Advertisement

ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، އާބިދުގެ ޝަރީއަތް ނިމުމަކާ ގާތަށް

29 ޖަނަވަރީ 2023 - 14:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަރުގެ ދައުވާ ލިބޭ ޕާކިސްތާނު ޝެފް އާބިދު؛ ޝަރީއަތް ނިމުމަކާ ގާތަށް ޖެހިލައިފި


ހެކިބަސް ނެގުމުގެ މަރުހަލާ ނިމި، އާބިދުގެ ޝަރީއަތް ނިމުމަކާ ގާތަށް

29 ޖަނަވަރީ 2023 - 14:28 0

ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލުމުން ދައުވާކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތް ނިމުމަކާ ގާތްވެއްޖެ އެވެ.

މިއަދު އޮންލައިންކޮށް ކޯޓުން ބޭއްވި އަޑުއެހުމުގައި، ފާތިމަތު ލުބުނާ ލަތީފް ނަމަކަށް ކިޔާ ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމެވެ. އޭނާއަކީ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި، އަދި ހަބީރެއްގެ ގޮތުގައި ޝަރީއަތަށް ހެކިބަސް ދިން މީހެކެވެ.

އެ ފުލުސް އޮފިސަރުގެ ހެކިބަސް ނެގުމުން، ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ޝަފައީ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އެވެ. ދިފާއީ ހެއްކެއް ހުށަހަޅާފައި ނެތުމުން ދެން އޮންނާނީ ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ.

ދައުލަތާއި ދިފާއީ ވަކީލު ވެސް އެދުނީ އެއް އަޑުއެހުމެއްގައި ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށެވެ. އެހެންވެ އެ ގޮތަށް މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ނިންމެވި އެވެ. އަދި އެއް މަސް ދުވަހުގެ ތެރޭގައި އެ އަޑުއެހުން ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުލާސާ ބަޔާނަކީ، މައްސަލައިގެ ކޮންމެ ހަސްމަކު ހުލާސާ ގޮތެއްގައި ޝަރީއަތުގައި ހިނގި ކަންކަމާއި، އެ ހަސްމަކަށް އެ ކަމެއް ފެންނަ ގޮތެއް ބަޔާން ކޮށްދިނުމެވެ. އެ މަރުހަލާއަށް ފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ.

ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި އޮންނަ ގޮތުން ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހެ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ، ގާނޫނުގައި ބަޔާންކޮށްފައި އޮންނަ މުއްދަތު ފާއިތުވާ ފަހުން ވެސް ހުކުމް އިއްވާފައި އެބަ ހުއްޓެވެ.

މައްސަލައިގެ ފަސްފަހަތް

އާބިދަށް ކުރާ ދައުވާގައި ވަނީ މިދިޔަ އޭޕްރީލް 16، ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަމްބަރު ގޯޅިގައި ހުންނަ ހާންޖީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެ ވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތު ކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދިނުމަށްފަހު އެވެ.

ނަމަވެސް ރެސްޓޯރަންޓްގައި މަސައްކަތް ކުރާ މީހުން ޝަރީއަތަށް ހެކިބަސް ދެމުން ބުނެފައިވަނީ ޝަމީމްގެ ވާތު ލޮލުގެ ތަންކޮޅެއް ތިރިން މޫނު މައްޗަށް ލިބިފައިވާ ޒަހަމް ފިޔަވައި އިތުރު ޒަހަމެއް ނުފެންނަ ކަމަށެވެ. ނަމަވެސް އެ ތަނުން ލޭ ފައިބައިގެން މުޅި ހަށިގަނޑުގައި ލޭ ކޭއްތިފައި ހުރި ކަމަށް ހެކިބަސް ދީފައިވެ އެވެ.

ޝަމީމް މަރުވެދިޔަ ގޮތް ދެނެގަތުމަށް ޓަކައި އޭނާގެ ހަށިގަނޑު ތަހުލީލުކޮށް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު އުމަރު ޝަރީއަތަށް ހެކިބަސް ދެމުން ބުނެފައިވަނީ ޝަމީމްގެ މޫނުމައްޗާއި މެއަށް ލިބުނު ޒަހަމަކީ ވެސް އެއް ހަމަލާއަކުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.

ދެ ޒަހަމް ވެސް ލިބިފައިވާ ގޮތުން، ދެ ޒަހަމް ވެސް ލިބިފައިވަނީ އެއް ލައިންއަކުން އައި ހަމަލާއަކުން ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ޑޮކްޓަރު ޝަރީއަތަށް ބުނެފައިވެ އެވެ.