Advertisement

އެތައް ހާސް ޑޮލަރެއްގެ އަގުހުރި "ބެލޫން ޑޯގް" ތަޅައިގެން ހިނގައްޖެ

20 ފެބުރުވަރީ 2023 - 08:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

"ބެލޫން ޑޯގް" ސްކަލްޕްޗާ ތަޅައިގެން ގޮސްފައި. -- ފޮޓޯ: ސްޓިފަން ގޭމްސަން


އެތައް ހާސް ޑޮލަރެއްގެ އަގުހުރި "ބެލޫން ޑޯގް" ތަޅައިގެން ހިނގައްޖެ

20 ފެބުރުވަރީ 2023 - 08:06 0

އެމެރިކާގެ މަޔާމީގެ އާޓް ގެލެރީއެއްގައި ދައްކަން ބަހައްޓާފައި ހުރި 42،000 ޑޮލަރުގެ އަގުހުރި "ބެލޫން ޑޯގް" ސްކަލްޕްޗާ ތަޅައިގެން ހިނގައްޖެ އެވެ.

އެމެރިކާގެ ޕޮޕް އާޓިސްޓް ޖެފް ކޫންސް އުފެއްދި އެ ސްކަލްޕްޗާ ވެއްޓުނީ މީހަކު އިނގިލި ކުރި ޖައްސާލުމުން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ނޫސްތަކަށް ބުނެފައިވެ އެވެ.

އެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހު އާޓް ވީންވުޑް ފެއާ ހުޅުވުމަށް ވީއައިޕީ ގެސްޓުންނަށް ދައުވަތު ދީގެން ބޭއްވި އިވެންޓުގެ ތެރެއިންނެވެ.

ސްކަލްޕްޗާ ބެލެހެއްޓުމާ ހަވާލުވެފައިވާ ބެލްއެއާ ފައިން އާޓް ގެލެރީޒްގެ އެޑްވައިޒަރު ބުނީ ތަޅައިގެން ދިޔަ "ބެލޫން ޑޯގް" ވަނީ އިންޝުއާކޮށްފައި ކަމަށެވެ.

އާޓިސްޓް ޖެފް ކޫންސް ވަނީ "ބެލޫން ޑޯގް" ގެ ގިނަ ސްކަލްޕްޗާތަކެއް ފަރުމާކޮށްފަ އެވެ. އެކަތި ތަޅައިގެން ދިޔުމުން އޭގެ ލިމިޓެޑް އެޑިޝަން ސްކަލްޕްޗާތަކުގެ އަދަދު ވަނީ 798 އަށް ތިރިވެފަ އެވެ.

ޖެފް ކޫންސް (ވ) 2019 ވަނަ އަހަރު އޮތް އެގްޒިބިޝަނެއްގެ ތެރެއިން.


އާޓް ގަނެވިއްކުމުގެ ވިޔަފާރު ކުރާ ބައެއް މީހުން ވަނީ ތަޅައިގެން ދިޔަ ސްކަލްޕްޗާ ގަންނަަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އުމުރުން 68 އަހަރުގެ އާޓިސްޓް ޖެފް ކޫންސް މިހާތަނަށް އެ ހާދިސާއާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޭނާގެ "ބެލޫން ޑޯގް" ސްކަލްޕްޗާޒްއަކީ މި ޒަމާނުގެ އާޓްގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް ސީރީޒް އެވެ. ބައެއް މީހުން އެ ސްކަލްޕްޗާތައް ގަތީ އެތައް މިލިއަން ޑޮލަރަށެވެ.

އޭގެ ތެރެއިން ބައެއް ސްކަލްޕްޗާތަކުގެ ދިގުމިނުގައި 10 ފޫޓު ހުރެ އެވެ. އެހެން ނަމަވެސް ތަޅައިގެން ދިޔައީ އެންމެ 16 އިންޗީގެ ސްކަލްޕްޗާ އެވެ.

ކޫންސް ހެދި "ރެބިޓް" ސްކަލްޕްޗާ 2019 ވަނަ އަހަރު ވިކުނީ 91.1 މިލިއަން ޑޮލަރަށެވެ. އެއީ ދުނިޔޭގައި ދިރިހުއްޓައި އާޓިސްޓެއްގެ މަސައްކަތަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އަގެވެ.