Advertisement

އަސާސީ ގަވާއިދާ ހިލާފުވުމާއި ޕާޓީން ވަކިކުރުމުގެ މާޒީ

31 ޖަނަވަރީ 2023 - 10:34 3

އަހުމަދު އާއިދު

އަހުމަދު އާއިދު


އަސާސީ ގަވާއިދާ ހިލާފުވުމާއި ޕާޓީން ވަކިކުރުމުގެ މާޒީ

31 ޖަނަވަރީ 2023 - 10:34 3

ރާއްޖޭގައި ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އަދި މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އަސާސީ ގަވާއިދަކީ ޕާޓީއަށް ކުރިމަތިވި ދަތި ދުވަސްތަކާއި ކޯޅުންތަކުން ޕާޓީ ސަލާމަތްކޮށްދިން މައިގަނޑު ވަސީލަތެވެ. އަސްލު ނުގެއްލި ޕާޓީގެ ދެމި އޮތުމުގެ މައިގަނޑު ސަބަބަކީ އެ ގަވާއިދަށް އަމަލު ކުރުމެވެ.

ގަވާއިދާ ހިލާފުވި ކަމަށް ތުހުމަތު ކުރެވުނު ވެރިން ވެސް ޖެހުނީ ޕާޓީއާ އެކަހެރިވާށެވެ. ރައީސުންނާއި ނައިބު ރައީސުން އަދި ޗެއާޕާސަނުންނެވެ. ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރުންނާއި މަޖިލީހުގެ މުހިންމު މެންބަރުންނެވެ. ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެއްޖެ ކޮންމެ މީހަކާމެދު ފިޔަވަޅު އަޅަމުން ދިޔައީ "ބޮލަކަށް ކަނދުރާއަކަށް ބެލުމެއްނެތި" އެވެ.

މާޒީގެ ސަފުހާތައްވެސް ދައްކަނީ އެެ މަންޒަރެވެ.

އަލްހާން ފަހުމީ އާއި ޑރ. އިބްރާހިމް ދީދީ ވަކިކުރުން

އެމްޑީޕީގެ ތާރީހުގައި ދުށް ދަތި, އަނދިރި ދުވަސްތަކުގެ ތެރެއިން 2012 ވަަނަ އަހަރުގެ ކުރީކޮޅެވެ. ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާއެކު ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމި އެވެ.

އޭޕްރިލް 30، 2012 ގައި ދަރުބާރުގޭގައި ބޭއްވި ގައުމީ މަޖިލީހުގެ 104 ވަނަ ޖަލްސާގައި ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ (ޑީޑީ) އާއި، ނައިބު ރައީސް އަލްހާން ފަހުމީގެ އިތުބާރު ނެތް ކަމަށް ނިންމި ސަބަބަކަށް އޭރު ދެކުނީ އޭރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުމަށް ފަހު އޮތް ވެރިކަމަށް އެއްބާރުލުން ދިނުމެވެ.

"މި ބާޣީ ސަރުކާރާއި ބެހޭ ގޮތުން 8 ފެބްރުއަރީ 2012 ގައި މި މަޖިލިހުން ގަރާރެއް ފާސްކޮށްފައިވީ ހިނދު، އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި މި ޕާޓީގެ މެމްބަރުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނެސްދޭ ގޮތަށް އަމަލުތައް ތަކުރާރުކޮށް ބަހައްޓަވަމުން ގެންދަވާތީ އާއި، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރައްވަމުން ގެންދަވާތީވެ ޕާޓީގެ ރައީސް ޑރ.އިބްރާހީމް ދީދީ އާއި ޕާޓީގެ ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތްތޯ ބެލެމަށް ހުށަހަޅަން،" އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އަމީންއާންމު ހާމިދު އަބްދުލްގަފޫރު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވެ އެވެ. ހާމިދު އަބްދުލް ގަފޫރަކީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

ޑީޑީ އަދި އަލްހާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމި ގައުމީ މަޖިލީހުގެ ޖަލްސާ


އޭރުވެސް އެ ނިންމުމާ ދެކޮޅަށް އެތައް މިނެޓެއް ވަންދެން، ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ދެކޮޅު ހެދުންތަކުގެ ތެރެއިން ބަސް ވިދާޅުވަމުން ގެންދެވި އަލްހާން މިއަދު ވެސް ވިދާޅުވަނީ އެއް ވާހަކަ އެކެވެ. އޭނާ ޕާޓީން ބޭރުކޮށްލެވެނީ ރައީސް ނަޝީދާ ދެކޮޅުވުމުން ކަމަށެވެ.

އަލްހާން ކުރައްވާ ތުހުމަތުތަކެއް ވެސް އެބަހުއްޓެވެ. އޭނާ ނައިބު ރައީސް ކަމަށް އިންތިހާބުވީ އެމްޑީޕީގެ އެންމެ ވާދަވެރި އެއް އިންތިހާބުގެ ތެރެއިންކަން ފާހަގަކުރައްވައި އަލްހާން ވިދާޅުވީ އޭރުވެސް އަލްހާނަށް ނަޝީދުގެ ތާއީދު ނެތް ކަމެވެ.

"ރައީސް ނަޝީދު [ވެރިކަމުން] އިސްތިއުފާ ދެއްވުމަށްފަހު އަޅުގަނޑު ދެންނެވީ، އަޅުގަނޑަކަށް ނުފެނެއޭ މި ޕާޓީގެ ކުރިމަގުގައި، ޕާޓީގެ ރިޔާސީ ކެންޑިޑޭޓެެއްގެ ގޮތުގައި ރައީސް ނަޝީދު ބަހައްޓައިގެން ޕާޓީއަށް އެކަން ކުރެވޭނެ ކަމަށް" އަލްހާން ވިދާޅުވި އެވެ.

އޭރު އޮތް ގައުމީ މަޖިލީހަކީ ރައީސް ނަޝީދު ކޮންޓްރޯލް ކުރެއްވި މަޖިލީހެކެވެ.

"ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ނަޝީދުއަށް ވާދަވެރިކަމެއް އޮތް، ނަޝީދުއަށް ތާއީދު ނުކުރާހެން ހީވާ މީހެއް ވިއްޔާ މަގާމުން ވަކިކުރުން އެއީ އެތަނުގައި ކަން ކުރަމުން އައި ގޮތް" އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އޭނާ މަގާމުން ވަކިކުރީ ނަޝީދަށް ގޮންޖެހުމަކަށް ވެދާނެ ކަމަށް ފެނިވަޑައިގެން ކަމަށް އަލްހާން ވިދޅާުވި އެވެ.

ނައިބު ރައީސްކަމުން އަލްހާން ވަކިކުރި ނަމަވެސް، އޭނާ ޕާޓީގައި މަޑުކުރެއްވެވި އެވެ. ޑރ.ޑީޑީ ބަދަލުވީ ޖުމްހޫރީ ޕާޓީއަށެވެ.

ޕާޓީގައި މަޑުކުރެއްވި ނަމަވެސް، އޮކްޓޯބަރު 29, 2016 ގައި އަލްހާން ޕާޓީން ވެސް ވަކިކުރި އެވެ. ފިޔަވަޅު އަޅާ ކޮމެޓީން ނިންމި ނިންމުމުގައި ބުނެފައިވަނީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ އަސާސީ ގަވާއިދާ ހިލާފުވުމާއި، ޕާޓީއަށް ގެއްލުންވާ ގޮތަށް އަލްހާން ގިނަ އަމަލުތަކެއް ކޮށްފައިވާ ކަމަށެވެ. އެކަންކަމުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ބައިވެރިވެފައިވާ އިދިކޮޅު އިއްތިހާދު ގަބޫލު ނުކުރުމާއި ސަރުކާރަށް ވާގިވެރިވާ ފަދައިން ދައުލަތުގެ މީޑިއާގައި ވާހަކަ ދެއްކުމާއި ޕާޓީގެ އޮފީހަށް ވަދެ ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތު ހިމެނެ އެވެ.

އެ ތުހުމަތުތައް ކޮށް އޭނާ ޕާޓީން ވަކިކުރީ ޖެހިގެން އަންނަ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކޮށްފާނެތީވެ، އެ ފުރުސަތު ބަންދުކުރުމަށް ކަމަށް އަލްހާން ވިދާޅުވި އެވެ. އޭނާއާ މެދު އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމްޑީޕީއަށް އަލުން ގުޅިއްޖެ ނަމަވެސް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ނުވަތަ ޕްރައިމަރީއެއްގައި ވާދަނުކުރެވޭނެ ކަަމަށް ނިންމުމުގެ އޮތެވެ.

ރީކޯ މޫސާ މަނިކު ޕާޓީ ވަކިކުރުން

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކު އެ ޕާޓީން ވަކިކުރުމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ ޑިސެމްބަރު 22، 2014 ގަ އެވެ. ސަބަބެއް ކަމުގައި އޭރު ޕާޓީއިން ބުނީ ޑިސެމްބަރު 14، 2014 ގައި އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓެއްގައި ޕާޓީގެ ވިޕްލައިނާ ހިލާފުވުމެވެ. އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު (މިހާރު އުއްތަމަ ފަނޑިޔާރު) މުއުތަސިމް އަދުނާނު މަގާމުން ދުރުކުރަން ނެގި އެ ވޯޓުގައި އެމްޑީޕީގެ ވިޕްލައިނަކީ އެ ފަނޑިޔާރުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓު ދިނުމަށެވެ.

އެ ޖަލްސާގައި މޫސަ ހިމެނޭ ގޮތަށް ޖުމުލަ އެމްޑީޕީގެ ފަސް މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ. އެއީ މައްސަލައެއްގެ ގޮތުގައި މައާފަށް އެދެން ހުށަހެޅި ނަމަވެސް މޫސަ އެގޮތަށް އަމަލު ނުކުރެއްވުމުން، ޕާޓީން ނިންމީ އޭރު އެންމެ ވަރުގަދަ އެއް މެމްބަރެއްގެ ގޮތުގައި ހުންނެވި މޫސާ މަނިކު ޕާޓީން ވަކިކުރުމަށެވެ.

ޕާޓީގެ މަސްލަހަތު ހިފެހެއްޓުމަށެވެ. ގަވާއިދު ތަންފީޒު ކުރުމަށެވެ.

ރީކޯ މޫސާ މަނިކު 2009 ވަނަ އަހަރުގެ މަޖިލިސް ކެމްޕޭނުގެ ތެރެއިން - ފޮޓޯ: ފައިލް


ދެއްކި މަންޒަރަކީ އެއީ ކަމަށް ވިޔަސް، މޫސަ ވަކިކުރުމުގެ ފަހަތުގައި އެހެން ކަމެއް އޮތެވެ. ދެހާސް ސާދަ ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާއެއްގައި ދެން އޮންނަ ޕްރައިމަރީއެއްގައި ވާދަ ކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އެ ޖަލްސާގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ. މޫސަ ގަބޫލު ކުރައްވާ ގޮތުގައި އޭނާ ޕާޓީން ވަކިކުރި އަސްލު ސަބަބަކީ ނަޝީދަށް ޗެލެންޖެއްގެ ގޮތުގައި އޭނާ ވެދާނެތީ އެވެ.

މިއަދު މޫސަ ހުންނެވީ އޭނާއާ މެދު އެޅި ފިޔަވަޅާ އެއްގޮތަށް މާފަށް އެދިވަޑައިގެން, 50 މެންބަރުންގެ ސޮއި ހޯއްދަވައިގެން އެނބުރި ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާ މެމްބަރެއްގެ ގޮތުގަ އެވެ.

ޝުއައިބު އަލީ ވަކިކުރުން

ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އަކީ އެމްޑީޕީ އުފެއްދުމުގެ އެންމެ އިސް ބައިވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އިސްލާހީ ހަރާކާތުގެ ކުރީކޮޅުގައި ޝުއައިބު ހުންނަވާނީ ނަޝީދުއާ އެންމެ އަރިސްކޮށެވެ. ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުކަން އެތައް ދުވަހެއް ވަންދެން އޭނާ ކުރެއްވެވި އެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ޕާޓީގެ ކެންޑިޑޭޓުންނަށް ފާޅުގައި ދެކޮޅު ހެދި ކަމަށާއި ސޯޝަލް މީޑިއާގައި ޕާޓީގެ އަގު ވައްޓާލާ ކަމަށް ބުނެ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އޮގަސްޓު 8، 2021 ގައި ޝުއައިބު ޕާޓީއިން ވަކިކުރި އެވެ.

ނަޝީދު ރާއްޖޭން ބޭރަށް އަރުވާ ލެވިގެން ހުންނެވުމަށް ފަހު 2005 ވަނަ އަހަރު ކުރީކޮޅުގައި ރާއްޖެ ވަޑައިގެން ސަޕޯޓަރުންނާއެކު ހިންގަވާފައި ވަޑައިގަންނަވާއިރު، ޝުއައިބްއާއެކު އަތާއި އަތް ގުޅާލައްވައިގެން.


ޝުއައިބު ސޯޝަލް މީޑިއާގައި ހިއްސާކުރި 'ކާޓުން' ރައްދުވީ ޕާޓީގެ ރައީސް ނަޝީދުގެ ބަރުލަމާނީ މަސައްކަތްފުޅަށެެވެ.

ޝުއައިބު "އަދަދު" ނޫހަށް އަށް ވިދާޅުވީ އޭނާ އެމްޑީޕީން އަދި ފިޔަވަޅު އަޅާ ކޮމިޓީން ވަކިކުރީ ސީދާ ނަޝީދުގެ އެންގުމަށް ކަމަށެވެ.

"ރައީސް ނަޝީދު އަސާސީ ގަވާއިދާ ހިލާފަށް ކުރަމުންދިޔަ މައްސަލަތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ މީހެއްކަން ޔަގީންވީމަ [ޕާޓީއިން ވަކިކުރީ]" އޭނާ ވިދާޅުވި އެވެ.

ނަޝީދަށް ވާނީ ކިހިނެއް؟

މާޒީގެ ސޮފުހާތައް ދައްކާ ގޮތުން އެމްޑީޕީން އެ ޕާޓީގެ އަސާސީ ގަވާއިދަށް އިހުތިރާމުކުރެ އެވެ. އެ ގަވާއިދާ ދެކޮޅުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު ވެސް އަޅާފައިވާކަން ފެންނަން އެހެރީ އެވެ. ނަމަވެސް މިއަދުގެ ހާލަތުގައި، މިއަދު މިއޮތް ސިޔާސީ ރާޅުބާނީގައި އެކަން އެގޮތަށް ނަގަހައްޓާނެ ހިތްވަރު އެމްޑީޕީގައި އެބަހުރިތޯ އެއީ އުފެދޭ ސުވާލެކެވެ

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ނަޝީދަށް ކުރިމަތިވީ ބޮޑު ބައްޔަކާ އެވެ. ނަޝީދު ވަނީ އިންތިހާބުގެ ދުވަހު ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައްވާފަ އެވެ. ނަމަވެސް ފަހުން ކެމްޕޭން ޓީމުތަކަށް ފޮނުއްވި މެސެޖުގައި ނަޝީދު ވަނީ ބަލި ގަބޫލުކުރަައްވާފަ އެވެ. ނަމަވެސް އެއާއެކު ވިދާޅުވެފައި ވަނީ ރައީސް ސޯލިހާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، މިހާރު މަސައްކަތް ކުރައްވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ފައްޓަވާ ށެވެ. އެ ހަރަކާތުގެ ދަށުން ރަށްރަށުގައި ގޮފިތައް ހެދުމަށްވެސް ނަޝީދު ގޮވާލެއްވި އެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި "ފިކުރުގެ ދިރުމުން" ކާމިޔާބު ކުރާނީ ކޮން ކެންޑިޑޭޓަކަށްތޯ ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެންޑިޑޭޓު ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލަމެންޓަރީ ނިޒާމަށް ބަދަލު ކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދު ކުރަން ފަސޭހަވާނެ ކެންޑިޑޭޓެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 16 ވަނަ މާއްދާގެ ބ. ގައި ޕާޓީގެ މެންބަރުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ބުނެފައި އޮތީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި، ވޯޓު ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.

ޕާޓީގެ މެމްބަރުން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓަށް ތާއިދު ނުކޮށް އެހެން ހަރަކާތެއް އުފެއްދުމަށް މަސައްކަތް ކުރެއްވުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް، ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ. ނަމަވެސް އުފެދޭ ސުވާލަކީ ނަޝީދުގެ މި އަމަލާ ދެކޮޅަށް މިހާރު އޮތް ޕާޓީގެ ލީޑަޝިޕުން ފިޔަވަޅު އަޅާނެތޯ އެވެ. ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށާއި ޕާޓީގެ މަސްލަހަތާ ހިލާފަށް ނަޝީދު މަސައްކަތް ކުރެއްވުމާއި، އެކަމާ ގުޅިގެން ފިޔަވަޅު އަޅައި އެމަނިކުފާނު ވަކިކުރަންޖެހޭ ހިސާބަށް ކަންކަން ހިނގައިދާނެ ކަމަށް މިއީ ބަޔަކު ގަބޫލުކޮށްގެން ތިބި ކަންކަމެއް ނޫނެވެ. ނަމަވެސް މިހާރު އެދަނީ ކަންކަން ނިޔުޅި ހިނގަމުންނެވެ.