13 ފެބުރުވަރީ 2023 - 10:40 0
ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗަށް ފަހު، ބްރެންޓްފޯޑްގެ އައިވާން ޓޯނޭ ދަނޑުމަތީގައި އިށީނދެލައިގެން.
13 ފެބުރުވަރީ 2023 - 10:40 0
ލަންޑަން (ފެބްރުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) އިން ނިންމި ބައެއް ނިންމުންތަކަށް ގިނަ ބައެއްގެ ނުރުހުމާ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
އިނގިރޭސީ ޕްރިމިއާ ލީގުގައި 2019 އިން ފެށިގެން ބޭނުންކުރަން ފެށި ވީއޭއާރުގެ ނިންމުންތަކަށް މިދިޔަ ދެ ސީޒަންގައިވެސް ފާޑުކިޔުންތައް އަމާޒުވި އެވެ. މި އަހަރު ވީއޭއާރުން ނިންމާ ނިންމުންތަކުގެ މައްސަލަތައް ގިނަވެ، ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މި ހަފްތާގައި ވީއޭއާރުގެ މަައްސަލަ އެންމެ ބޮޑަށް ހޫނުވެފައި މި ވަނީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗެއްގައި ރެފްރީ ނިންމި ނިންމުންތަކެއްގެ ސަބަބުންނެވެ. މިގޮތުން ލީގުގެ އެއް ވަނައިގައި މިވަގުތު އޮތް އާސެނަލް އާއި ބްރެންޓްފޯޑު ވާދަކުރި މެޗުގައި ބްރެންޓްފޯޑުން ޖެހި ގޯލަކީ އޮފްސައިޑް ގޯލެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އެ މެޗަށްފަހު ވީޑިއޯ އެސިސްޓަންޓް ރެފްރީ ނިންމި ނިންމުން ގޯސްކަމަށް "އެއްބަސްވެފައި"ވާއިރު، ވީއޭއާރުން ނިންމުންތައް ނިންމަނީ ފަރުވާކުޑަކޮށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ ބުނެފަ އެވެ. އޭނާ ބުނީ ވީއޭއާރު ބޭނުނަކުރާތާ ހަތަރު އަހަރު ނިމެން އަންނައިރު، މި ކަހަލަ އާދައިގެ ގޯސްތައް ރަނގަޅުކުރަން ޖެހޭކަމަށެވެ.
އާސެނަލް މެޗުގެ ކުރިން ޗެލްސީ އާއި ވެސްޓްހަމް ކުޅުނު މެޗުގައި އެ ޓީމުގެ ތޯމަސް ސޫޗެކް އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން، ޗެލްސީ އަށް ލިބެން ޖެހޭ ޕެނަލްޓީއެއް ވީއޭއާރުން ނުދިން މައްސަލަ ވެސް ފެންމަތިވި އެވެ. އަދި ކްރިސްޓަލް ޕެލަސް އާއި ބްރައިޓަން ވާދަކުރި މެޗުގައި ބްރައިޓަން އިން ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމައި ވީއޭއާރުން އެ ގޯލު ބަލައެއް ނުގަތެވެ.
މި ހާދިސާތަކަށް ފަހު ފުޓްބޯޅައިގެ ގިނަ ބަޔަކު އަންނަނީ ވީއޭއާރަށް ފާޑުކިޔަމުންނެވެ. އިނގިރޭސި ލީގުގެ އެނަލިސްޓުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކުރީގެ ތަރިން ވެސް ފާހަގަކުރީ މިއީ ވީއޭއާރުގެ އެންމެ ގޯސް ނިންމުންތައް ނިންމި ދުވަހުގެ ގޮތުގަ އެވެ.
ވީއޭއާރުގެ ނިންމުންތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނެކަމަށް ތަޖުރިބާކާރުން ގަބޫލުކުރަނީ މި އަހަރުގެ ލީގު ރޭހަށެވެ. އެ ގޮތުން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ވީއޭއާރުގެ ސަބަބުން ގެއްލުމާ އެކު ސިޓީއަށް މިހާރު އޮތީ ލީގުގެ އެއް ވަނަ އަށް ޖެހިލަން ފުރުސަތު ހުޅުވިފަ އެވެ.
ވީއޭއާރަށް ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ރެފްރީން ވަނީ ކުއްލި ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމާފަ އެވެ.
ޕްރިމިއާ ލީގުގެ ޗީފް ރެފްރީ އޮފިސަރު ހަވާޑް ވެބް ވަނީ ކުއްލި ބައްދަލުވުމަކަށް ހުރިހާ ރެފްރީންނަށް ދައުވަތުދީފަ އެވެ. ބެލެވޭ ގޮތުގައި ވީއޭއާރު ބޭނުންކޮށްގެން ރެފްރީންނަށް ހެދޭ ގޯސްތައް ރަނގަޅުކުރުމަށް ކުރެވޭނެ އިތުރު ކަންތައްތައް މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.
Comment