29 ޖަނަވަރީ 2023 - 11:18 0
ހޭންޑްބޯލް އިންތިހާބުގެ ތެރެއިން އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތް މުޖޭ ވާހަކަދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
29 ޖަނަވަރީ 2023 - 11:18 0
އަންނަ މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ހަ ވަނަ އިންޓަ ސްކޫލް މުބާރާތުން ހޮވާލެވޭ ކުޅުންތެރިންނާ އެކު ހޭންޑްބޯޅައިގެ އާ ޖީލެއް އުފެއްދުމުގެ ދިގުމުއްދަތުގެ ޕްލޭނެއް ރާވަމުން އަންނަ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ އަހުމަދު މުޖްތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.
ހޭންޑްބޯލް މޯލްޑިވްސް އާ ރައީސް މުޖޭގެ ތަސައްވުރަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ހޭންޑްބޯޅަ ކުރިއަށް އޮތް ހަރުފަތަށް ޖެހިލައި ބައިނަލްއަގްވާމީ މުބާރާތެއްގެ ފުރަތަމަ ހޭންޑްބޯޅަ މެޑަލް ހޯދުމެވެ. ހޭންޑްބޯޅަ ތަރައްގީކުރުމުގެ އާ ޕްލޭންގެ މަސައްކަތް ކުރަމުން އަންނައިރު، މިކަމަށް އެންމެ ބޮޑު އެހީއަކަށް ވާނީ އިންޓަ ސްކޫލް މުބާރާތެވެ.
އަންނަ މަހު ބާއްވާ އިންޓަ ސްކޫލް މުބާރާތުގައި ގްރޭޓާ މާލޭ ސަރަހައްދާ، އަތޮޅުތަކުގެ ސްކޫލުތަކުން ވެސް ޓީމްތައް ވަނީ ބައިވެރިވެފަ އެވެ. އެ ގޮތުން މާލެ ސަރަހައްދުން ބޭރު ހަތް ސްކޫލަކުން މި ފަހަރު ވާދަކުރާނެ އެވެ. އެއީ އއ. އަތޮޅު ތައުލީމީ މަރުކަޒު، ފ.އަތޮޅު މަދަރުސާ، ކ.ގުޅީ ސްކޫލް، ގުރައިދޫ ސްކޫލް، ޅ.އަތޮޅު ތައުލީމީ މަރުކަޒު، ކ.މާފުށި ސްކޫލް އަދި ކ.ހުރާ ސްކޫލެވެ.
ތާވަލު ރޭވިފައިވާ ގޮތަށް ބަލާއިރު، 15 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޓީމުތަކުގެ މެޗުތައް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާއިރު، ދެ އުމުރުފުރާ އެއްކޮށް ޖުމްލަ 74 ޓީމް މި ފަހަރުގެ މުބާރާތުގައި ވާދަ ކުރެ އެވެ.
މުޖޭ ވިދާޅުވީ ކުރިއަށް އޮތް އިންޓަ ސްކޫލް މުބާރާތަކީ އޭނާގެ ދައުރުގެ ޑިވެލޮޕްމަންޓް މަސައްކަތުގެ ފެށުން ކަމަށާއި، މި މުބާރާތުން ފާހަގަކުރެވޭ 17 އަހަރާއި 15 އަހަރުން ދަށުގެ ކުޅުންތެރިންނާ އެކު ޖޫނިއާ ބޮޑު ސްކޮޑެއް އެކުލަވާލައި ގައުމީ ކޯޗު ބްރަޓިސްލާވް ސްޓޮމެނޮވިޗްގެ އިރުޝާދުގެ ދަށުން ތަމްރީންތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޖޫނިއާ ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ ޖޫނިއާ ޓީމްތަކަށް ބައިނަލްއަގްވާމީ ލެވެލްގައި ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް ގައުމީ ސީނިއާ ޓީމަށް ރަނގަޅު ކުޅުންތެރިންތަކެއް ސަޕްލައިކުރުންކަމަށެވެ.
"އެބަ ލިބޭ ޖޫނިއާ ޓީމްތަކަށް ރަނގަޅު ފުރުސަތުތައް. އެ ފުރުސަތުގެ ބޭނުން ހިފަން ވަރުގަދަ ޓީމެއް އެކުލަވާލަން ބޭނުން އަޅުގަނޑު. އެކަމަށް މި އިންޓަ ސްކޫލަކީ ފެށުން. ސީނިއާ ކޯޗާއިއެކު އެ ކުޅުންތެރިން ތަމްރީން ކުރުން އަމާޒަކީ" ހޭންޑްބޯލް މޯލްޑިވްސްގެ ނައިބް ރައީސްގެ މަގާމް ކުރިން ފުރުއްވި މުޖޭ ވިދާޅުވި އެވެ.
މުޖޭ ވިދާޅުވީ ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްކުރެވިއްޖެ ނަމަ ސާފް ގޭމްސްގެ މެޑަލް ހޯދުމަކީ އުނދަގޫ ކަމެއް ނޫންކަމަށާއި، އޭނާގެ ދައުރުގެ އެންމެ ބޮޑު ޓާގެޓަކީ އެއީ ކަމަށެވެ.
ހޭންޑްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އިންޓަ ސްކޫލު މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ އަދަދު އިތުރުވުމުގެ އެއް ސަބަބުގެ ގޮތުގައި މުޖޭ ފާހަގަކުރީ ރާއްޖޭގެ އެކި ރަށްތަކަށް މި ކުޅިވަރު ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. އެ ގޮތުން އަތޮޅުތަކުގައި ބާއްވާ އެކި އެކި މުބާރާތްތަކާ އެކު ހޭންޑްބޯޅަ އަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާތީ ކުޅިވަރު ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment