Advertisement

ފްލޯޓިން ސިޓީގެ މޮކަޕް ދައްކާލަން އަނެއްކާވެސް އާ ތާރީހެއް

21 ފެބުރުވަރީ 2023 - 10:57 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފްލޯޓިން ސިޓީގެ ގެތައް ހުންނާނެ ގޮތުގެ މޮކަޕް - ފޮޓޯ: ބައިސަން މޯލްޑިވްސް


ފްލޯޓިން ސިޓީގެ މޮކަޕް ދައްކާލަން އަނެއްކާވެސް އާ ތާރީހެއް

21 ފެބުރުވަރީ 2023 - 10:57 0

މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ ފަޅުގައި އަޅާ ފްލޯޓިން ސިޓީގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ މޮކަޕް ދައްކާލުމަށް އަނެއްކާވެސް އާ ތާރީހެއް ދީފި އެވެ.

އެއް ބިލިއަން ޑޮލަރުގެ ބިޔަ މި މަޝްރޫއު ހަވާލުކޮށްފައިވާ ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް "އަދަދު" އަށް ވިދާޅުވީ، މި ހަފުތާ ބަންދުގައި އެ ސިޓީގައި ތަރައްގީކުރާ ހައުސިން ޔުނިޓުތައް ހުންނާނެ ގޮތް މީޑިއާތަކަށް ދައްކާލާނެ ކަމަށެވެ.

"ފުރަތަމަ ޕްރެސްއަށް ދައްކާލަން ރާވާފަ ވަނީ، ތިން ގެއެއް ހިމެނޭ ޔުނިޓެއް އެއީ، މި ހަފުތާ ނިމޭކޮޅު [މީޑިއާތަކާ] ބައްދަލުކޮށްލާފަ އިތުރު ތަފުސީލު ފޯރުކޮށްދޭނަން،" ރިޔާޒް ވިދާޅުވި އެވެ.

މަޝްރޫއާ ނިމޭނެ ކަމަށް މިހާރު ބެލެވޭ ތާރީހާމެދު ސުވާލުކުރުމުން އޭނާ ވިދާޅުވީ އެ ތަފުސީލު ވެސް މި ހަފުތާ ބަންދުގައި ދެވޭނެ ކަމަށެވެ.

ފްލޯޓިން ސިޓީގެ ޔުނިޓެއްގެ ފުރަތަމަ ފޮޓޯއާއެކު އެ މޮކަޕް ދައްކާލާނެ ކަމަށް ފުރަތަމަ ބުނީ އޮކްޓޯބަރު، 2022، ގަ އެވެ. ނަމަވެސް މޫސުން ގޯސްވެގެން ކަމަށް ބުނެ އެ ފަހަރު އެކަން ލަސްކުރުމަށްފަހު އިތުރު ތާރީހެއް ދީފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 200 ހެކްޓަރުގެ އެ ފަޅުގައި އަޅާ 5000 ހައުސިން ޔުނިޓު އެޅުމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 10، ގައި ހަވާލުކުރީ ދިވެހި ކުންފުނި، ބައިސަން މޯލްޑިވްސްއާ އެވެ. އެ ކުންފުނިން އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ 'މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ފުރަތަމަ މޮކަޕް ޔުނިޓު ކާމިޔާބުކަމާއެކު ޓޯ ކުރެވިފައިވާ ކަމަށެވެ. އެ ޔުނިޓު މިހާރު ހުރީ ހުޅުމާލެ ފަޅުތެރޭގަ އެވެ.

ޑަޗް ޑޮކްލޭންޑްސްގެގެ ސީއީއޯ ޕައުލް ވަނީ މި މަޝްރޫއަކީ ކާމިޔާބު މަޝްރޫއަކަށް ވާނެ ކަމަށް މީގެކުރިން ވިދާޅުވެފަ އެވެ. އަދި، ދިވެހިން "މާޔޫސްކޮށް ނުލާނެ" ކަމަށް ވެސް ޕައުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ލިބުނު ހުއްދައާއެކު، ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގައި މި މަޝްރޫއު ނިމި، ފްލޯޓިން ސިޓީގައި އަމަލީ ކުލަތައް ޖެހިގެންދާނެ އެވެ.

ފްލޯޓިން ސިޓީގައި ގާއިމްކުރާ ގެތައް ވިއްކުމަށް އެ ކުންފުނިން ގަސްދު ކުރާ އަގަކީ 250،000 ޑޮލަރު ކަމަށް ޕައުލް އޭރު ވިދާޅުވި އެވެ.

މަޝްރޫއުގެ ފަސްފަހަތް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ސިޓީގެ މަޝްރޫއެއްގެ ވާހަކަ ދެކެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން 'ފައިވް ލެގޫން' މަޝްރޫއުގެ ދަށުން މާލެ އަތޮޅުން ފަސް ފަޅެއް ޑަޗް ޑޮކްލޭންޑްސްއަށް ދޫކުރި އެވެ.

ނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ނަޝީދުގެ ސަރުކާރު ނިމި ދެން އައި ޕީޕީއެމްގެ ސަރުކާރުގައި އެ ފަސް ފަޅުގެ ތެރެއިން ދެ ފަޅެއް އަނބުރާ ނަގާ ވިއްކާލި އެވެ. އެ ދެ ފަޅުގެ ބަދަލުގައި މި ސަރުކާރުން ވަނީ ޑަޗް ޑޮކްސްލޭންޑަށް ފަޅެއް ދޫކޮށްފަ އެވެ.

އެއާއެކު މާޗު، 2021 ގައި މި ސަރުކާރުން "ފްލޯޓިން ސިޓީ މޯލްޑިވްސް" ގެ ނަމުގައި އާ މަޝްރޫއެއްގައި ޑަޗް ޑޮކްލޭންޑްސްއާ އެކު ސޮއިކުރި އެވެ. އެ މަޝްރޫއުގެ ދަށުން ފުރަތަމަ ތަރައްގީކުރާނެ ކަމަށް ބުނީ އާރަށާ އެންމެ ކައިރިން އޮންނަ 200 ހެކްޓަރުގެ ފަޅުގައި 5000 ހައުސިން ޔުނިޓުގެ އެޅުމަށް ބައިސަން މޯލްޑިވްސްއާ ހަވާލު ކުރި އެވެ.

މި ޕްރޮޖެކްޓުގައިވެސް އަމަލީ ސިފައެއް ޖެހިފައި ނުވަނީސް އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުމުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ފްލޯޓިން ސިޓީގެ މަޝްރޫއަކީ ބޮޑު އޮޅުވާލުންގަނޑެއްގެ ގޮތުގައި ސިފަ ކުރައްވާ، މި މަޝްރޫގެ ތެރޭގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ.