީ-ކްލާސްގައި ހިމެނޭ އިރު، 2024 ގެ ފަހުކޮޅު އެކުންފުންނިން ނެރޭ ކާރުތަކުގައި މަސޭޑީޒްގެ އަމިއްލަ އޯއެސް އެއް ކަމަށްވާ އެމްބީ އޯއެސް ހިމެނޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
ބުދަ ދުވަހު ބޭއްވި އިވެންޓުގައި މަސޭޑީޒް އިން ވަނީ ގޫގުލް އާ އެކީ ޕާޓްނާޝިޕަކަށް ދާކަން ވެސް ހާމަކޮށްފަ އެވެ. އެގޮތުން ގޫގުލް މެޕްސް އަދި ޔޫޓިއުބް އެޕްގެ އިތުރުންވެސް އެކި ރިސޯސަސް މަސޭޑީޒްގެ ކާރުތަކަށް އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ދެފަރާތުން ކުރަމުންދާ ކަން ވަނީ ހާމަކޮށްފަ އެވެ.
Comment