Advertisement

އަޑުނީވޭ މީހުން ރަނގަޅުކުރާ ކަމަށް ބުނާ "ޑޮކްޓަރު" ފުރި ފަހުން މައްސަލަ ބަލަން ފަށައިފި

7 ފެބުރުވަރީ 2023 - 23:10 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑރ. މާލާ (ކ) ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް: ބެލެވެނީ ހުޅުމާލެ ގޮނޑުދޮށް ކަމަށް -


އަޑުނީވޭ މީހުން ރަނގަޅުކުރާ ކަމަށް ބުނާ "ޑޮކްޓަރު" ފުރި ފަހުން މައްސަލަ ބަލަން ފަށައިފި

7 ފެބުރުވަރީ 2023 - 23:10 0

ކަންފަތަށް އަޑު ނީވުން ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަރުވާދޭ ކަމަށް ދައުވާ ކުރާ އިރާގުގެ ޑޮކްޓަރަކު ރާއްޖެ އައިސް ބަޔަކަށް ފަރުވާ ދިން މައްސަލަ ހެލްތު މިނިސްޓްރީއިން ބަލަން ފަށައިފި އެވެ.

ޑރ. މާލާ އަލީ މަހުމޫދު ނަމަކަށް ކިޔާ މި މީހާގެ މައްސަލަ މިނިސްޓްރީއިން މިއަދު ބަލަން ފަށާފައިމިވަނީ އޭނާ ރާއްޖެއިން ފުރައިގެންދިޔަތާ ފަސް ދުވަސް ފަހުންނެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިޝަތު ޝަތުފާ "އަދަދު" އަށް ވިދާޅުވީ މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"ރާއްޖެއިން ފުރައިގެން ގޮސްފަ ހުރީމަ ދެން އޭޅޭނެ ފިޔަވަޅަކަށް އިންނާނީ ކުރިއަށް އޮތް ތަނުގައި ރާއްޖެ ނާދެވޭ ގޮތް ހެދުން،" ޝަތުފާ ވިދާޅުވި އެވެ.

އަދި އެ މީހާ ރާއްޖެ އައިކަން މިނިސްޓްރީއަށް އެނގުނީ މިއަދު ކަމަށާއި އޭނާ ރާއްޖެ އައީ ޓުއަރިސްޓު ވިސާއެއްގައި ކަން އެނގިފައިވާ ކަމަށް ޝަތުފާ ވިދާޅުވި އެވެ.

މީގެއިތުރުން މިހާތަނަށް ބެލި ބެލުމުން އޭނާ ފަރުވާ ދިނުމަށް ދިޔައީ ކޮން ރަށަކަށް ކަމެއް އެނގިފާ ނުވި ނަމަވެސް ހުޅުމާލޭގައި އޭނާ ނަގާފައިހުރި ބައެއް ފޮޓޯ ސޯޝަލް މީޑިއާއިން ހޯދިފައިވާ ކަމަށްވެސް ޝަތުފާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުން އޭނާ ވަނީ ރާއްޖޭގެ ރަށަކަށް ގޮސް ގެއެއްގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އެކި މީހުންނަށް "ފަރުވާ" ދީފަ އެވެ. ޑރ. މަލާގެ ޕޯސްޓުތަކުގައި ބުނެފައިވަނީ އޭނާއަކީ ގުރުއާން ބޭނުންކޮށްގެން މީހުންނަށް ފަރުވާ ކުރާ މީހެއް ކަމަށެވެ. ނަމަވެސް މި ވީޑިއޯތަކާއެކު ރާއްޖޭގެ އެކި ދީނީ އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް މިއީ ސިހުރުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފަ އެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޑޮކްޓަރަކީ މީގެ ކުރިން ސައުދީ އަރަބިއްޔާ އަދި ތުރުކީގައި މިފަދައިން މީހުންނަށް ފަރުވާދިން ކަމަށް ބުނެގެން ހައްޔަރުވެސް ކޮށްފައިވާ މީހެކެވެ. ސައުދީއިން މީނާ ޑީޕޯޓްކޮށްލި ކަމަށްވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.