30 ޖަނަވަރީ 2023 - 10:18 0
ރެއާލްގެ ބެންޒެމާ އަތުން ބޯޅަ ހޯދަން ސޮސިއެޑާޑްގެ އިލަރަމެންޑީ މަސައްކަތްކުރަނީ.
30 ޖަނަވަރީ 2023 - 10:18 0
މެޑްރިޑް (ޖެނުއަރީ 30) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑުން ރެއާލް މެޑްރިޑުން ލަނޑެއް ޖެހިޔުނުދީ 0-0 އިން ހިފެހެއްޓިއިރު، ލީގުގެ ރޭހުގައި ބާސެލޯނާ އަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.
ބާސެލޯނާ އެއް ވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލަށް ވަނީ 18 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ސޮސިއެޑާޑް އޮތީ 19 މެޗުން 39 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑްގެ އޮތީ 19 މެޗުން 34 ޕޮއިންޓެވެ.
ރެއާލްގެ ސަންޓިއާގޯ ބާނަބާއުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ޖެހި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ. އޭގެ ތިން މިނިޓް ފަހުން، ސޮސިއެޑާޑްގެ ކެޕްޓަން، އެސައާ އިލަރަމެންޑީ ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މި މެޗުގައި ރެއާލް ހުއްޓުވުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނެ އެއް ކުޅުންތެރިއަކީ ސޮސިއެޑާޑްގެ ކީޕަރު، އަލެކްސް ރެމީރޯ އެވެ. އޭނާ ވަނީ މެޗުގެ 31 ވަނަ މިނިޓްގައި އޭރިއާބޭރުން ރެއާލްގެ ތޯމަސް ކްރޫސް ޖެހި ޝޮޓަކާއި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިނީޝިއުސް މުޅިން ހުސްކޮށް އަރައި ޖެހި ބޯޅައެއް ހުއްޓުވައިފަ އެވެ.
މެޗުގެ 60 ވަނަ މިނިޓްގައި ސޮސިއެޑާޑްގެ ޖަޕާން މިޑްފީލްޑަރު، ކުރިން ރެއާލަށް ކުޅުނު ޓަކެފޫސާ ކޫބޯ ޖެހި ބޯޅައެއް ރެއާލް ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އޭގެ 10 މިނިޓް ފަހުން، ރެއާލްގެ ވިނީޝިއުސް އަށް ލިބުނު ހުސް ފުރުސަތުން ފޮނުވާލި ބޯޅަ ވެސް ކީޕަރު ރެމީރޯ ވަނީ ހުށިޔާރުކަމާ އެކު ހުއްޓުވައިފަ އެެވެ.
ރޭގެ މެޗުގައި ރެއާލްގެ ކެޕްޓަން، ކަރިމް ބެންޒެމާ އަށް ލިބޭ ބޯޅަތައް ހުއްޓުވުމުގައި ސޮސިއެޑާޑް ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ މިއީ ނަތީޖާ ނުނެރެވުނު ކަމުގައި ވިޔަސް މި ސީޒަނުގައި ރެއާލުން އެންމެ ރަނގަޅަށް ކުޅުނު އެއް މެޗަށް ކަމަށްވާނެ ކަމަށެވެ. މި ވަގުތު ލީގު ތާވަލުގައި ބާސެލޯނާ ލީޑުގައި އޮތް ނަމަވެސް، ސީޒަނުގެ ބާކީ ބައިގައި އަދިވެސް ގިނަ ގޮތްތަކެއް ވާނެ ކަމަށާއި އެހެންކަމުން، ހާސްވެގެން އުޅޭ ހާލަތަށް އަދި ކަންތައްތައް ނުދާ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
Comment