Advertisement

މައިނޯރިޓީ ލީޑަރުންނަށް ރިޔާސީ ބަޔާން އަޑުއަހަން ވަންނަން ފުރުސަތު ނުދިނުމުން ކަންބޮޑުވުން

6 ފެބުރުވަރީ 2023 - 14:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މައިނޯރިޓީ ލީޑަރުންނަށް ރިޔާސީ ބަޔާން އަޑުއަހަން ވަންނަން ފުރުސަތު ނުދިނުމުން ކަންބޮޑުވުން

6 ފެބުރުވަރީ 2023 - 14:37 0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ރިޔާސީ ދައުރުގެ ފަހު ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރުންނަށް ވަންނަން ފުރުސަތު ނުދިނުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖިލިސް އިދާރާގެ ގޭޓާ ހަމައިން ފެށި އިހުތިޖާޖު ރިޔާސަތު ކުރިމައްޗާ ހަމައަށް ގެންގޮސް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅި އެވެ. އެއާއެކު، ރިޔާސަތު ކުރިމަތީގައި އަޑުއުފުލަން ތިބި އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ފަސް މެންބަރެއްގެ ނަން އިއްވައި ސެކުއިރިޓީ މެދުވެރިކޮށް ތަޅުމުން ބޭރުކޮށްލި އެވެ.

އެއަށް ފަހު ވަގުތުކޮޅަކަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާާލި އެވެ. އޭގެ ފަހުން ޖަލްސާ ފަށައި ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު، އިދިކޮޅުގެ އެހެން މެންބަރަކު ވެސް ތަޅުމަކު ނެތެވެ.

ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ ރިޔާސީ ބަޔާން އިއްވި ވަގުތު ޖަލްސާއަށް ވަންނަން މަސައްކަތް ކުރެއްވި ނަމަވެސް މަޖިލީހުގެ ސެކިއުރިޓީން އެ ފުރުސަތު ނުދެއްވާ ކަމަަށެވެ.

އޭރު ޖަލްސާއަށް ވަންނަން އޭނާއާއެކު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ހުންނެވި އެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޖެހޭއިރު، ދެ ލީޑަރުން ވެސް ނެތި އިއްވި ބަޔާނަކަށް ޖަވާބު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުން މިއަދު މަޖިލީހުގެ ޖަލްސާގައި އިހުތިޖާޖު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް އިދާރާ


"މައިނޯރިޓީގައި މި ތިބި ދެ ލީޑަރުން ވެސް، އަޅުގަނޑާއި [ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު] މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވެސް ނެތް، އަޅުގަނޑުމެންނަށް ނީވުނު ރިޔާސީ ބަޔާނަކަށް ކިިހިނެއްތޯ ޖަވާބު އަރުވާނީ،" ސަލީމް ވިދާޅުވި އެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖް ކުރަން ތިއްބައި ރިޔާސީ ބަޔާން އިއްވާފައިވާ ކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރުންނަށް ތަޅުމަށް ވަންނަން ފުރުސަތު ނުދީ، މައިނޯރިޓީ މެންބަރުންނަށް އިހުތިޖާޖު ކުރަން ފުރުސަތު ނުދީ ރިޔާސީ ބަޔާން އިއްވުން ސަލީމް ސިފަކުރެއްވީ "ހުދުމުހުތާރު އަމަލެއް" ގޮތުގަ އެވެ.

"އަޅުގަނޑުމެންގެ އެންމެ ހައެއްކަ މެންބަރުން ތިބީ، ކުރިން ރައީސް ވަހީދު، ރައީސް ޔާމީން ހުންނެވި އިރު ވެސް، މިއަށް ވުރެ އަދި މާ ހުތުރުކޮށް، މާ ހޫނުކޮށް، އެމްޑީޕީގެ ވިހިތިރީސް މެންބަރުން ވެސް އިހުތިޖާޖު ކުރި އިރު، އެއްވެސް މެންބަރަކު ބޭރުނުކޮށް ރިޔާސީ ބަޔާން އިއްވާފައިވޭ،" ސަލީމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް، ވާދަވެރި ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޖަވާބެއް އިއްވަވަން ޖެހެ އެވެ. 2019، 2020، 2021، އަދި 2022 ގައި ވެސް ރައީސް އިއްވެވި ބަޔާނަށް ޖަވާބު އިއްވެވީ ސަލީމެވެ.