Advertisement

ފެތުމުގެ ދުނިޔޭގެ ފެޑެރޭޝަންގެ ރައީސްއާ އެކު ރާއްޖޭން މަޝްވަރާކޮށްފި

6 ފެބުރުވަރީ 2023 - 18:37 0

ފެތުމުގެ ދުނިޔޭގެ ފެޑެރޭޝަން، ވޯލްޑް އެކުއަޓިކްސްގެ ރައީސް ހުސެއިން އަލް-މުސައްލާމް (ވ) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ފެތުމުގެ ދުނިޔޭގެ ފެޑެރޭޝަންގެ ރައީސްއާ އެކު ރާއްޖޭން މަޝްވަރާކޮށްފި

6 ފެބުރުވަރީ 2023 - 18:37 0

ފެތުމުގެ ދުނިޔޭގެ ފެޑެރޭޝަން، ވޯލްޑް އެކުއަޓިކްސްގެ ރައީސް ހުސެއިން އަލް-މުސައްލާމްއާ ބައްދަލުކުރައްވައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖެ އަށް އެކި ގޮތްގޮތުން ފުރުސަތު ހޯދުމަށް މަޝްވަރާ ކޮށްފި އެވެ.

ކުވޭތަށް ނިސްބަތްވާ ހުސެއިން އަލް-މުސައްލާމްއާ އެކު، އެމްއޯސީން ބޭއްވި ބައްދަލުވުމުގައި ވަނީ މި އަަހަރު ރާއްޖޭން ވާދަކުރަން ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ގޭމްސްތަކުގައި ސްވިމިންގެ އެތުލީޓުންނަށް ފުރުސަތު ހޯދައިދިނުމުގައި ވޯލްޑް އެކުއަޓިކްސް އިން އެހީތެރިކަން ލިބޭނެ ގޮތްތަކާ މެދު ފުޅާދާއިރާއެއްގައި ވާހަކަ ދެކެވިފަ އެވެ.

އެ ގޮތުން، ފެތުމުގެ ދުނިޔޭގެ ފެޑެރޭޝަނާ ގުޅިގެން ރާއްޖޭގެ އެތުލީޓުންނަށް މި އަހަރު ސެޕްޓެމްބަރުގައި ފަށާ ހަންގްޒޫ އޭޝިއަން ގޭމްސް އަށް ތައްޔާރުވެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

އޭގެ އިތުރުން، ރާއްޖޭގައި ސްވިމިންގެ ހަރަކާތްތައް މިހާރަށް ވުރެ ރަނގަޅަށް، ދުނިޔޭގެ ފެޑެރޭޝަނާ ގުޅިގެން ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދު މޯލްޑިވްސް ސްވިމިން އެސޯސިއޭޝަންގެ ވެރިންނާ އެކު، ހުސެއިން އަލް-މުސައްލާމް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމާއި ކުވޭތު އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ހުސެއިން އަލް-މުސައްލާމް ވަނީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުޅިވަރުގެ ތަރައްގީ އަށް ކުރާ މަސައްކަތް ފާހަގަކުރާ ކަމަށް ވިދާޅުވެފަ އެވެ.

ކުޅިވަރު ދުނިޔޭގައި މި ވަގުތު އޮތް ލީޑަޝިޕް ނެޓްވޯކްގެ ނުފޫޒުގަދަ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވޭ ހުސެއިން އަލް-މުސައްލާމް ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފްއާ ވެސް ބައްދަލުކުރައްވާނެ އެވެ.