Advertisement

ޖޫނިއާ ޗެމްޕިއަންޝިޕް: ވިލާ އަށް ދެ ތަށި، އިމާދުއްދީނާއި ބިލަބޮންގް ވެސް ޗެމްޕިއަންކަން ހޯދައިފި

19 ފެބުރުވަރީ 2023 - 08:47 0


ޖޫނިއާ ޗެމްޕިއަންޝިޕް: ވިލާ އަށް ދެ ތަށި، އިމާދުއްދީނާއި ބިލަބޮންގް ވެސް ޗެމްޕިއަންކަން ހޯދައިފި

19 ފެބުރުވަރީ 2023 - 08:47 0

ޖޫނިއާ ޗެމްޕިއަންޝިޕްގެ ބާސްކެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ދެ ބައިގެ ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހޯދިއިރު، 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން އަދި އަންހެން ބައިގެ ޗެމްޕިއަންކަން އިމާދުއްދީން ސްކޫލުން ހޯދައިފި އެވެ.

ސްކޫލުތަކަށް އަމާޒުކޮށްގެން މުޅިން އަލަށް ކުރިއަށްގެންދިޔަ ޖޫނިއާ ޗެމްޕިއަންޝިޕްގައި ފުރަތަމަ ކުޅުނީ ސީނިއާ ދެ އުމުރުފުރާ ކަމަށްވާ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ މެޗުތަކެވެ. މި މަހު 6 ވަނަ ދުވަހުން ފެށިގެން 17 ފެބްރުއަރީ އަށް ކުރިއަށްދިޔަ މުބާރާތުގައި ސީނިއާ ބައިގައި 23 ސްކޫލަކުން ވާދަކުރި އެވެ.

ނަވާރަ އަހަރުން ދަށަށް ބަލާއިރު މި އުމުރުފުރާގެ ދެ ބައިން ވެސް ތަށި ހޯދީ ވިލާ އެވެ. އަންހެން ބައިގެ ފައިނަލުގައި ވިލާ ނުކުތީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލާ ދެކޮޅަށެވެ. ފައިނަލް މެޗު ވިލާ ކާމިޔާބުކުރީ 51-38 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ވިލާގެ އައިޝަތު އިނާޝާ އެވެ.

މި އުމުރުފުރާގެ ފިރިހެން ބައިގެ ތަށި ވިލާ އިން ހޯދީ ފައިނަލުގައި ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ބަލިކޮށްގެންނެވެ. 93-46 ޕޮއިންޓުން ވިލާ ފައިނަލް ކާމިޔާބުކުރިއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވިލާގެ އަހުމަދު ލައިލް ޝިފާން އެވެ.

އެންމެ ފޯރިގަދަކޮށްދިޔައީ 17 އަހަރުން ދަށުގެ ދެ ފައިނަލެވެ. އެ ގޮތުން އަންހެން ބައިގެ ޗެމްޕިއަންކަން އިމާދުއްދީނުން ހޯދީ 34-32 ޕޮއިންޓުންނެވެ. އިމާދުއްދީނާއި އިސްކަންދަރު ސްކޫލް ވާދަކުރި ފައިނަލް ފެނުނީ އެންމެ ފަހު ވަގުތާ ހަމައަށްވެސް ފޯރިގަދަ ކޮށެވެ. ފައިނަލު މެޗު 32-32 އިން އެއްވަރުވެފައި އޮއްވައި، އިމާދުއްދީން މެޗުން މޮޅުވީ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ސްކޯކުރި ބާސްކެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އިމާދުއްދީންގެ މަރިޔަމް ޒުލާލް ޝިޔާމް އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި ޖަމާލުއްދީން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބިލަބޮންގް އެވެ. ވާދަވެރިކޮށް ފެނުނު މި ފައިނަލް ބިލަބޮންގް ކާމިޔާބުކުރީ 70-63 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކީ ބިލަބޮންގްގެ އަބްދުﷲ އަލާން އިރުފާން އެވެ.

ސީނިއާ ބައިގެ ވަނަ ވަނަ އަށް ހޮވުނު ކުޅުންތެރިންނާއި ޓީމްތަކަށް އިނާމް ދިނުން އޮންނާނީ ޖޫނިއާ ދެ އުމުރުފުރާކަމަށްވާ 13 އަހަރުން ދަށާއި 15 އަހަރުން ދަށުގެ މެޗުތަކަށްފަހު އެވެ. މި ދެ އުމުރުފުރާގެ ކުޅުން ފަށާނީ އަންނަ މަހު ކުރީކޮޅުގަ އެވެ. މި ވަގުތު ޒުވާނުންގެ މަރުކަޒު ދޫކޮށްފައި އޮތީ މި މަހުގެ 20ގައި ފަށާ ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތަށެވެ.