Advertisement

ސިޔާސީ ހައްޔަރީންނަށް ޒިޔާރަތްކުރުން، ހަނދާނެއް އަދި ތަޖުރިބާތަކެއް!

24 ޖަނަވަރީ 2023 - 08:50 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ޖަލެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫ: ކުރީގެ ވެރިކަމުގައި ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން ބަންދުކޮށް ބެހެއްޓީ މި ޖަލުގައި. -- ފޮޓޯ: ސޯޝަލް މީޑިއާ


ސިޔާސީ ހައްޔަރީންނަށް ޒިޔާރަތްކުރުން، ހަނދާނެއް އަދި ތަޖުރިބާތަކެއް!

24 ޖަނަވަރީ 2023 - 08:50 4

ރާއްޖޭގެ ސިޔާސީ މަސްރަހު އޮތީ ހަލަބޮލިވެފަ އެވެ. ސިޔާސީ މައިދާނުގައި 'އިދިކޮޅު' ބޯޑު ޖަހައިގެން ތިބި އެކި ފަންތީގެ އިސް މީހުންތައް ހައްޔަރުކުރަން ފެށިއްޖެ އެވެ. އެކި ފަންތީގެ އިސް މީހުންނޭ މި ދެންނެވީ، އިދިކޮޅު ޖަލްސާތަކުގެ ކުރީގެ ދެ ސަފުން ޖާގަ ލިބޭ ހުދު ގަމީހާއި ޓައީ އެޅި ފަންތިއާއި ޕޯޑިއަމުގައި ވާހަކަ ދައްކަން ފުރުސަތު ލިބޭ ފަންތިއާއި މަގުމަތީ މުޒާހަރާތަކުގެ ޖަޑިބުންގެ ފަންތިއާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނޭ މި ކިޔާ ފަންތި ވެސް ހިމަނައިގެންނެވެ. މި އެންމެންނަކީވެސް އޭރުގެ ސަރުކާރަށާއި ކޯޓުތަކަށް ފެނުނު ގޮތުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކަލެކެވެ.

ހައްޔަރުކުރާ މީހާ ހައްޔަރު މިކުރީ ކޮން ކަމެއް ކޮށްގެން ކަމެއް އެނގޭ މީހަކު ނުހުރެ އެވެ. އޭނާއަށް ލިބޭ ކަރުދާހުގައި އޮންނަނީ މާލެތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދިން ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެކަމަކު ހަމަނުޖެހުމަށް ހިތްވަރުދޭން ނުވަތަ ޓެރަރިޒަމް ހިންގަން ކުރީ ކޮންކަމެއްކަން އޮންނަނީ ވަންހަނާކޮށްފަ އެވެ.

ސިޔާސީ މީހުން ހައްޔަރުކުރުމުގެ ސިލްސިލާ ފެށިގެން ދިޔައިރު ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިދިކޮޅު އިސް ލީޑަރުންގެ މާބޮޑު އިންތިޒާމެއް ނެތެވެ. އިސް ބޭފުޅުން ހައްޔަރުކޮށްފިއްޔާ ދާނޭ ވަކީލުން ތިއްބެވެ. އެ ނޫން މީހުންގެ ތެރެއިން ވަކީލަކު ހޯދުމުގެ މާލީ ނުވަތަ ވަސީލަތުގެ ތަނަވަސްކަން ހުރި މީހާ އެކަން ކުރަނީ އޭނާ އަމިއްލައަށެވެ.

އިދިކޮޅުގެ ސިޔާސީ ހަރަކާތްތައް ވަރުގަދަވެ، މީހުން ހައްޔަރުކުރަން ފެށުމުން އެމްޑީޕީގެ ލީގަލް ޑައިރެކްޓަރު، މިހާރު ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންގެ އަމިއްލަ އިސްނެންގެވުމެއްގައި ބައެއް ވަކީލުންނާއެކު އެމްޑީޕީ އޮފީހުގައި ބައްދަލުވުމެއް ބޭއްވެވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވީ އިދިކޮޅުގެ ސިޔާސީ ހަރަކާތަށް ތާއީދުކޮށްގެން ތިބި މަދު ވަކީލުން ކޮޅެކެވެ. އޭގެ ތެރެއިންވެސް ދެ ބޭފުޅަކީ މުޒާހަރާއަކުން ހައްޔަރުކުރެވޭ މީހަކަށް ޒިޔާރަތްކުރުމަށް ދޫނިދޫއަށް ވަޑައިގެންނެވޭވަރަށްވުރެ ބިޒީ ބޭފުޅުންނެވެ. މަސައްކަތާއިގެން އުޅެވޭން ތިބީ ޖުމުލަ އަށެއްކަ ވަކީލުންނެވެ. އެއީ ގާސިމް އިބްރާހީމްގެ ވަކީލުންގެ ޓީމުގައި ހިމެނުނު ބޭފުޅުންނާއި ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނުނު ބޭފުޅުން ވެސް ހިމަނައިގެންނެވެ.

ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުގެ އަމުރު އައީ މިކަހަލަ ވަނދު ގޮތަކަށް މިކަން އޮއްވަ އެވެ. އެ އަމުރު ބޮލާލައި ޖެހުމަށްފަހު ސަރުކާރުން މީހުން ހައްޔަރުކުރަން ފެށުމުން ގާނޫނީ ޓީމަށް މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރުން މަޖުބޫރުވި އެވެ. އެކަމުގައި ކުޑަ މަސައްކަތެއް ކޮށްލަނިކޮށް ވަކީލުންގެ ޓީމުގެ އަދަދު ފަންސަވީހަށް އިތުރުވި އެވެ. ފަހުން، އެ އަދަދު 50 އަށް އިތުރުވި އެވެ. އޭގެ ތެރޭގައި ތިބީ ދޫނިދޫއަށް ޒިޔާރަތްކޮށް ތަހުގީގުތަކަށް ދާނޭ ވަކީލުންނާއި، ފަރުދާގެ ފުރަގަހުގައި ތިބެ ލިޔެކިޔުންތައް ތައްޔާރުކޮށްދީ، ލަފާ މަޝްވަރާ ދީ، ކަންކަން ފަހިކޮށްދޭން ތިބި ވަކީލުންނެވެ. ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރެއްވީ ހިލޭ ސާބަހަށެވެ. މިހެން ދެންނެވިޔަސް، ބައެއް ސިޔާސީ ބޭބޭފުޅުން އެ ބޭފުޅުންގެ ވަކީލުންގެ މަސައްކަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ވަކީލުންނަށް ރަމްޒީ ފީއެއް ދެއްވަމުން ގެންދެވި އެވެ.

ފެބުރުއަރީ 5، 2018 ގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި، ކުރީގެ ރައީސް މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފާރިސް މައުމޫނާއި ނަދީމުއާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފްއާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެތައް މެންބަރަކު އެއްފަހަރާ ހައްޔަރުކުރުމާއި، އެކަމާ ގުޅިގެން މާލެ ތެރޭގައި ހިނގަމުންދިޔަ މުޒާހަރާގައި އެކީ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކުރުމުން ވަކީލުންގެ މަސައްކަތް ބުރަވެގެން ދިޔަ އެވެ. ވަކީލުންގެ ޓީމުން ނިންމީ ކޯޓުން އިންސާފު ލިބުނަސް ނުލިބުނަސް، ހައްޔަރުކުރާ ކޮންމެ މީހަކަށްވެސް، ކުޑަމިނުން ވަކީލެއްގެ ފުރުސަތު ލިބޭކަން ކަށަވަރުކުރުމަށެވެ. ލިބިހުރި ވަސީލަތްތަކާއެކު މަސައްކަތްކުރީމާ އެ މަސައްކަތުގެ 80 އިންސައްތަ ކާމިޔާބުވި އެވެ.

ގައިދީންނާ ބައްދަލުކުރަން އެކަށައަޅާ ތާވަލާއި، ދަތުރުތަކުގެ ތާވަލާއި މައިގަނޑު ލިޔެކިޔުންތައް ބަލަހައްޓަމުން ދިޔައީ ހިސާންގެ ލޯ ފާމުންނެވެ. ދަތުރުތައް ހަމަޖައްސަވައި ދެއްވީ ގާސިމް އިބްރާހީމްގެ ވިލާ ކުންފުނިންނެވެ. ކޯޓުގައި މިއިން ބޭފުޅެއްގެ އަޑުއެހުމެއް ނެތް ދުވަހެއްނަމަ ވަކީލުންގެ ދުވަސް ހޭދަކުރަނީ ގައިދީންނާ ބައްދަލުކުރުމުގައި ދޫނިދޫ ނުވަތަ މާފުށީގަ އެވެ.

ބައްދަލުކުރެވުނު ބައެއް ބޭފުޅުން ވަރަށް ހިތްވަރުފުޅު ގަދަ އެވެ. ޖަލުގައި ހުންނަންޖެހޭތީ ޝަކުވާއެއް ނުކުރައްވަ އެވެ. އެކަން ހިނގާގޮތް އެ ބޭފުޅުންނަށް ސާފެވެ. އެއާ ހިލާފަށް ބައެއް ބޭފުޅުންނާއެކު ބާއްވާ ވަކީލު ބައްދަލުވުމުގައި ހުއްޓުމެއްނެތި ޝަކުވާ ކުރައްވަނީ ޖަލުން ނުނުކުމެވި ގިނަ ދުވަސްވާތީ އެވެ. އަޅުގަނޑުމެންނަށް ކޮށްދެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގޭ ހާލު އެ ޝަކުވާތައް އަޑުއަހައި އެ ކަންބޮޑުވުމުގައި ބައިވެރިވުމަކީ އަޅުގަނޑުމެން އަދާކުރި ވަޒީފާ އެވެ.

ބަންދުގައި ތިއްބަވާ ބޭފުޅުންނަށް މާލެތެރޭގެ ހަބަރެއް ލިބޭނީ ވަކީލު ބައްދަލުކުރަން ދިޔައިއްޔާ އެވެ. އެހެންވީމާ، ވަކީލު ބައްދަލުވުމަށް ނުކުމެވޭ އިރަށް ގޮނޑީގައި އިށީނުމުގެ ކުރިން 'ކޮބާ ހަބަރެއް ނެތް' ހޭ އަހާލުމަކީ ހުރިހާ ސިޔާސީ ހައްޔަރީންގެ ވެސް އާދަ އެވެ. އެ ކުރާ ސުވާލަކީ ސިޔާސީ މަސައްކަތްތަކާައި، ސިޔާސީ މާހައުލާ ގުޅޭ ސުވާލެވެ. ކޮންމެ ބައްދަލުވުމަކަށް އަޅުގަނޑުމެން ދާނީ ބޭރުގައި ތިބި ސިޔާސީ އިސް ބޭފުޅުންނާ މަޝްވަރާކޮށް ވާހަކަ ދައްކައި، ޖަލުގައި ތިބި މީހުންގެ ހާލު އޮޅުން ފިލުވައިދީ އެ މީހުންނަށް ދޭންޖެހޭ ހަބަރުތައް ވެސް ހޯދައިގެންނެވެ.

މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ދޫނިދޫ ބަންދުގައި އޮތްއިރު އޭނާގެ އެއް ވަކީލަކީ ނާޒިމް އަބްދުއްސައްތާރެވެ. ނާޒިމް ބައްދަލުކުރަން ދިޔުމުން މަހުލޫފު ވެސް ކުރެެއްވީ ހަމަ އެއްކަލަ ސުވާލެވެ. ނާޒިމު ދެއްވި ޖަވާބަކީ 'ނޫނޭ ހަބަރު އެބަ އޮތޭ. މިއަދު ސްރީދޭވީ މަރުވެއްޖެ' އޭ އެވެ. މަހުލޫފަށް އިނދެވުނީ ހިނި އަންނާންވެސް، ރުޅި އަންނާންވެސް ނޭނގިފަ އެވެ.

ކޮންމެ ދުވަހަކު ހަވީރު ދޫނިދޫއަށް ދާއިރު ނިކަން ރީތިކޮށް، ބާރަށް ގުރުއާން ކިޔަވާ އަޑު ދޫނިދޫއިން އިވޭނެ އެވެ. ބައެއް ދުވަސް ދުވަހު މަދަހައެއްގެ އަޑެވެ. އެއީ މިހާރު އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރަކަށް އެ ހުންނެވި ތަޒްމީލް އަބްދުއްސަމަދު ޖަލުގައި އޭނާގެ ވަގުތުތައް ހޭދަކުރި ގޮތެވެ. ބައެއް ފަހަރު އެހެން ގޮޅިތަކުގައި ތިބޭ ގައިދީން އޭނާގެ އަޑުދަށުން ހިފާލާނެ އެވެ. އެ އެންމެންގެ އަޑު އެއްހަމައަކަށް ހިމުން ވެގެން އަންނައިރު، ތަޖުރިބާކުރެވޭނީ އަޑުއަހާ ފޫހި ނުވާނެ ހިތްގައިމު ކަމެކެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ، ހެނދުނު ހޭލާ ގޮތަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަމިތަށް ގޮވަން ފަށާނެ އެވެ. 'އަމިތު...ކޮބާ ހަބަރެއް ނެތް؟ ހަބަރެއް ނެތް؟' ... 'ބަލަ މަވެސް ރޭގަ ނިދީ ހަމަ ކަލޭ ނިދި ގޮޅިޔާ ޖެހިގެން ހުރި ގޮޅީގަ އޭ މަށަށް ލިބޭނީ ވަކި ކޮން އިތުރު ހަބަރެއްހޭ' އަމިތު ކުޑަކޮށް ރުޅިއައިސްފައި ސުވާލު ކުރާނެ އެވެ. ވިލިނގިލީ ދާއިރާ މެންބަރު ސައުދު ހުސައިން އާއި ކުރީގެ ނާއިބު ރައީސް އަދީބުއާ ތިބޭނީ ހޭށެވެ. އެހެން ތިބެގެން އިތުރަށް ސުވާލުކުރުމަށް ވައްޑެއަށް ހިތްވަރު ދޭނެ އެވެ.

ފުލުހުން، އުއްތަމަ ފަނޑިޔާރުގެ ވަކީލު ބައްދަލުވުން ސިއްރުން ރެކޯޑު ކުރި ދުވަހަކީވެސް ހާއްސަ ހަނދާނެކެވެ.

ދޫނިދޫއިން އެނބުރި އައިސް ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ


އެ ދުވަހުގެ ވަކީލު ބައްދަލުވުމަށް އުއްތަމަފަނޑިޔާރުގެ ވަކީލު ހިސާން ހުސައިން ވަޑައިގެންފައި، ބައްދަލުވުން ފެށުމުގެ ކުރިން އެ ކޮޓަރީގެ އެތަން މިތަން ޗެކުކުރީ އެވެ. އެއީ ސިއްރުން ރެކޯޑު ކުރާ ކަމުގެ ހަބަރު ލިބިފައި އޮތުމުން ކޮންމެ ބައްދަލުވުމެއްގެ ކުރިން ކުރާ ކަމެކެވެ. އެ ދުވަހު ޗެކުކުރިއިރު، ވަކީލަށް ހާއްސަކޮށްފައި ހުރި އަތްގަނޑުލީ ލަކުޑި ގޮނޑީގެ ދަށުގައި އޮތީ ރެކޯޑަރެއް ހަރުކޮށްފަ އެވެ. ރެކޯޑަރު ފެނުނީ ގޮނޑި ދަށުގައި ހުރި ފޮތި ފަރުދާގެ ތަންކޮޅެއް ނައްޓާލައިގެން ބެލީމަ އެވެ. އެ މަންޒަރު ފެނުމާއެކު، ބައްދަލުވުން ނުފަށައި ހިސާން ބޭރަށް ނުކުންނަވައި ނުރުހުން ފާޅުކޮށް، ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސް، ފުލުހުންގެ އިސްވެރިޔަކާ ބައްދަލުކުރަން އެދުނެވެ.

ދޫނިދޫގައި ވަކީލު ބައްދަލުވުމުގައި ތިބި ހުރިހާ ވަކީލުންނާއި ގައިދީން އެއްފަހަރާ އެކަމުގައި އިހުތިޖާޖު ކުރަން ފެށީމެވެ. ވަކީލުންނާއެކު ކުރެވޭ މުއާމަލާތުތައް ސިއްރުން އަޑުއަހާކަން ފަޅާއެރުމުން އެކަމާ ގަދަ އަޑުން އިއުތިރާޒުކުރީމެވެ. ގޮޅިތަކުގައި ތިބި ގައިދީންވެސް އަޑުގަދަ ކުރަން ފެށި އެވެ. އިސާހިތަކު މުޅި ދޫނިދޫ ހަލަބޮލި ވެއްޖެ އެވެ.

އެހާހިސާބުން ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ކޮޅެއް އައިސް އަޅުގަނޑުމެންގެ ބުރަކަށީގައި އަތްއަޅައި ކޮއްޕައި އެތަނުން ދުރަށްލި އެވެ. އެކަމެއް ހިނގަމުން ދިޔައިރު، ވީ ގޮތެއް ނޭނގި، އެއްކަލަ ރެކޯޑަރުވެސް ފެނުނީ ހަލާކުވެފައި އޮއްވަ އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި ކޮންމެވެސް މީހަކު އެ ރެކޯޑަރު ހަލާކުކޮށްލީ ކަމަށް ބެލެވެ އެވެ.

ފުލުހުން އަޅުގަނޑުމެންނަށް އެންގީ ވަކީލުންނަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި މަޑުކުރުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އިސް ބޭކަލުން ވަޑައިގެން ވަކީލުންނާ ބައްދަލުކުރައްވާނޭ ކަމަށްވެސް ވިދާޅުވި އެވެ. އެހެން ނަމަވެސް، ޓީމު ލީޑަރުގެ ހައިސިއްޔަތުން ހިސާން ނިންމެވީ ވަގުތުން ފުރައިގެން މާލެ އައުމަށެވެ. އެ ދުވަހުގެ ހާދިސާގެ ތަހުގީގެއް ހިންގާނަމަ، ފަހުން އެކަމާ ކުރިމަތިލާނީ ކަމަށް ހިސާން ވިދާޅުވި އެވެ. އަޅުގަނޑުމެން ފުރައިގެން މާލެ އައިގޮތަށް، ނޫސްވެރިން ގެނެސްގެން އެ ހާދިސާގެ ހަބަރު ހިއްސާކުރީމެވެ. އޭރުގެ ހާލަތު އޮތްގޮތުން، އެ ހަލަބޮލި ހާލަތުގައި އެ ދުވަހު އެ އަމަލުކުރެވުނީ އެންމެ ރަނގަޅަށްކަން ފަހުން އެނގުމުން ވަރަށް ހިތްހަމަޖެހުނެވެ.

މިކަހަލަ ކިތަންމެ ހަނދާނެކެވެ. އޭރު ދޫނިދޫ ނުވަތަ މާފުށްޓަށް ޒިޔާރަތްކުރި ވަކީލަކު ކިޔައިދޭނޭ މިކަހަލަ ވަރަށް ގިނަ ވާހަކަތައް ހުންނާނެ އެވެ. ދުވާލު ގައިދީންނާއި ބައްދަލުކުރުމާއި، އޭގެ ފަހުން ގައިދީންގެ އާއިލާތަކާ ބައްދަލުކުރުމާއި، އަދި ސަލާމަތުން ތިބި އިދިކޮޅު ސިޔާސީ އިސްފަރާތްތަކާ ބައްދަލުކޮށް، ޖެހިގެން އޮތް ދުވަހަށް ދޫނިދޫއަށް ނުވަތަ މާފުށްޓަށް ގެންދާނޭ ހަބަރު ހޯދުމާއި، މިކަންކަމުގައި މުޅި ދުވަސް ހޭދަކުރި ގޮތް، އެއީ މި މަސައްކަތުގައި އުޅުނު ވަކީލުންގެ ހިތުން ދުވަހަކު ފިލައި ނުދާނޭ ހަނދާނެކެވެ.