31 ޖަނަވަރީ 2023 - 15:54 0
މުހައްމަދު ޝަހްޒާން
ގްރީން ކޮމެޓުގެ ފަހަތުން އުފެދިފައި އޮތް "ޓެއިލް" ދައްކާލުމަށް ނާސާއިން އާންމު ކުރި ފޮޓޯއެއް -- ފޮޓޯ: ނާސާ
31 ޖަނަވަރީ 2023 - 15:54 0
އައިސް އޭޖަށްފަހު ފުރަތަމަ ފަހަރަށް ދުނިޔެއަށް ފެންނަ ގްރީން ކޮމެޓު ހަމަލޮލުން ބަލައިލުމުގެ އިންތިޒާމު މާލެ އާއި ހުޅުމާލޭގައި ސްޕޭސްކެޓުން އިންތިޒާމުކޮށްފި އެވެ.
ގްރީން ކޮމެޓު ނުވަތަ C/2022 E3 (ZTF) އެންމެ ފަހުން ދުނިޔެއަށް ފެނިފައި ވާނީ މީގެ ފަންސާސް ހާސް އަހަރު ކުރިން ކަމަށް ސައިންސުވެރިން ބުނެ އެވެ.
ފެހި ކުލައިން ދިއްލިފައި ހުންނަ ފުސް ބޯޅައެއް ގޮތަށް ފެންނަ އެ ކޮމެޓު ދުނިޔެއާ 26.4 މިލިއަން މޭލަށް (42.5 މިލިއަން ކިލޯމީޓަރު) ކައިރިވާނެ އެވެ.
ތާރީހީ އެ ކޮމެޓު ބަލާލުމުގެ އިންތިޒާމު މާލޭގައި ހަމަޖައްސާފައި ވަނީ މިރޭ 8:00 ގައި މަސްވެރިންގެ ޕާކު ސަރަހައްދުގަ އެވެ.
އެ ކޮމްޓު ބަލާލުމުގެ ހަރަކާތް ހުޅުމާލޭގައި ކުރިއަށް ގެންދާނީ މާދަމާ ރޭ 8:00 ގައި ހިޔާ ސަރަހައްދުގައި، ވޯލްޑުކަޕު ބެލުމަށް ސްކްރީން ބެހެއްޓި ހުސް ބިމުގެ އެވެ.
އެ ކޮމެޓު ބެލުމުގެ އިންތިޒާމު ސްޕޭސް ކެޓުގެ ފަރާތުން ހަމަޖައްސާނީ ޓެލެސްކޯޕު މެދުވެރިކޮށެވެ. ޓެލެސްކޯޕުން އެ ކޮމެޓު ބަލާލުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ.
ޓެލެސްކޯޕުގެ އިތުރުން ދުރުމީ އަޅައިގެން ވެސް އެ ކޮމެޓު ބަލާލެވޭނެ އެވެ. އަދި އަލީގެ ނުސާފުކަމެއް ނެތް ސަރަހައްދެއް ނަމަ ހަމަލޮލަށް ވެސް އެ ކޮމެޓު ފެންނާނެ އެވެ.
އަމިއްލައަށް އެ ކޮމެޓު ބަލައިލަން ބޭނުންވާ ފަރާތްތަކުން ސްޓާގޭޒިން އެޕު ބޭނުން ކުރުމަށް ރޯޔަލް މީޓިއޮރޮޖިކަލް ސޮސައިޓީން އިރުޝާދު ދެއްވަ އެވެ.
(ކ) ޓެލެސްކޯޕު ބޭނުންކޮށްގެން ގްރީން ކޮމެޓު ފެންނާނެ ގޮތް (ވ) ހަމަލޮލަށް ގްރީން ކޮމެޓު ފެންނާނެ ގޮތް
ގްރީން ކޮމެޓު އެންމެ ފުރަތަމަ ހޯދާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގައި ކެލިފޯނިއާގައި ހުންނަ ޒްވިކީ ޓްރާންސިއެންޓު ފެސިލިޓީންނެވެ. ކޮމެޓުގެ ނަމުގައި ހިމެނޭ ZTF އަކީ އެ ސަބަބާ ހުރެ ދެވިފައިވާ ތިން އަކުރެވެ.
ސައިންސުވެރިން ލަފާ ކުރަނީ އެ ކޮމެޓަކީ ސޫރުދަ ނިޒާމުގެ އެންމެ ބޭރުގައި އޮންނަ އޫޓް ކްލައުޑުން ނުކުތް ކޮމެޓެއް ކަމަށެވެ. އޫޓް ކްލައުޑަކީ ސައިންސުވެރިންނަށް ވެސް އަދި މާބައިވަރު މައުލޫމާތުތެކެއް ހޯދިފައި ނުވާ ސަރަހައްދެކެވެ. އެހެންނަމަވެސް، އެއީ ގިނަ އަދަދަކަށް ގަނޑުފެން ހުންނަ ސަރަހައްދެއް ކަމަށް ސައިންސުވެރިން ބުނެ އެވެ.
ކޮމެޓަކީ ހިރަފުހާއި ހިލަ އާއި ގަނޑުފެން އެކުލެވޭ ގިނިހިލަ އެކެވެ. އާންމުކޮށް ކޮމެޓު ބޭރުވަނީ އޫޓު ކުލައުޑުންނެވެ. މިގޮތަށް ބޭރުވާ ކޮމެޓުތައް އިރާ ގާތްވާ ވަރަކަށް ވިރެމުންދެ އެވެ. ގްރީން ކޮމެޓު އިރާ އެންމެ ކައިރިން ދަތުރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ކޮމެޓުގެ ވަށައިގެން ހިރަފުހާ ގޭސް އެކުލެވޭ ފަށަލައެއް އުފެދިފައި ހުރެ އެވެ. އިރުގެ ހޫނުގެ ސަބަބުން އެ ފަށަލަ ވިރި ފުސްގަނޑަކަށް ބަދަލުވެ އެވެ. ކޮމެޓު ދަތުރު ކުރި ރޮނގު އެނގޭހެން ފަހަތަށް ފެންނަން އޮންނަ "ޓެއިލް" އަކީ އެގޮތަށް ބޭރުވާ ފުސްގަނޑެވެ. އެ ފުސްގަނޑުގެ ތެރެއަށް އިރުގެ އަލި އެޅުމުން ދިއްލެ އެވެ. ގްރީން ކޮމެޓު ފެހި ކުލައިން ފެންނަން ހުންނަ ސަބަބަކީ އެއީ އެވެ.
Comment