Advertisement

ފައްރަ އާއި ޓޮޕްލަކް: ކުޅެމުން ކޯޗިން އަށް، އިތުބާރާއި ޔަގީންކަން އެބައޮތް

27 ޖަނަވަރީ 2023 - 13:35 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ފައްރަ އާއި ޓޮޕްލަކް: ކުޅުމުގެ ކެރިއަރުގެ ފަހުގެ އަހަރުތައް ގުނަމުންދާއިރު، މިހާރު ވަނީ ކޯޗިންގެ މަސައްކަތް ފަށާފައި.-- އަދަދު ސްޕޯޓްސް ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


ފައްރަ އާއި ޓޮޕްލަކް: ކުޅެމުން ކޯޗިން އަށް، އިތުބާރާއި ޔަގީންކަން އެބައޮތް

27 ޖަނަވަރީ 2023 - 13:35 0

ދުނިޔޭގެ ލެވަލްގެ ފުޓްބޯޅަ އަށް ބެލިޔަސް އެކާވީސް ވަނަ ގަރުނުގައި ފެންނަ އެންމެ ބޮޑު އެއް ބަދަލަކީ ކުޅެމުން ވެސް ވީހާ އަވަހަކަށް ކުޅުންތެރިން ކޯޗިންގެ ފައުންޑޭޝަން އެޅުމެވެ. އެކަން ރާއްޖޭގައި ވެސް ފެންނަ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، މި ވަގުތު ރާއްޖޭގައި ރަސްމީކޮށް ކުޅެމުން ވެސް ކޯޗިންގައި ގޯލްކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) އާއި ޑިފެންޑަރު، އަހުމަދު ފައްރާހު (ފައްރަ) އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައާ ގުޅޭ ނުރަނގަޅު ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުހީންނާއި އެހެނިހެން ފޯރަމްތަކުގައި ކޮންމެ ދުވަހަކު ވެސް ދެކެވެ އެވެ. އެކަމަކު، އެ އަށް ނުވިސްނައި، ފުޓްބޯޅަ އަށް ހިދުމަތްކުރުމަށް ގިނަ ބަޔަކު ވަގުތު ހުސްކޮށްގެން އަދިވެސް ރަނގަޅު މަގުން ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ އުންމީދުގައި މަސައްކަތް އެބަކުރެ އެވެ. އެއީ، ކުރިން ވެދިޔަ ކަންތައްތަކުން ފިލާވަޅުނަގައި، އިބުރަތް ހޯދައި، ހެޔޮ ބަދަލެއް ކޮންމެވެސް ހިސާބަކުން ނަމަވެސް ގެނައުމުގެ ނިޔަތުގަ އެވެ.

ޓޮޕްލަކް، 32، އާއި ފައްރަ، 33، ރަސްމީކޮށް ކުޅުމުގެ އެންމެ ފަހު އަހަރުތައް ގުނަމުން އަންނައިރު، މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ ވަނީ ކޯޗިންގައި މުހިންމު ކަންތައްތަކެއް ހާސިލްކޮށްފަ އެވެ. ރާއްޖޭގެ ލެވަލްގައި ބަލާއިރު، ކޯޗިން އިން ކުރިއަށްދެވޭނެ މަގުތަކެއް ކޮށައި، ކުރިއެރުން ވެސް ހޯދައިފި އެވެ.

ފުރަތަަމަ ޑިވިޝަނުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ކުޅެގެން ހޯދި ތަޖުރިބާގެ އަލީގައި، މިހާރު، ޓޮޕްލަކް އާއި ފައްރަ ހުރީ ކޯޗިން އިން ކުރިއަށްދާން އަތުކުރި އޮޅާލައިގެންނެވެ.

ފައްރަގެ އޮތީ ކޯޗިން އިން "ފަސްބެލުމެއް ނެތި" ކުރިއަށް ދިއުމުގެ ވިސްނުން

ރާއްޖޭގެ ފުޓްބޯޅައިގައި މި ފަހުން، ފެނުނު އެންމެ އިތުބާރު އެއް ކެޕްޓަން، ފައްރަ، ކޯޗިންގައި އެންމެ ބޮޑު އުސްއައްޔަކީ މިދިޔަ އަހަރު މެދުކެނޑުމެއް ނެތި ކޯޗިންގައި ކުރަމުން އައި މަސައްކަތެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރެ، ފައްރަ ވަނީ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ އޭޝިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި، ރާއްޖޭގެ ކޯޗިން ޓީމުގެ ތެރޭގައި އިސްކޮށް މަސައްކަތް ކޮށްފަ އެވެ.

މިދިޔަ އަހަރު، އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާުތުގައި ވާދަކުރި ކުޑަހެންވޭރު ޔުނައިޓެޑް ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ފައްރަ އަކީ، މިދިޔަ އަހަރު 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ކޯޗެެވެ. އަދި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފައްރަ ހުރީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގެ ކޯޗުކަމާ ހަވާލުވެ އެެވެ. ބްރައިޓްވޭގެ 15 އަހަރުން ދަށުގެ ކޯޗުގެ ޒިންމާ އަދާކުރަމުން އަންނަނީ ވެސް ފައްރަ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ހުރިހާ ކްލަބަކަށް ވެސް ކުޅެ، ކާމިޔާބު ހޯދާފައިވާ، ފައްރަ، "އަދަދު" އަށް ބުނީ ކުޅުމުގެ ކެރިއަރު އެންމެ ފުރަތަމަ ފެށިއިރު ވެސް ނިންމާފައި އޮތީ ކޯޗިން އަށް ދިއުމަށް ކަމަށެވެ.

"(ކުޅުމުގެ) ކެރިއަރު ނިމެން ކައިރި ވާތީ ނެކްސްޓް ޗެޕްޓަރަކީ ކޯޗިން އަށް ވާތީ މަޑުމަޑުން ކޯޗިން އަށް ވަންނަން ފެށީ،" ފައްރަ ބުންޏެވެ.

"މުޅި ކެރިއަރުގައި ލިބުނު ފުޓްބޯޅައިން ދަސްވި އެއްޗަކާއި ދެން އެ ލިބުނު ތަޖުރިބާ އަށް ބަލާއިރު، އަހަންނަށް ގަބޫލުކުރެވޭ ކާމިޔާބު ކޯޗަކަށް ވެވިދާނެ ކަމަށް. ފުޓްބޯޅަ އަށް ރަނގަޅަށް ކޮންޓްރިބިއުޓް ވެސް ކުރެވޭނެ ކަމަށް ދެކެނީ،"

މިހާރު ކުރިއަށްދާ އެފްއޭއެމް 17 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ފައްރަ ބްރައިޓްވޭ ޓީމަށް ބުނެދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ރަނގަޅު ބަދަލު އަންނަން ފަށާނެ ހިސާބަކީ އިލްމީ ގޮތުން ރަނގަޅު ކޯޗުން ވީހާވެސް ބޮޑަށް ގްރާސްރޫޓަށް ފޯކަސްކޮށްގެން ޕްލޭނެއް އޮވެގެން މަސައްކަތް ކުރުން ކަމުގައި ފައްރަ ވެސް ގަބޫލުކުރެ އެވެ.

އެހެންވެ، މި ވަގުތު ގްރާސްރޫޓާއި ޖޫނިއާ ލެވަލްގައި ފައްރަ އަންނަނީ ކޯޗިންގެ ގިނަ މަސައްކަތްތަކެއް ފުރުސަތު ލިބުނު ވަރަކުން ކުރަމުންނެވެ. އެއީ ފުޓްބޯޅަ ކުޅުންތެރިންނަށް ޖޫނިއާ ލެވަލްގައި ދޭން ޖެހޭ އަހައްމިއްޔަތުކަމުގެ މުހިންމުކަން ފައްރަ އަށް ވިސްނޭތީއާ އެކު އެވެ.

ކޯޗިންގައި ފައްރަ އަމިއްލަ ނަފްސަށް ކަނޑައަޅާފައިވާ އުންމީދެއް ވެސް އެބައޮތެވެ. އެއީ ގައުމުން ބޭރުގައި ކޯޗިން މަސައްކަތެއް ކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމެވެ.

ކުޅުންތެރިންގެ އިހުތިރާމް ފައްރަ އަށް އޮތުމަކީ އޭނާ އެ ދާއިރާ އިން ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ހިތްވަރެވެ.

މި ފަހުން، ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގައި ފައްރައާ އެކު ކްލަބް ލެވަލްގައި ކުޅުނު ކުޅުންތެރިން ތިބި ކަމުގައި ވިޔަސް ކޯޗެއްގެ ގޮތުގައި ފައްރަ އަށް ދޭން ޖެހޭ އިހުތިރާމް ކުޅުންތެރިން ބަރާބަރަށް އަދާކުރި އެވެ.

ޓޮޕްލަކްގެ ވިސްނުމަކީ ކުރެވުނު ތަޖުރިބާތަކުގެ އަލީގައި "އާ ޖީލުތަކަކަށް އެހީވުން"

ރާއްޖޭގައި ފުޓްބޯޅަ ކުޅުންތެރިން ކުޅޭ އެއް މަގާމެއްގެ ވާހަކަ މިދިޔަ 10 ވަރަކަށް އަހަރު އެންމެ ބޮޑަށް ދެކެވިފައި އޮތީ ގޯލްކީޕަރުގެ މަގާމާ ބެހޭގޮތުންނެވެ. ރާއްޖޭގެ ކްލަބްތަކުން އެއް ވަނަ ގޯލްކީޕަރެއްގެ ގޮތުގައި ބިދޭސީ ކީޕަރުން ގެންނަ ވާހަކަ އާއި ދިވެހި ކީޕަރުންނަށް ފުރުސަތު ލިބުން މަދުވުމުގެ ޝަކުވާތަކެވެ.

ކީޕަރުންނާ ބެހޭގޮތުން އެ ދެކެވޭ ހުރިހާ ނެެގެޓިވް ވިސްނުންތަކަށް ސިކުނޑިން ޖާގައެއް ނުދީ، ހިތްވަރު އެލުވައިނުލައި، ކެރިއަރު ކުރިއަށް ގެންދެވޭތޯ މަަސައްކަތް ކުރި ކީޕަރުންގެ ތެރެއިން އެއް ކީޕަރަކީ ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގެ އިތުރުން ގައުމީ އެކި އުމުރުފުރާ ޓީމުތަކާއި ސީނިއާ ޓީމުގައި ވެސް ފެނުނު ކީޕަރު ޓޮޕްލަކް އެވެ.

ފައްރަ އެކޭ އެއްގޮތަށް ޓޮޕްލަކް ވެސް ބޭނުންވީ ކުޅުމުގެ ކެރިއަރު ނިމޭއިރު، ފުލްޓައިމް ކޯޗެއްގެ ގޮތުގައި ހުރިހާ ގޮތަކުން ވެސް ތައްޔާރަށް ހުރުމެވެ. ޓޮޕްލަކް ބުނީ ކޯޗިންގެ ކަންކަމަށް ބަލާއިރު، ހަގު އުމުރެއްގައި ފަށައި، ރަނގަޅު އިލްމް ލިބި ޓްރެއިނިންތައް ގެންދަން ދަސްވެފައި ހުރުމަކީ އެ މަސައްކަތުގައި ހަލުވި ދުވެއްޔެއްގައި ބޭނުންވާ މިސްރާބުން ދާން ލިބޭނެ ފަސޭހައެއް ކަމަށެވެ.

"އަހަރެމެން ކުޅުނުއިރު އެ ދިމާވި ކަންތައްތައް ފިއުޗާގައި އެ އަންނަ ޕްލޭޔަރުންނަށް ދިމާނުވުން އެއީ ވަރަށް ބޭނުންވާ ކަމެއް. ރާއްޖޭން ބޭރަށް ބެލިޔަސް އެބަފެނޭ ވަރަށް ޔަންގް ކޯޗުން ވަރަށް ކުރީގައި ތިިބިތަން. އޭގެއިން ވަރަށް ބޮޑު މޯޓިވޭޝަނެއް ލިބިގެން އަސްލު މި (ކޯޗިން) ސްޓާޓް ކުރީ،" 2018 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިިިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ޓޮޕްލަކް، "އަދަދު" އަށް ބުންޏެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގައި 16 ވަރަކަށް އަހަރު ކުޅުނުއިރު، ޓޮޕްލަކް ވަނީ 14 އަހަރުން ދަށުން ފެށިގެން ހުރިހާ އުމުރުުފުރާއެއްގެ ގައުމީ ޓީމަށް ކުޅެ، ފަހުން ސީނިއާ ޓީމާ ހަމައަށް ވެސް ގޮސްފަ އެވެ. ކޯޗިންގެ ބިންގާ އަޅައިގެން ކުރިއަށްދާން ބަލާއިރު، މި ވަގުތު ވެސް އޭނާ ވަނީ ކޯޗިން އިން ކުރިއަށްދާން އޭއެފްސީ ސީ ލައިންސަންސާއި އެފްއޭއެމުން ބޭއްވި ގޯލްކީޕަރު ކޯޗިން ކޯސް ފުރިހަމަކޮށްފަ އެެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނުއިރު ވެސް ކޯޗިން މަސައްކަތްތައް ދެއިރު ކަހަލަ ގޮތަކަށް ކުރި ޓޮޕްލަކް ވަނީ، މިދިޔަ އަހަރު ދެ ވަނަ ޑިވިޝަންގެ ރަނަރަޕަށް ދިޔަ ކްލަބް ޓީނޭޖްގެ ގޯލްކީޕަރު ޓްރެއިނަރަކަށް/ކޯޗަކަށް މަަސައްކަތް ކޮށްފަ އެވެ.

އަދި މިދިޔަ އަހަރު ޖޫން މަހުން، ފެށިގެން މޯލްޑިވްސް ސޮކަ މޭޓްސްގައި ކޯޗިންގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްލަކް އަންނަނީ ސްކޫލް ލެވަލްގެ ޓީމުތަކަށް ވެސް އެހީތެރިވަމުންނެވެ. އެ ގޮތުން، ކިޑްސް ފިއެސްޓާތަކުގައި އަމީނިއްޔާ ސްކޫލް ޓީމަށް ވެސް އެހީވެ އެވެ.

މިދިޔަ ސީޒަނުގައި ވެލެންސިއާ އިން އޭއެފްސީ ކަޕްގެ މެޗެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޮޕްލަކް ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރާއްޖޭގައި މި ވަގުތު ގިނަ އެކެޑަމީތަކެއް ހިންގަ އެވެ. އެފްއޭއެމުން ގޯލްކީޕަރު އެކެޑަމީއެއް ވެސް ކުރިއަށް ގެންދެ އެވެ. އެކެޑަމީ ތަކުގެ މެދުގައި ޖޫނިއާ މުބާރާތްތައް ކުޅެ އެވެ. ސްކޫލްތައް މެދުގައި އިންޓަ ސްކޫލްގެ އެކި އުމުރުފުރާ މުބާރާތްތައް ކުޅެ އެވެ.

ޓޮޕްލަކް ބުނީ ގްރާސްރޫޓާއި ޔޫތު ފުޓްބޯޅަ އަށް އެކެޑަމީތަކާއި ސްކޫލްތަކުން މި ކުރެވޭ މި ހުރިހާ ކަމެއްގެ ސަބަބުން ފުޓްބޯޅައިގެ އަންނަން އޮތް ޖީލުތަކަށް މީގެ ފައިދާ ކުރާނެ ސަބަބަކީ މީގެ ތެރޭގައި ތިބި ކޯޗުން ޖުމްލަ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނާތީ އެވެ.

މުޅި ފުޓްބޯޅަ އަށް ބަލާއިރު މިހެން އޮތް ކަމަށް ވިޔަސް، ގޯލްކީޕަރުން ތަރައްގީ ކުރުމަށް ނޫނީ ޑިވެލޮޕް ކުރުމަށް ބަލާއިރު، ބަދަލުވާން ޖެހޭ ކަމެއް އެބައޮތް ކަމަށް ޓޮޕްލަކް ފާހަގަކުރި އެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ސަގާފަތެއް އެއީ ޓީމު ބަލިވާ ހިސާބުން ގޯލްކީޕަރު ގޯސްވުން. އެހެން ވިސްނާހާ ދުވަހަކު އަސްލު ވަރަށް އުނދަގޫވާނެ. މެންޓަލީ ސްޓްރޯންގް ވެގެން ގޯލްކީޕަރަކަށް މި ކުޅެވެނީ. ވަރަށް މޮޅު ގޯލްކީޕަރުން ފެނޭ އަސްލު، އެކަމަކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެއްލޭތަން މި ފެންނަނީ. މަދު ކީޕަރަކަށް ގިނަ ދުވަސްތަކެއް ވަންދެން ހިފަަހައްޓައި މި ލެވެނީ،" ޓޮޕްލަކް ބުންޏެވެ.

"ގޯލްކީޕަރުން އުފައްދަން އެންމެ މުހިންމު ކަމަކަށްވާނީ ގޯލްކީޕަރު ޓްރެއިނަރުން ވެސް ގިނަކޮށް ފެންވަރު ރަނގަޅު ޓްރެއިނިން ދިނުން. މި ވަގުުތު އެންމެން އެކުގައި މަސައްކަތް ކޮށްގެން ނޫނީ އަރައިނުގަނެވޭނެ ހާލަތެއްގައި އަސްލު މި އޮތީ. މި ކަމުން އަރައިގަނެ، ރާއްޖޭގެ ފުޓްބޯޅަ ސާފް ރީޖަންގައި ވެސް ދުނިޔޭގެ ލެވަލްގައި ވެސް ކުރިއަރައިގެންދާތަން ދެކެން ބޭނުމީ،"

ރާއްޖޭގައި މި ވަގުތު ގިނަ ކުޅިވަރުތަކުގައި ކުޅެމުން އަންނަ ކުޅިވަރު ކުޅުންތެރިން ކޯޗިން އަށް ދާން ވަނީ ފަށައިފަ އެވެ. އެކަމަކު، ކޮންމެ ކުޅިވަރެއްގައި ވެސް އެކަށީގެންވާ މަސައްކަތް ކުރަން ބަލާއިރު އޮންނަ ގޮންޖެހުމަކީ ވަސީލަތްތަކުގެ މަދުކަމެވެ. ރާއްޖޭގައި އަދިވެސް ފުޓްބޯޅަ ޓީމުތައް ގިނަ ފަހަރު ޕްރެކްޓިސް ކުރަން ޖެހެނީ އެކަށީގެންވާ މިންވަރަށް ބަލާއިރު، ދަށް ވަސީލަތްތަކުގަ އެވެ. މިއީ ބަދަލުވާން ޖެހޭ ކަމެކެވެ.