3 ފެބުރުވަރީ 2023 - 06:29 0
ޔުވެންޓަސްގެ ބްރެމާ ބޮލުން ބޯޅަ ފޮނުވާލަނީ.
3 ފެބުރުވަރީ 2023 - 06:29 0
ޓިއުރިން (ފެބްރުއަރީ 3) - އިޓާލިއަން ކަޕް ގެ ކުއާޓާ ފައިނަލް ފަހު މެޗުގައި ރޭ ލާޒިއޯ އަތުން 1-0 އިން މޮޅުވެ، ޔުވެންޓަސް އިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެެވެ.
އިޓާލިއަން ކަޕްގެ ސެމީ ފައިނަލް ދެ ލެގަށް ކުޅޭއިރު، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ކުޅޭ ސެމީގެ މެޗުތަކުގައި ޔުވެންޓަސް އިން ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ. މެއި މަހު ކުޅޭ ފައިނަލްގެ ޖާގަ އަކަށް ދެ ވަނަ ސެމީގައި ވާދަކުރަނީ ފިއޮރެންޓީނާ އާއި ކްރެމޮނީސޭ އެވެ. އިޓާލިއަން ލީގުގެ ފުލުގައި އޮތް ކްރެމޮނީސޭ ފައިނަލަށް ދަތުރުކުރީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރޯމާ އަތުން ކުއާޓާ ފައިނަލުގައި މޮޅުވެގެންނެވެ.
ޔުވެންޓަސް ދަނޑުގައި ރޭ ކުޅުނު ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޔުވެންޓަސް އަށް ޖަހައިދިނީ ބްރެޒިލްގެ ޑިފެންޑަރު، ގްލެއިސަން ބްރެމާ އެވެ.
މެޗުގެ 44 ވަނަ މިނިޓްގައި ބްރެއިމާ ބޮލުން ޖެހި މި ގޯލަކީ ޔުވެންޓަސްގެ ސާބިއާ ވިންގް، ފިިލިޕް ކޮސްޓިޗް ހުރަސްކޮށްލި ބޯޅަ އަކުން ޖެހި ގޯލެކެވެ. ބްރެމާ އެ ބޯޅަ ފޮނުވާލިއިރު، އެ ހުއްޓުވަން ލާޒިއޯގެ ކީޕަރު، ލުއިސް މެކްސިމިއާނޯ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މި މެޗުގައި ޔުވެންޓަސް އަށް އިތުރު ގޯލެއް ޖަހަން ފުރުސަތު ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ލާޒިއޯ އިން ނަތީޖާ ހަމަހަަމަކުރަން ކުރި މަސައްކަތް ކާމިޔާބުނުވީ ޔުވެންޓަސް ޑިފެންސްލައިން އޮގަނައިޒްވުމުންނެވެ.
މިއީ މާލީ މުއާމަލާތްތަކުގައި މަކަރުހަދާފައިވާ މައްސަލަތަކެއްގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރަން ނިންމި ފަހުން، އެ އަޑިގަނޑުން އަރައިގަންނަން ބަލާއިރު، ޔުވެންޓަސް އަށް ބޭނުންހިފޭނެ ނަތީޖާ އެކެވެ.
އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ޕޮއިންޓް އުނިކުރަން ނިންމި މައްސަލައިގައި ޔުވެންޓަސް އިން ވަނީ އެޕީލްކޮށްފަ އެވެ.
މި ފަހަރުގެ އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް ބައްދަލުކުރަން ޖެހުނުއިރު، މިދިޔަ ފަހަރު ތަށްޓަށް ވާދަކުރީ މި ދެ ޓީމުންނެވެ. ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުވެންޓަސްގެ މައްޗަށް ކުރިހޯދީ އިންޓަ އިންނެވެ. ޔުވެންޓަސް އިން 14 ފަހަރު އިޓާލިއަން ކަޕް ކާމިޔާބުކުރިއިރު، އިންޓަ އިން މި މުބާރާތުގެ ތަށި އުފުލާލީ އަށް ފަހަރު އެވެ.
Comment