30 ޖަނަވަރީ 2023 - 14:03 0
މުހައްމަދު އުޝާމް
ގާޒީ އަލީ ނަދީމް؛ ފުއްގިރި ހިޔާނާތުގެ މައްސަލާގައި އަދީބުގެ ސީދާ މަސްލަހަތެއް އޮތް ތަނެއް ނުފެންނަ ކަމަށް ވިދާޅުވި
30 ޖަނަވަރީ 2023 - 14:03 0
ރ. ފުއްގިރި ދޫކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ "ސީދާ" މަސްލަހަތެއް ނެތް ކަމަށް، އެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ފުއްގިރި މުއާމަލާތުގެ މައްސަލާގައި ޔާމީންގެ އިތުރަށް މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވެ އެވެ.
މި ޝަރީއަތް މިހާރު ހަވާލުވެ ހުންނެވީ ގާޒީ އަލީ ނަދީމަކީ ކުރިން އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެހެންވެ މި މައްސަލައިން ތަނާޒުލްވާން ޖެހޭނެ ކަމަށް ދައުވާ ރައްދުވާ ފަރާތްތަކުގެ ދިފާއީ ވަކީލުން ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އެދިފަ އެވެ.
މިއަދުގެ އަޑުއެހުން ފަށަމުން ގާޒީ ނަދީމް ވިދާޅުވީ، މައްސަލައިގެ ހުކުމް އަންނަ ގޮތަކުން، ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަދީބަށް ލިބޭނެ ގެއްލުމެއް އަދި ފައިދާއެއް ވެސް އޮތް ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"މައްސަލާގައި ހިމެނޭ އެއް ހެކިވެރިޔަކު، އަހުމަދު އަދީބަށް ގާނޫނީ ހިދުމަތް ދިނުމަކީ އަޅުގަނޑުގެ މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި ނުދެކެން، އަދީބުގެ ސީދާ މަސްލަަހަތެއް ނެތް، އަދީބަށް ލިބޭނެ ގެއްލުމެއް އަދި ފައިދާއެއް ވެސް ފާހަގަ ކުރެވޭކަށް ނެތް،" ތަނާޒުލް ނުވުމަށް ނިންމެވި ސަބަބު ގާޒީ އިއުލާން ކުރެއްވި އެވެ.
ގާޒީ ނަދީމް ވިދާޅުވި ގޮތުގައި އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަރީއަތަށް ވަޑައިގަތީ މީގެ ހަތް އަހަރު ކުރިންނެވެ. އެއީ އަދީބު ހައްޔަރުކޮށް ބަންދުކުރުމުން ބަންދާ ގުޅޭ ގޮތުން ޝަރީއަތުން ބޭއްވި މަޖިލީހެއްގައި ކަން މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ނަދީމް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު އަދީބުގެ ވަކީލެއްގެ ގޮތުގައި ދިޔައީ މީގެ ހަތް އަހަރު ކުރިން، އެއީ ބަންދުގެ މައްސަލައެއް، ނައިބު ރައީސް ކަމުން އަދީބު ވަކިކުރި ފަހުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު އެއްވެސް ޖިނާއީ މައްސަލައެއްގައި ގާނޫނީ ހިދުމަތެއް ދީފައެއް ނުވާނެ،" ގާޒީ ނަދީމް ވިދާޅުވި އެވެ.
އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށް ޝަރީއަތުގައި އެއްބަސްވި ހަމައެކަނި ދެ ބޭފުޅުންނެވެ. ދެ ބޭފުޅުންގެ މައްޗަށް ވެސް ހުކުމް އިއްވާފައިވާއިރު، ހުކުމް ތަންފީޒުކުރަމުން ދަނީ ގޭބަންދުގައި ތިބެގެންނެވެ.
ބޮޑު ހިޔާނާތުގެ މައްސަލާގައި، ދެން ދައުވާ ކުރެވޭ މައްސަލަތަކުގައި އަދީބާއި ޒިޔަތަކީ ދައުލަތުން ހުށަހަޅާ މައިގަނޑު ދެ ހެކިވެރިންނެވެ. ނަމަވެސް އެއީ ހިޔާނާތުގެ ބައިވެރިންނަށް ވާތީ، ދިފާއުން އަބަދުވެސް ސިފަކުރަނީ އެއީ "ފާސިގުން" ގޮތުގަ އެވެ. އަދި އެ ހެކިބަސް ބަލައިނުގަތުމަށް ހުށަހަޅަ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި ކުންފުންޏާ ގުޅޭ ސިއްރުތަކެއް ފެންމަތިކޮށް ޕެންޑޯރާ ޕޭޕާސްގައި ޝާއިއުކޮށްފައިވާ ލިޔުން، ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާތީ، އެކަމާ ގުޅިގެން ދިފާއީ ހެކި ހުށަހަޅަން އިފްތިތާހީ ބަޔާނުގައި ފުރުސަތު ލިބޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މެންދުރުފަހު 1:00 ޖަހާއިރު އެވެ. އެ ދުވަހު އޮންނާނީ، ދައުލަތާއި މައްސަލާގައި ދެން ހިމެނޭ ސަން ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ މެދު ގޮތެއް ނިންމުން ކަމަށް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެއީ، ވ. އާރަށު މުއާމަލާތުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އިއްވި ހުކުމެކެވެ. ޔާމީންގެ ވަކީލުން ގެންދަވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.
Comment