Advertisement

ޖާސޫސްކުރުމުގެ ކުށުގައި ޗައިނާގެ އިންޖިނިއަރަކު އެމެރިކާގެ ޖަލަށް

26 ޖަނަވަރީ 2023 - 14:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ އިންޖިނިއަރު މަސައްކަތް ކުރީ ޗައިނާގެ އިރުޝާދާ އެއްގޮތަށް ކަމަށް. -- ފޮޓޯ: ރޮއިޓާޒް


ޖާސޫސްކުރުމުގެ ކުށުގައި ޗައިނާގެ އިންޖިނިއަރަކު އެމެރިކާގެ ޖަލަށް

26 ޖަނަވަރީ 2023 - 14:50 0

އެމެރިކާގައި ޗައިނާގެ އިންޖިނިއަރަކު ޖާސޫސްކުރުމުގެ ކުށް ސާބިތުވެ އަށް އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.

ޖަލަށް ލީ އުމުރުން 31 އަހަރުގެ ޖީ ޗާއޯކުން އެވެ. ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބުނީ ޗައިނާއިން ރެކްރޫޓް ކުރުމުގައި އިސްކަންދޭންވީ ސައިންޓިސްޓުންނާއި އިންޖިނިއަރުން ފާހަގަކުރަން އޭނާ އެހީވި ކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ ސިފައިންގެ ރިޒާވް ފައުޖަށް އެންލިސްޓުކޮށް، ސިފައިން ރެކްރޫޓް ކުރާ ޓީމަށް ދޮގު މައުލޫމާތު ދިން ކަމަށް ބުންޏެވެ.

އެމެރިކާއިން ބުނީ ޖީ މަސައްކަތް ކުރަމުން ދިޔައީ ޗައިނާގެ ދައުލަތުގެ މުހިއްމު ޖާސޫސީ ޔުނިޓުގެ އިރުޝާދާ އެއް ގޮތަށް ކަމަށެވެ.

ޖާސޫސް ކުރުމުގެ ކުށާއި އެމެރިކާ ސިފައިންނަށް ދޮގު ބަޔާން ދިން ކަމަށް އޭނާގެ މައްޗަށް ސާބިތުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ޖީ އެމެރިކާއަށް އެތެރެވީ މީގެ 10 އަހަރު ކުރިން ސްޓުޑަންޓް ވިސާގަ އެވެ. އޭނާ ވަނީ ރެކްރޫޓް ކުރުމުގައި އިސްކަންދޭންވީ އަށް މީހަކާ ގުޅޭ މައުލޫމާތު ޖިއާންގްސޫ ޕްރޮވިންސްގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީއަށް ފޯރުކޮށްދީފަ އެވެ.

އޭނާ ފާހަގަކުރި އަށް މީހުންނަކީ ޗައިނާ ނުވަތަ ޓައިވާނުން އެމެރިކާއަށް ހިޖުރަކޮށް، އެމެރިކާގެ ރައްޔިތުކަން ލިބިފައިވާ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން މަސައްކަތް ކުރަމުން ދިޔައީ އެމެރިކާގެ ދިފާއީ ކަންކަމުގަ އެވެ.

އޭގެ އިތުރުން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެމެރިކާގެ ސިފައިންނާ ގުޅުމަށް ފުރުސަތުދޭ ޕްރޮގްރާމެއްގެ ދަށުން ރިޒާވް ފައުޖުގައި ޖީ ހިމެނުނީ 2016 ގަ އެވެ.

އެކަމަށް ހުށަހެޅި ފޯމުގައި ޖީ ބުނީ ފާއިތުވި ހަތް އަހަރުގެ އެއްވެސް ގައުމެއްގެ ސަރުކާރާ މުއާމަލާތްކޮށްފައި ނުވާނެ ކަމަށެވެ. އެމެރިކާއިން ބުނީ އެއީ ދޮގެއް ކަމަށެވެ.

އެމެރިކާގެ އަންޑާކަވާ އޭޖެންޓަކު ކުރި މަސައްކަތުން ޖީ ހައްޔަރު ކުރީ ސެޕްޓެމްބަރު 2018 ގަ އެވެ. އެ އޭޖެންޓު ޖީއާ ބައްދަލުކުރީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ މަންދޫބަކަށް ހެދިގެންނެވެ.

ބައްދަލުވުންތަކުގައި ޖީ ބުނެފައި ވަނީ އެމެރިކާ ސިފައިންގެ އައިޑީ އޭނާގެ އަތުގައި އޮތުމާ އެކު އަސްކަރީ ވައިގެ އުޅަނދުތައް ހުންނަ ސަރަހައްދަށް ގޮސް ފޮޓޯ ނެގޭނެ ކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ ރައްޔިތުން ހޯދައި ސެކިއުރިޓީ ކްލިއަރަންސް ލިބުމުން، ސީއައިއޭ، އެފްބީއައި ނުވަތަ ނާސާގެ ވަޒީފާއަކަށް ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާގެ މަގުސަދަކަށްވީ ސައިބާސެކިއުރިޓީ ދާއިރާއިން ވަޒީފާއެއް ހޯދައި، ޑޭޓާބޭސްގެ އެކްސެސް ކަށަވަރުކޮށް، އެމެރިކާ ސިއްރު މައުލޫމާތުތައް ޗައިނާއަށް ފޯރުކޮށްދިނުން ކަމަށް އެމެރިކާއުން ބުނެ އެވެ.

މިދިޔަ ޖުލައި މަހު އެފްބީއައިގެ ޑިރެކްޓަރު ކްރިސްޓޮފާ ވްރޭ ވިދާޅުވީ ޗައިނާއިން އުޅެނީ ހުޅަނގުގެ ކުންފުނިތަކާއި އެޖެންސީތަކުގެ ސިއްރު މައުލޫމާތާއި ސައިންޓިފިކް މައުލޫމާތު ވަގަށް ނެގުމަށް ކަމަށެވެ.