މިއުނިކް (ފެބްރުއަރީ 2) - ޖަރުމަން ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ މައިންޒް އަތުން 4-0 އިން ބަޔާން މިއުނިކް މޮޅުވިއިރު، އެ ޓީމާ އަލަށް ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރު ޖޮއާއޯ ކަންސެލޯ ވަނީ ވިދާލައިފަ އެވެ.
މެންޗެސްޓާ ސިޓީން ލޯނު އެއްބަސްވުމެއްގެ ދަށުން އަންގާރަ ދުވަހު ބަޔާނަށް ބަދަލުވި ކަންސެލޯ ވަނީ މެޗުގެ 17 ވަނަ މިނިޓުގައި ބަޔާނަށް ލީޑު ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ. ކެމަރޫންގެ ފޯވަޑް އެރިކް މެކްސިމް ޗޫޕޯ-މޯޓިން ބަޔާނަށް ލީޑު ނަގައިދިނީ ކަންސެލޯ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ޖަމާލް މުސިއާލާ އާއި ލެރޯއީ ސާނޭ ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ. ބަޔާންގެ ހަތަރު ވަނަ ލަނޑު ދެ ވަނަ ހާފުގައި ޖެހީ އަލްފޮންސޯ ޑޭވީސް އެވެ.
މެޗުގެ 86 ވަނަ މިނިޓުގައި މައިންޒްގެ އެލްޒަންޑާ ހެކް އަށް ރަތްކާޑު ދެއްކުމުން އެ ޓީމު މެޗު ނިންމާލީ 10 މީހުންނާއެކުއެވެ.
މިއީ 2023 ވަނަ އަހަރު ބަޔާން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ޖަރުމަން ކަޕްގެ ކުއާޓާ ފައިނަލަށް ތިން ސީޒަންގެ ތެރޭގައި އެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެެވެެ.
ޖަރުމަން ކަޕްގައި ރޭ ހޮފެންހައިމް އަތުން 3-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އާރްބީ ލައިޕްޒިގް ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ.
Comment