Advertisement

ފުރަތަމަ ސްޓްރެޓެޖިކް ބައްދަލުވުމުގައި މަސްވެރިކަމުގެ ޓްރޭޑިން ޕާޓްނަރުންނަށް ވާން ޔޫކޭއާއެކު އެއްބަސްވެއްޖެ

20 ފެބުރުވަރީ 2023 - 23:59 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިނގިރޭސިވިލާތާއި ދިވެހި ސަރުކާރާއެކު ސްޓްރެޓެޖިކް ޑައިލޮގްގެ ފުރަތަމަ މަޝްވަރާތައް ބާއްވައިފި - ފޮޓޯ: ފޮރިން މިނިސްޓްރީ


ފުރަތަމަ ސްޓްރެޓެޖިކް ބައްދަލުވުމުގައި މަސްވެރިކަމުގެ ޓްރޭޑިން ޕާޓްނަރުންނަށް ވާން ޔޫކޭއާއެކު އެއްބަސްވެއްޖެ

20 ފެބުރުވަރީ 2023 - 23:59 0

އެކި ދާއިރާތަކުން ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުން ގުޅުން ބަދަހި ކުރުމަށް ފުރަތަމަ ފަހަރަށް ދެ ގައުމުގެ ފަރާތުން މިއަދު މަޝްވަރާކޮށް، މެރިޓައިމް ސެކިއުރިޓީއަށް މަސައްކަތް ކުރާ ރާއްޖެ-ޔޫކޭގެ ހާއްސަ ގްރޫޕެއް އުފެއްދުމަށާއި މަސްވެރިކަމުގެ ސިނާއަތުގައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި ދެ ގައުމު ހަރަކާތްތެރިވުމަށް ނިންމައިފި އެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި މެރިޓައިމް ސެކިއިރުޓީގެ އިތުރަށް ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ވެސް ދެ ގައުމު ބައިވެރިވާ ހާއްސަ ގްރޫޕެއް އެކުލަވާލަން ނިންމާފައިވެ އެވެ. މި ބައްދަލުވުންތައް އޮތީ މާލޭގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ސަރުކާރުގެ ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓެރަލް ޑރ. ހާލާ ހަމީދެވެ. އެ ވަފުދުގައި ރައީސް އޮފީހާއި ސަރުކާރުގެ ވުޒާރާތަކުގެ އިތުރަށް ދިވެހި ފުލުހުންގެ ހިދުމަތާއި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިސް އޮފީސްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އިނގިރޭސިވިލާތުގެ ފަރާތުން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު، އެންޑް ޑެވެލޮޕްމަންޓް އޮފީހުން އިންޑިއާ އަދި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑައިރެކްޓަރު ބެން މެލާ އެވެ. ދެން ބައިވެރިވީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީއާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ ދެމެހެއްޓެނިވި ގޮތުގައި ކުރެވޭ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް އެއްބަސްވެފަ އެވެ. އަދި މަސްވެރިކަމުގައި ޓްރޭޑިން ޕާޓްނާސް ގޮތުގައި ދެ ގައުމު އޮތުމަށް ވެސް މިރޭ އެއްބަސްވެފައިވެ އެވެ.

ބޮޑުދާ އަޅައިގެން އެއް ފަހަރާ ގިނައިން މަސް ބޭނުމުން މަސް ކަނޑުތައް ކުރިމަތިވާ ގެއްލުންތަކާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ. އޭގެ އިތުރަށް ކޮމަންވެލްތުން ދިވެހި ދަރިވަރުންނަށް ދޫކުރަމުން އަންނަ ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކައުންޓާ ޓެރަރިޒަމްގެ މައްސަލަތަކުގައި އާއި ހައްދުފަހަނައަޅައިދިޔުމާ ދެކޮޅަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ރާއްޖެ އާއި އިނގިރޭސިވިލާތުން ވެސް ފާހަގަ ކުރި އެވެ.

މިހާރު ވެސް އިނގިރޭސިވިލާތާއެކު އޮތް ދިފާއީ އެއްބަސްވުންތައް ކުރިއަށް ގެންދިއުމަށް ވެސް މި ބައްދަލުވުމުގައި ނިންމާފައިވެ އެވެ. އޭގެ ތެރޭގައި ހައްދުފަހަނައަޅައިދިއުމާއި އަނިޔާވެރިކަމާއި ޓެރަރިޒަމާ ދެކޮޅަށް ދެ ގައުމުގެ އަސްކަރިއްޔާއިން ހިންގާ ތަމްރީންތައް ހިމެނެ އެވެ.