12 ފެބުރުވަރީ 2023 - 02:50 0
އަލް ހިލާލް ބަލިކޮށް ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލަނީ.
12 ފެބުރުވަރީ 2023 - 02:50 0
ރަބަތު، މޮރޮކޯ (ފެބްރުއަރީ 12) - ސައުދީ އަަރަބިއްޔާގެ އަލް ހިލާލް އަތުން 5-3 އިން މޮޅުވެ، ޔޫރަޕްގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން ފަސް ވަނަ ފަހަރަށް ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.
ފީފާ އިން 2005 ވަނަ އަހަރު ފެށި، ކްލަބް ވޯލްޑް ކަޕްގެ ތަށި އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ ވެސް ރެއާލް އަތުގަ އެވެ. ރެއާލުން މި ވަނީ 2014، 2016، 2017، 2018 އަދި 2023 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.
މީގެ ކުރިން، ދުނިޔޭގެ ކްލަބް ޗެމްޕިއަނުން ހޮވަން، ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ އިންޓަ ކޮންޓިނެންޝިއަލް ކަޕްގެ ތަށި ވެސް ރެއާލުން ވަނީ 1960، 1998 އަދި 2002 ވަނަ އަހަރު ހޯދައިފަ އެވެ.
"އަހަރެން މި ހުރީ ވަރަށް އުފަލުން، އަށް ވަނަ ފަަހަރަށް އަހަރެމެން މި ވަނީ ދުނިޔޭގެ ޗެމްޕިއަން ކަން ހޯދާފައި. މިއީ އަހަރެމެން ހޯދަން ޖެހޭ ކާމިޔާބެއް، އުންމީދަކީ ސީޒަނުގެ ފަހު ބައިގައި މި ރޫހުގައި ކުޅެލުން،" މިރޭގެ ފައިނަލަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުންޏެވެ.
ރެއާލުން ވަނީ މިރޭގެ މެޗުގެ 18 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. މި ލަނޑުތައް ޖެހީ ވިނީޝިއުސް ޖޫނިއާ އާއި ފެޑެރީކޯ ވަލްވޭޑޭ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ރެއާލްގެ އޮފްސައިޑް މަޅިން ސަލާމަތްވެ، އަލް ހިލާލްގެ މޫސާ މަރޭގާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ.
އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 12 މިނިޓް ތެރޭ ރެއާުލުން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ވަނީ ވިނީީޝިއުސް ނެގި ހުރަހަކުން ގޯލެއް ޖަހައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން، ޑެނީ ކާވަހާލް ދިން ބޯޅައަކުން ވަލްވޭޑޭ ރެއާލަށް ހަތަރު ވަނަ ގޯލު ޖަހައިދިނެވެ.
މެޗުގެ 63 ވަނަ މިނިޓްގައި، އަލް ހިލާލްގެ ލޫޝިއާނޯ ވިއޭޓޯ ޖެހި އިންޑިވިޖުއަލީ މޮޅު ގޯލުން އެ ޓީމުން އަނެއްކާ ވެސް ހިތްވަރުކޮށް ކުޅެން ފެށި އެވެ. އޭގެ ހަ މިނިޓް ފަހުން، މެޗުގެ 69 ވަނަ މިނިޓްގައި ވިނީޝިއުސް ވަނީ އަނެއްކާ ވެސް ރެއާލަށް ގޯލެއް ޖަހައިދީފަ އެވެ.
އަލް ހިލާލުން 79 ވަނަ މިނިޓްގައި ވިއޭޓޯ ޖެހި ގޯލަކުން ފަރަގު ކުޑަކުރިއިރު، އިތުރު ގޯލެއް ޖަހަން މޫސާ މަރޭގާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
Comment