16 ފެބުރުވަރީ 2023 - 15:45 0
ނިމާ ހަސަން
މިނިސްޓަރު އިބްރާހިމް ހަސަން; ލޯނު ފައިސާ ހޯދަން ކޯޓަށް ދާންޖެހޭ ހިސާބުން ދާނެ ކަމަށް ވިދާޅުވި
16 ފެބުރުވަރީ 2023 - 15:45 0
ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން އަނބުރާ ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް ދާންޖެހޭ ހިސާބަށް ދިޔުމުން ކޯޓަށް ވެސް ދާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މިހެން ވިދާޅުވި އިރު، އެކި ސްކީމްތައް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަނބުރާ ނުލިބި 186 މިލިއަން ރުފިޔާ ހުރިއިރު، އެ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް 2021 ވަނަ އަހަރުގެ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ލޯނު ދެނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ހޭދައެއް ކޮށްގެން ކަމަށާއި، ރާއްޖެއަށް ގެންނަން ޖެހޭ ތަރައްގީގެ ވަރަށް ބައިވަރު މަޝްރޫއުތައް އެބަހުރި ކަމަށެވެ. ނަމަވެސް އެކަންކަން ބަހައްޓާފައި، ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު ދެނީ މީހުން ބިނާކުރުމަށްޓަކައި އޭގެ ބޭނުން އިންތިހާއަށް ބޮޑުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ދަރިވަރުންގެ މައްޗަށް އޮތް ޒިންމާއެއް، އެމީހުންގެ މައްޗަށް އޮތް ވާޖިބެއް އެއީ އެ ފައިސާ އަނބުރާ ދެއްކުން މުސްތަގުބަލުގައި އެހެން ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް،" އިބްރާހިމް ހަސަން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މުސްތަގުބަލުގައި ރާއްޖެއަށް ހިދުމަތް ކުރުމަށް އާ ޒުވާނުންތަކެއް ތަމްރީނުވެގެން ތަރުބިއްޔަތުވެގެން ނުކުމެގެން އަންނާނީ ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުމުން ކަމަށާއި، މުސްތަގުބަލުގައި ގައުމު ބިނާވެގެންދާނީ އެއިރުން ކަމަށެވެ.
ލޯނުގެ ގޮތުގައި ދޭ ފައިސާ އަނބުރާ ދެއްކުމަކީ ދަރިވަރުގެ ބޮލުގައި އޮތް ޒިންމާއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވަނީ ލޯނުގެ ފައިސާ ހޯދަން ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ހަޔާ އެޑިއުކޭޝަނުގެ އޮޑިޓް ރިޕޯޓުގައި ބުނީ ހަދާފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް 2021 ވަނަ އަހަރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެއީ މީގެ ކުރީގެ އޮޑިޓް ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ފައިސާ އަނބުރާ ހޯދުމަށް މަސައްކަތް ކޮށްފައި ނުވާއިރު، މާލިއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ޝަރީއަތަށް ވެސް ހުށަހަޅާފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment