Advertisement

މި މަސައްކަތް ކުރާނަމަ ވެމްކޯ ބަލިކުރަން އުނދަގޫވާނެ: ނާޒިމާ

28 ޖަނަވަރީ 2023 - 12:56 0

ވެމްކޯގެ ކޯޗު އައިޝަތު ނާޒިމާ: މި ފަހަރުގެ ގައުމީ މުބާރާތުގެ ކާމިޔާބީގެ ކްރެޑިޓް ހައްގުވާނެ އެއް ފަރާތަކީ ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި މަސައްކަތް ކުރާނަމަ ވެމްކޯ ބަލިކުރަން އުނދަގޫވާނެ: ނާޒިމާ

28 ޖަނަވަރީ 2023 - 12:56 0

ރޭވުންތެރިކަމާ އެކު ދުރާލާ މުބާރާތްތަކަށް ތައްޔާރުވެ، ކްލަބް ވެމްކޯ އިން އަންހެން ވޮލީބޯޅައިގައި މިހާރު އެ ކުރާގޮތަށް މަސައްކަތް ކުރާނަމަ، ކުރިއަށް އޮތްތަނުގައި އެ ޓީމު ބަލިކުރަން އުނދަގޫވާނެ ކަމަށް ރޭ ވެމްކޯ ޓީމަށް ގައުމީ މުބާރާތް. ކާމިޔާބުކޮށްދިން ކޯޗު އައިޝަތު ނާޒިމާ ބުނެފި އެވެ.

ނާޒިމާގެ ކޯޗުކަމުގައި ވެމްކޯ އިން ވަނީ މިދިޔަ ޖޫން މަހު، އެސޯސިއޭޝަން ކަޕްގެ ތަށި ދިފާއުކޮށްފަ އެވެ. އަދި ރޭ ވަނީ ކްލަބް ވޮލީބޯލް 3-1 ސެޓުން ބަލިކޮށް، ވެމްކޯގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ތަށި އުުފުލާލައިފަ އެވެ.

ރޭގެ ފައިނަލަށް ފަހު ދިން އިންޓަވިއުގައި ނާޒިމާ ބުނީ މުބާރާތަށް ޓީމު ތައްޔާރުކޮށްދިނުމުގައި އެންމެ އިސް މަސައްކަތެއް ކުރީ ވެމްކޯ ފިރިހެން ޓީމުގެ ކޯޗަކަށް ހުރި އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.

ބޮޑޭ ވަނީ ވެމްކޯ، މި ފަހަރުގެ ގައުމީ މުބާރާތަށް ތައްޔާރުކުރުމުގައި ޓީމުގެ ޕްރެކްޓިސްތައް ބަރާބަރަށް ގެންދިއުމުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަން ނާޒިމާ ބަލައިގަނެ އެވެ.

"މި މުބާރާތަށް ތައްޔާރުވާން ވެގެން، ނާޒީ އެއް ނޫން ނިޒާރު ހަމަ ޕްރެކްޓިސް ކޮށްދިނީ، ނާޒީ ވަރަށް ބޮޑު ސާޖަރީއެއް ހަދައިގެން އައިސް، މުބާރާތަށް މި ޖޮއިން ކުރީ، އަދިވެސް އެއްކޮށް ފިޓެއް ނޫން. ހަމަ ބުނާނީ ނިޒާރުގެ މަސައްކަތޭ މިއީ، ދެން ކުޅުންތެރިން ކުރި ހިތްވަރު،" ޕްރެކްޓިސްތައް ކުރިއަށްގެންދިއުމާއި ޓީމުގެ ކާމިޔާބީގައި ނިޒާރުގެ ދައުރަށް އިޝާރާތްކޮށް ނާޒިމާ ބުންޏެވެ.

ވެމްކޯގެ ޕްރެކްޓިހެއްގެ ތެރެއިން ނިޒާރު (މ) ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ: އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރެ ނިޒާރު ވަނީ ވެމްކޯ އަށް މި ފަހަރުގެ ގައުމީ ތަށި ހޯދައިދޭން ރަނގަޅު މަސައްކަތްތަކެއް ކޮށްފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މަތީ ފަންތީގައި ގިނަ އަހަރުތަކެއް ވަންދެން އެކި ކުޅިވަރުތައް ކުޅުމުގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންގެ ހިންގުމުގަޔާއި ކޯޗިންގައި ވެސް މަސައްކަތް ކޮށް، ކުޅިވަރުގެ ހިދުމަތްތެރިއެއްގެ ގޮތުގައި ފާހަަގަކުރެވޭ ނާޒިމާ ބުނީ ވެމްކޯ ޓީމުގައި އޭނާ އަށް ފާހަގަކުރެވޭ ކަމަކީ އެ ޓީމުގައި ގިނައިން ތިބީ އެތަނުގެ މުވައްޒަފުންނަށް ވެފައި، މި ކާމިޔާބީ އަކީ ފެށުމަކަށް ހެދުމުގެ ފުރުސަތު އޮތުމެވެ.

"މިއީ ވެމްކޯ އަށް ވަރަށް ބޮޑު ކާމިޔާބެއް ކަންނޭނގެ. ކުރިމަގަށް ބަލާއިރުގައި، ހަމަ ދުރާލާ ޕްރެކްޓިސް ކޮށްގެން އެ މީހުން ނުކުންނަ ކަމަށްވަންޏާމު ވެމްކޯ ޓީމު ބަލިކުރަން އެހެން ޓީމުތަކަށް އުނދަގޫވާނެ،" މި ފަަހަރު އަންހެން ވޮލީ ދެ މުބާރަތުގެ ވެސް މޮޅު ކޯޗަކަށް ހޮވުނު ނާޒިމާ ބުންޏެވެ.

"މަސައްކަތް ކުރަން ޖެހޭ، މަސައްކަތް ކޮށްގެން ނޫނިއްޔާ ކާމިޔާބަކީ ހަމަ ދުރު އެއްޗެއް، މަސައްކަތް ކޮށްފިއްޔާ ކާމިޔާބު އޮތީ ވެމްކޯއާ އެކު،"

ފައިނަލުގައި ރޭ ވެމްކޯ އިން ކުޅުނުއިރު، ލީގު ބުރުގައި ވަނީ 3-1 ސެޓުން ކްލަބް ވޮލީބޯލް އަތުން ބަލިވެފަ އެވެ.

ނާޒިމާ ބުނީ ލީގު ބުރުގައި ކްލަބް ވޮލީބޯލް އަތުން ބަލިވުމުގެ އެންމެ ބޮޑު އަސްލަކީ އަމިއްލަ އަށް ހެދުނު ގޯސްތައް ކަމަށެވެ. އެކަން ގަބޫލުކޮށް، ރޭގެ މެޗުގައި ވެމްކޯ އިން ދެއްކި ހިތްވަރު ނާޒިމާ ވަނީ ފާހަގަކޮށްފަ އެވެ.

"އަސްލު އަމިއްލަ އަތުން ގޯސް ހެދިގެން، އެ ދުވަހު ބަލިވީ، އެ ދުވަހުގެ މިސްޓޭކްސް މި ރަނގަޅު ކުރީ، އޭގެ ކަމްބެކް މި ސްޓްރޯންގް ވީ. ކުުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރަން. ކުދިން އެ ރިޓާން އެ ދެއްކީ، އެ ދުވަހު އެ މީހުންނަށް ނުުކުޅެވި އެ ދިޔަތަން. އެ ދުވަހު ހެދުނު ހުރިހާ ގޯހެއް އެ ރަނގަޅުކުރީ،" ނާޒިމާ ބުންޏެވެ.

"އަމިއްލަ މިސްޓޭކް ރަނގަޅުކޮށްފި ކަމަށްވާނަމަ ޕޮޒިޓިވް ބައިވަރެއް ކަންތައްތަކެއް ވާނެކަން އެ ކަން މިއަދު (ވެމްކޯ ޓީމުން) ދައްކައިދީފި،"

ނާޒިމާ ވަނީ ޓީމެއްގެ ގޮތުގައި ވެމްކޯ އިން ކުރާ މަަސައްކަތް ކުރިއަށް ގޮސްފިނަމަ އެ ޓީމުގެ މުސްތަގުބަލު ވަރަށް އުޖާލާ ކަމަށް ބުނެފަ އެވެ.