Advertisement

ޖޭއެސްސީން ފަނޑިޔާރުންނަށް "ޖެއްސުން" ކުރާ ކަމަށް ވިދާޅުވެ ސުއޫދުގެ ނުރުހުން

11 ފެބުރުވަރީ 2023 - 13:11 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަލާމްކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


ޖޭއެސްސީން ފަނޑިޔާރުންނަށް "ޖެއްސުން" ކުރާ ކަމަށް ވިދާޅުވެ ސުއޫދުގެ ނުރުހުން

11 ފެބުރުވަރީ 2023 - 13:11 0

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލާއިރު، ފަނޑިޔާރުންނަށް "ޖެއްސުންކުރާ" ރާގުގައި ސުވާލުކޮށް ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް ވިދާޅުވެ ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހުސްނުއްސުއޫދު ނުރުހުން ފާޅުކުރަައްވައިފި އެވެ.

އިއްޔެ މެންދުރު ފެށި އެ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސުއޫދު ވިދާޅުވީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް އޮންނަ މުއައްސަސާއިން ވެސް ހިފަހައްޓަން ޖެހޭ ސުލޫކުތަކެއް ހުންނާނެ ކަމަށެވެ.

"ޖޭއެސްސީން ވެސް ފަނޑިޔާރުންނާ ސުވާލު ކުރުމުގައި ވެސް ސުލޫކީ މިންގަނޑެއް ހުންނަން ޖެހޭ، އަހުލާގެއް ހުންނަން ޖެހޭ ސުވާލުކުރާ މީހާގެ ވެސް، ސުލޫކާ ގުޅޭ ގޮތުން ސުވާލުކުރާ މީހެއްގެ ވެސް ސުލޫކެއް ހުންނަން ޖެހޭ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ސުއޫދު ވިދާޅުވި އެވެ.

ޖޭއެސްސީން ސުޕްރީމް ކޯޓަށް ޒިޔާރަތްކޮށް އެ ކޯޓުގެ ބައެއް މުވައްޒަފުންނަށް ކޮށްފައިވާ ސުވާލުތަކެއް މިސާލެއްގެ ގޮތުގައި ސުއޫދު ކިޔައިދެއްވި އެވެ. އަދި އެއީ ކުރެވޭނެ ސުވާލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދާދި ފަހަކުން ވެސް ބަޔަކު ގެނެސްފައި ފަނޑިޔާރުގެ މުވައްޒަފުން ކައިރީ މި އަހަނީ، ފަނޑިޔާރުންގެ ކެއިއިރުގައި ބާކީވި އެތިކޮޅެއް ކަލޭމެންނަށް ނުދެނީހޭ، މިހެނެއް ނޭހޭނެ، ކަލޭމެންނަށް ބާކީވި އެތިކޮޅު ވެސް ނުދީހޭ ކާލީ، އެ ދުވަހު ކީއްވެހޭ ކުކުޅު ނުގެނައީ، ކީއްވެހޭ ބީފް ނުގެނައީ،" ސުއޫދު ކިޔައިދެއްވި އެވެ.

ބެލެވޭ ގޮތުގައި ސުއޫދު އިޝާރާތް ކުރެއްވީ ޖޭއެސްސީން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައަށެވެ. އެއީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެން ޖޭއެސްސީއަށް ހުށަހެޅި މައްސަލައެކެވެ. ޔާމީންގެ ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

ޖޭއެސްސީގެ ސުވާލުތައް ފަނޑިޔާރު ސުއޫދު ސިފަކުރެއްވީ ފަނޑިޔާރުންނަށް ފުރައްސާރަކުރުމުގެ ނިޔަތުގައި ކުރާ ސުވާލުތަކެއްގެ ގޮތުގަ އެވެ.

"މިއީ ޖެއްސުމަށް ކުރާ ސުވާލުތަކަށް، އަޅުގަނޑުމެންނަށް ޖެއްސުންކުރުމުގެ ނިޔަތުގައި، މާލާމާތް ކުރާ ރާގަށް، ފުރައްސާރަކުރާ ގޮތަށް ސުވާލުކޮށްގެން ނުވާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ ހައިސިއްޔަތުން ކުރިން ޖޭއެސްސީގައި ވެސް އުޅުއްވާފައިވާ ސުއޫދު ވިދާޅުވި އެވެ.

ސުލޫކީ މައްސަލަތައް ވެސް ގާނޫނުގައި އިތުރަށް މާނަކުރެވި އުސޫލުތަކެއް ހިފެހެއްޓެން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. ފަނޑިޔާރަކު ޝަރުއީ ގޮތުން، ގާނޫނީ ނުކުތާތަކެއްގެ މައްޗަށް ނިންމާ ނިންމުމެއްގެ ސަބަބުން ސުލޫކީ މައްސަލައެއް ބެލެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް އުސޫލެއް ނެތި ފިޔަވަޅު އަޅާނަމަ އަނެއްކާ ވެސް އަޅުގަނޑުމެން ލޮބީ ކުރަން ޖެހޭނެ، އިސްތިއުނާފްކުރެވޭ މައްސަލައެއްގައި އިސްތިއުނާފްނުކޮށް ޖޭއެސްސީއަށް ލީ، ޝަރުއީ ނިންމުމަކާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް ބެލިގެން ނުވާނެ،" ސުއޫދު ވިދާޅުވި އެވެ.

މުޖުތަމައުގައި ފަނޑިޔާރުންނާ މެދު ވެސް ދެކެވެނީ އެ ރިޔާސީ ދައުރަކަށް ސިޔާސީ ގޮތުން ވަގުތީ މުއްދަތަކަށް އައްޔަން ކުރާ ބަޔެއްގެ ގޮތުގައި ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭގެ ސަބަބުން ބޭންކުން ލޯނު ހޯދުމާއި އަދިވެސް އިތުރު އެތައް ގޮންޖެހުންތަކެއް ފަނޑިޔާރުންނަށް ކުރިމަތިވާ ކަމަށެވެ.

"[ރިޔާސީ] ދައުރު ބަދަލުވާއިރަށް ވަޒީފާ އެބަ ގެއްލޭ، ސުލޫކީ މައްސަލައެއް ބަލަން ފަށައިފާނެ، ކޮން އިރަކުން ކަމެއް ނޭނގެ ކަނޑާލާނީއެއް، އެއީ ވަރަށް ދެރަ ކަމެއް އެނގޭތޯ، ހަގީގަތުގައި މިއީ ފަނޑިޔާރުންގެ މިނިވަންކަމާ ގުޅިފައި އޮތް ކަމެއް،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އަހަރީ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަދަދު


ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން އެ ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބަވަ އެވެ. އެ ކޮމިޝަން މެދުވެރިކޮށް ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކޮންމެ ސަރުކާރެއްގައި ވެސް އަމާޒުވެފައިވެ އެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

މިހާރު އެ ކޮމިޝަންގައި ގިނައީ އެމްޑީޕީގެ ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހުގެ މެންބަރަކަށް ކޮމިޝަންގައި އިންނަވާ މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުރަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމަށް ގާނޫނު އަސާސީއަށާއި ޖޭއެސްސީގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް، މި އަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވެ އެވެ. ކޮމިޝަންގެ އެކުލެވުން ބަދަލުކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.