Advertisement

އަމީނީމަގު ހަނިކުރާތީ އަނެއްކާވެސް ކަންބޮޑުވުން; މޭޔަރު ވިދާޅުވީ ޓްރެފިކަށް ދިމާވާ ދާއިމީ ދަތިކަމެއް ކަމަށް

10 ފެބުރުވަރީ 2023 - 14:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތާރު އަޅައިގެން އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. -ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަމީނީމަގު ހަނިކުރާތީ އަނެއްކާވެސް ކަންބޮޑުވުން; މޭޔަރު ވިދާޅުވީ ޓްރެފިކަށް ދިމާވާ ދާއިމީ ދަތިކަމެއް ކަމަށް

10 ފެބުރުވަރީ 2023 - 14:59 0

ސަރުކާރުން މާލޭގެ އަމީނީ މަގު ތަރައްގީ ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ ދަށުން އެ މަގުގެ ފުޅާމިނުން ތިން ފޫޓު ހަނިކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މިދިޔަ އޮކްޓޯބަރު މަހު ކުރެއްވި ޓުވީޓެއް ހިއްސާކުރައްވަމުން މުއިއްޒު މިއަދު ވިދާޅުވީ މިކަމުގެ ސަބަބުން އެ މަގުން ދަތުރުކުރާ ޕަބްލިކް ޓްރާންސްޕޯޓު ބަސްތައް އަދި މަގުގެ ދެ ފަޅިން ދަތުކުރާ ޓްރެފިކަށް ކުރިމަތިވާ ދާއިމީ ދަތިކަމެއް ކަމަށެވެ.

އަމީނީ މަގުގެ ވެހިކަލް ދުއްވާ ސަރަހައްދުގެ ފުޅާމިނުގައި މިހާރު ހުންނަނީ 25 ފޫޓެވެ. ދެ ފަޅީގެ ޕޭމަންޓުގައި ހަތަރު ފޫޓެވެ.

ނަމަވެސް ޕްލޭނިން މިނިސްޓްރީއިން ރޯޑް ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެ މަގުގެ ދެ ފަޅީގެ ޕޭވްމަންޓު ފަސް ފޫޓު ހަތް އިންޗިއަށް ފުޅާކޮށް ވެހިކަލް ދުއްވާ ބައި 21 ފޫޓު 10 އިންޗިއަށް ހަނިކުރުމަށް ވަނީ ނިންމާފަ އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މީގެ ކުރިން މާލޭގެ މަގުތައް ތަރައްގީ ކުރުމުގެ ޕްލޭނުގައި ބިމުގެ އަޑިއަށް ލުމަށް ހަމަޖެހިފައިވާ "ކޭބަލްޓްރޭ" ވެސް މި ސަރުކާރުގެ މަޝްރޫއުގެ ތެރެއިން ބިމުން މަތީގައި ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އަމީނީ ކުރިން ލަފާކުރެވުނު 39 މިލިއަން ރުފިޔާގެ ބަދަލުގައި އަގުބޮޑުކޮށް 84 މިލިއަން ރުފިޔާއަށް ކަންވެސް މުއިއްޒު ވަނީ ފާހަގަކުރައްވާފަ އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ފާޑުކިޔުމެއް ކުރިމަތިވެފައިވާ އެއް މަޝްރޫއު އެވެ. އެގޮތުން އެ މަގުގައި ހުރި ގަސްތައް ކެނޑުމާއި، މަޝްރޫއުގެ އަގު ބޮޑުވުމާއި، މަސައްކަތް ހިނގާ ސްޕީޑު ދައްވުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ވަނީ ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔާފަ އެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގްރީމެންޓުގައި ނިމޭނެ ކަމަށް އޮތް ތާރީހަކީ މިހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ މުއްދަތުގައި އެ މަގުގެ މަސައްކަތް ނުނިމޭނެ ކަމަށާއި ރިވައިޒްޑް ކޮމްޕްލީޝަން ޑޭޓެއްގެ ގޮތުގައި ސެޕްޓެމްބަރު 27 ކަނޑައަޅާފައިވާ ކަމަށެވެ.