Advertisement

ނޮޅިވަރަމު ދަނޑުގައި ޓާފު އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ޓާފުތަކުގައި ރޯކޮށްލައިފި

31 ޖަނަވަރީ 2023 - 09:52 2

ނިމާ ހަސަން

ނިމާ ހަސަން

ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި އަޅަން ގެނެސްފައި ހުރި ޓާފްތަކުގައި ރޭ މެންދަމު ރޯކޮށްލާފައި


ނޮޅިވަރަމު ދަނޑުގައި ޓާފު އަޅަން ތިން ދުވަހަށް ވެފައި ވަނިކޮށް ޓާފުތަކުގައި ރޯކޮށްލައިފި

31 ޖަނަވަރީ 2023 - 09:52 2

ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި ޓަފު އަޅަން ތައްޔާރުވެފައި ވަނިކޮށް ޓާފްތަކުގައި ރޯކޮށްލައިފި އެވެ.

ނޮޅިވަރަމު ކައުންސިލުގެ ރައީސް ޔޫސުފް މޫސާ މިއަދު 'އަދަދު' އަށް ވިދާޅުވީ ޓާފްތަކުގައި ރޯކޮށްލައިގެން އުޅޭ ހަބަރު ލިބުނީ ރޭ މެންދަމު 3:30 ހާއިރު ކަމަށާއި، އެ އަލިފާންގަނޑު ނިވާލެވުނީ މިއަދު ހެނދުނުވީ ފަހުން ކަމަށެވެ. އަ،ދި އެއީ ބަޔަކު ގަސްތުގައި ކޮށްފައި ހުރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫސުފް ވިދާޅުވީ ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރާތާ ހަތަރު އަހަރުވެފައިވާ ކަމަށާއި، އެކި ސަބަބުތަކާ ހެދި އެ މަސައްކަތް ލަސްވަމުންދާތީ ރައްޔިތުންނާއި، ކައުންސިލުގެ ވެސް ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

"މަސައްކަތް ލަސްވެގެން ރޯކޮށްލަންޏާމު ރޯކޮށްލިތާ މިހާރު އެތައް ދުވަހެއް. އެކަމަކު އެއީ ހަމަ ގަސްތުގައި ކޮށްފައި ހުރި ކަމެއް" ޓާފްތަކުގައި ރޯކޮށްލި ސަބަބެއް އަދި ރޯކޮށްލި ކަމަށް ބެލެވޭ މީހަކުވެސް ނޭނގޭކަން ހާމަކުރައްވަމުން ޔޫސުފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓާފްތަކުގައި ރޯކޮށްލި ނަމަވެސް ހުރިހާ ޓާފެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު 'އަދަދު'އަށް ވިދާޅުވީ ނޮޅިވަރަމު ދަނޑުގައި ޓާފް އަޅަނީ ފަސް މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން ކަމަށާއި، ޓާފްތަކުގައި ރޯކޮށްލުމުން ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

"ހަމަ ގަސްތުގައި ކޮށްފައު ހުރި ކަމެއް. މިކަމުގެ ގެއްލުން ލިބޭނީ ހަމަ ރަށަށް" ޓާފް އެޅުމުގެ މަސައްކަތް ފެށުމަށް ތިން ދުވަހަށް ވެފައި ވަނިކޮށް ޓާފްތަކުގައި ރޯކޮށްލުމުން މިނިސްޓަރު ވިދާޅުވި އެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ އެ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތަަށް ވެސް މިނިސްޓްރީން ބޮޑު ހަރަދެއް ކުރި ކަމަށެވެ. އަދި، ގިނަ ގޮންޖެހުންތަކަކަށްފަހު އެ ދަނޑުގެ މަސައްކަތް ކުރަން ފަށަން އުޅެނިކޮށް ޓާފްތަކުގައި ރޯކޮށްލުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.