Advertisement

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ޖޮކޮވިޗާއި ސިޓްސިޕާސްގެ ކުރިމަތިލުމެއް

28 ޖަނަވަރީ 2023 - 08:40 0

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން މެޗެއްގެ ތެރެއިން ޖޮކޮވިޗް.


އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ޖޮކޮވިޗާއި ސިޓްސިޕާސްގެ ކުރިމަތިލުމެއް

28 ޖަނަވަރީ 2023 - 08:40 0

މެލްބަން (ޖެނުއަރީ 28) - މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލުން މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗާއި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް ޖާގަހޯދައިފި އެވެ.

ސިޓްސިޕާސް ވަނީ ސެމީ ފައިނަލުގައި ރަޝިއާގެ ކަރެން ކަޗަނޯފް އަތުން 7-6، 6-4، 6-7، 6-3 އިން މޮޅުވެފަ އެވެ. ނުވަ ފަހަރު މި މުބާރާުތުގެ ޗެމްޕިއަންކަން ހޯދި ޖޮކޮވިޗް ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އެމެރިކާގެ ޓޯމީ ޕައުލް އަތުން 7-5, 6-1, 6-2 އިން މޮޅުވެފަ އެވެ.

ސިޓްސިޕާސް އާއި ޖޮކޮވިޗް ކުޅޭ ފައިނަލް އޮންނާނީ މާދަމާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް މިހާރު އޮތްގޮތުން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ. ޖޮކޮވިޗް، 35، އެންމެ ފަހުން ދުނިޔޭގެ ރޭންކިންގެ އެއް ވަނަ އަށް އެރީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

މީގެ ކުރިން ސިޓްސިޕާސް އާއި ޖޮކޮވިޗް ވަނީ 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ބައްދަލުކޮށްފަ އެވެ. އެ ފަހަރު ސިޓްސިޕާސްގެ މައްޗަށް ޖޮކޮވިޗް ވަނީ ކުރިހޯދައިފަ އެވެ. ޖޮކޮވިޗް އަތުން ބަދަލުހިފަން ސިޓްސިޕާސް ބޭނުންނަމަ އެކަން ކުރަން ޖެހޭނީ، 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަންގައި ޖޮކޮވިޗް ބަލިކޮށްގެންނެވެ.

ޖޮކޮވިޗް (ވ) އާއި ސިޓްސިޕާސް: ދެ ކުޅުންތެރިން ވެސް މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ފުރުސަތު ހޯދީ އުނދަގޫ ހާލަތްތަކުގައި ވެސް ނަތީޖާ ނެރެން ހިތްވަރުގަދަ ކުޅުމެއް ދައްކާފައި.


މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރަން ޖޮކޮވިޗް ބޭނުންވާނެ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ 22 ގްރޭންޑް ސްލޭމް މުބާރާތުގެ ތަށި ހޯދައި، ރަފައެލް ނަޑާލްގެ ރެކޯޑާ ހަމަކުރުމުގެ ގޮތުންނެވެ.

މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގައި ޖޮކޮވިޗަށް ވާދަނުކުރެވުނީ މުބާރާތަށް ދިޔަ ފަހުން އޮސްޓްރޭލިއާ އިން އޭނާ ޑީޕޯޓް ކޮށްލުމުންނެވެ. އެއީ ކޮވިޑް-19 ވެކްސިނާ ގުޅޭ މައްސަލައެއްގަ އެވެ. އެ މައްސަލަ އަށް ހައްލެއް ހޯދައި، ޖޮކޮވިޗް މި ފަަހަރު އޮސްޓްރޭލިއަން އޯޕަންގައި ކުޅެ، ފައިނަލާ ހަމައަށް ގޮސްފައިވަނިކޮށް ވަނީ އެހެން މައްސަލައެއްގައި ތާށިވެފަ އެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުން ޖޮކޮވިޗް މޮޅުވި މެޗަށް ފަހު، އޭނާގެ ބައްޕަ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ މޫނު ޖަހާފައިވާ ދިދައެއް ހިފައިގެން ހުރި ސަޕޯޓަރަކާ އެކު ވަނީ ފޮޓޯއެއް ނަގައިފަ އެވެ. މި މައްސަަލަ ހޫނުވެ، ޖޮކޮވިޗްގެ ބައްޕަ އަކީ ހަނގުރާމައިގެ ކަންކަން ޕްރޮމޯޓްކުރާ މީހެއް ކަމަށް ބުނެ، އޭނާ އަށް އޮސްޓްރޭލިއަން އޯޕަންގެ މެޗުތަކަށް ނުވަދެވޭ ގޮތް ހަދަން ގިނަ ބަޔަކު ގޮވާލި އެވެ.

އެކަމާ ބެހޭގޮތުން ޖޮކޮވިޗް އިއްޔެގެ މެޗަށް ފަހު ބުނީ، ފޮޓޯގައި ހުރި ކަމެއް އޮޅުވާލައިގެން އެހެން ކަމެއް ހާސިލްކުރަން ބަޔަކު އުޅޭ ކަމަށާއި އޮޅުން އަރައިގެން އުޅޭ ކަންތައްތަކަށް ހައްލެއް އައިސް، ފައިނަލް މެޗަށް ބައްޕަ އަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.