Advertisement

ޖޮކޮވިޗް 22 ވަނަ ގްރޭންޑްސްލޭމް ކާމިޔާބުކޮށް ނަޑާލްގެ ރެކޯޑާ ހަމަކޮށްފި

29 ޖަނަވަރީ 2023 - 18:14 0


ޖޮކޮވިޗް 22 ވަނަ ގްރޭންޑްސްލޭމް ކާމިޔާބުކޮށް ނަޑާލްގެ ރެކޯޑާ ހަމަކޮށްފި

29 ޖަނަވަރީ 2023 - 18:14 0

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަންގެ ތަށި 10 ވަނަ ފަހަރަށް އުފުލާލައި، ސާބިއާގެ ނޮވަކް ޖޮކޮވިޗް، ކެރިއަރުގައި 22 ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށް، ސްޕެއިނުގެ ރަފައެލް ނަޑާލް ހަދާފައިވާ ރެކޯޑާ ހަަމަކޮށްފި އެވެ.

މިއަދު ކުޅުނު އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލުގައި ޖޮކޮވިޗް، 35، ވަނީ ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސްއާ ދެކޮޅަށް، 6-3، 7-6، 7-6 އިން ކުރިހޯދައިފަ އެވެ.

އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ޖޮކޮވިޗް ވާދަކުރި 10 ފަހަރު ވެސް ވަނީ ތަށި ހޯދައިފަ އެވެ. ޖޮކޮވިޗް، އެންމެ ފަހުން އޮސްޓްރޭލިއަން އޯޕަން މެޗަކުން ބަލިވީ 2018 ވަނަ އަހަރު އެވެ.

މިދިޔަ އަހަރު، ކޮވިޑް ވެކްސިން މައްސަލައިގައި ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެވުނީ އޭނާ އެ ގައުމުން ޑީޕޯޓްކޮށްލުމުންނެވެ. އޮސްޓްރޭލިއަން އޯޕަންގައި އެންމެ ފަހުން ކުޅުނު 28 މެޗުން ވެސް ޖޮކޮވިޗް ބަލިވެފައިނުވެ އެވެ.

ޖޮކޮވިޗް، 22 ގްރޭންޑް ސްލޭމް ތަށި ހޯދައި ރެކޯޑަކާ ހަމަކުރިއިރު، އޭނާ އަށް އަދި އެ ރެކޯޑް މުގުރާލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޖޮކޮވިޗް ބުނީ، ރެކޯޑާ މެދު ނުވިސްނައި، އޭނާ ބަލަނީ ކުޅޭ ކޮންމެ މުބާރާތެއް ކާމިޔާބު ކުރުމަށް ކަމަށެވެ.

ސިޓްސިޕާސް، ކެރިއަރުގައި ގްރޭންޑް ސްލޭމް ތަށްޓަކާ ގާތަށް ޖެހިލި ދެ ފަހަރު ވެސް ހުއްޓުމެއް އައީ ޖޮކޮވިޗާ ހަމައިންނެވެ. އެ ގޮތުން، ސިޓްސިޕާސް، 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ވަނީ ޖޮކޮވިޗް އަތުން ބަލިވެފަ އެވެ. އަދި ދެ ވަނަ ގްރޭންޑް ސްލޭމް ފައިނަލުގައި ސިޓްސިޕާސް އަށް މި ފަހަރު ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ޖޮކޮވިޗް އަތުންނެވެ.

ފައިނަލް މެޗުން މޮޅުވުމަށް ފަހު ޖޮކޮވިޗް: ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ.


އޮސްޓްރޭލިއަން އޯޕަންގެ މި ކާމިޔާބީއާ އެކު، މިދިޔަ އަހަރުގެ ޖޫން މަހުގެ ފަހުން ފުރަތަމަ ފަހަރަށް ރޭންކިން އެއް ވަނަ އަށް ޖޮކޮވިޗް ޖެހިލާނެ އެވެ.

ޖޮކޮވިޗް ބުނީ އޮސްޓްރޭލިއަން އޯޕަންގެ މި ފަހަރުގެ މުބާރާތަކީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ޗެލެންޖިން މުބާރާތަށް ވާނެ ކަމަށެވެ.

"މިދިޔަ ފަސް ވަރަކަށް ހަފްތާ ތެރޭގައި އަހަރެން މި ކާމިޔާބީ ހޯދަން ކުރި މަސައްކަތް އަހަރެންގެ ޓީމާއި އާއިލާ އަށް ގާތުން ފެންނާނެ. ވަރަށް ގިނަ ޗެލެންޖްތަކުން އަރަައިގަނެގެން މި ކާމިޔާބީ މި ހޯދުނީ. މިއީ އަހަރެންގެ ހަޔާތުގައި ވެސް ހޯދޭނެ އެންމެ ބޮޑު މޮޅު ކަމަށް ވެދާނެ، މި ދިމާވި ހުރިހާ ހާލަތަކަށް ބަލާއިރު،" ފައިނަލަށް ފަހު ޖޮކޮވިޗް ބުންޏެވެ.

އަންހެން އަދި ފިރިހެން ޓެނިހުގެ ޖުމްލަ ރެކޯޑަށް ބަލާއިރު، އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ އަންހެން ދެ ކުޅުންތެރިން ކަމަށްވާ މާގަރެޓް ކޯޓާއި ސެރީނާ ވިލިއަމްސް އަތުގަ އެވެ. އެ ދެ ކުޅުންތެރިން ރިޓަޔާކުރިއިރު، 24 ގްރޭންޑް ސްލޭމް ތަށި ހޯދި އެވެ.