Advertisement

ވަކި މީހެއްގެ ބޭނުމަށް ހިތުހުރި އެއްޗެއް ގޮވުމަކީ ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން: ރައީސް

22 ޖަނަވަރީ 2023 - 19:23 0

ގއ. ވިލިނގިލި

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ސޯލިހު ގއ. ވިލިނގިލީގައި: ވިދާޅުވީ ވަކި މީހެއްގެ ބޭނުމަށް އެމްޑީޕީއަށް ޓަކާ ގުރުބާންވީ ފަރާތްތަކަށް ހިތުހުރި އެއްޗެއް ގޮވުމަކީ ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން ކަމަށް -- ފޮޓޯ: ރައީސް ކެމްޕޭން ޓީމް


ވަކި މީހެއްގެ ބޭނުމަށް ހިތުހުރި އެއްޗެއް ގޮވުމަކީ ޕާޓީއަށް ފައިދާހުރި ގޮތެއް ނޫން: ރައީސް

22 ޖަނަވަރީ 2023 - 19:23 0

ގއ. ވިލިނގިލި

ވަކި މީހެއްގެ ބޭނުމަށް ނުވަތަ ފައިދާއަށް އެމްޑީޕީއަށްޓަކާ ގުރުބާންވީ މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމަކީ އެ ޕާޓީއަށް ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާ ދެކޮޅަށް ނުކުންނަވާ ހުންނެވި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުކުރައްވާ ރައީސް ސޯލިހު މިހެން ވިދާޅުވީ ޕްރައިމަރީ ކެމްޕޭނުގައި މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ހުރި އެމަނިކުފާނުގެ ކެމްޕޭނު ޖަގަހަ ހުޅުއްވަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

"އެތައް ބައެއް ގުރުބާންވި ޕާޓީއަށް، ބައެއް ބޭފުޅުންނަށް ހަނދައިން ނެތިދާނެ، ބައެއް ފަހަރު ޕާޓީއާ ތަންކޮޅެއް ދުރުގައި އުޅެން ޖެހުމުން. އެކަމު މިއަދު ރާއްޖޭގައި އެންމެ ބޮޑު ޕާޓީއަށް ވެގެންދިއައީ އެތައް ބައެއްގެ މަސައްކަތުން." ރައީސް ވިދާޅުވި އެވެ.

ނަޝީދު އަށް އިޝާރާތް ކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުކުރުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ނަމަވެސް ޕާޓީ އުފެދުމުގައި އަދި ކުރިއެރުވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ބަލައިނުގަނެ ހިތުރުހި އެއްޗެއް ކިޔުން އެއީ އެކަން ކުރަން އޮތް ގޮތް ނޫން ކަމަށް ރަޢީސް ވިދާޅުވި އެވެ.

އެގޮތުން ރައީސް މިސާލު ޖެއްސެވީ ވިލިނގިލީ ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސައިން އަދި އެމްޑީޕީގެ ދާއިރާ ރައީސް މުހައްމަދު ރައޫފު ކުރެއްވި މަސައްކަތާއި އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގައި އެބޭފުޅުންނަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުމުންނެެވެ.

"ރައޫފުމެން [ފަދަ] މި ތިއްބެވި ބޭފުޅުންނާ ދިމާލަށް އެ ކުރި މަސައްކަތުގެ އަގު ވަޒަންނުކޮށް، ހިތުހުރި އެއްޗެއް ކިޔުމަކީ އެބޭފުޅުންނަށްވެސް މި ޕާޓީއަށްވެސް އޮތް ރަނގަޅެއް ނޫން" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ޖަގަހައިގާ ތިއްބެވި ޕާޓީގެ އިސްވެރިންނާއި، ދާއިރާގެ އިސްވެރިންނަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެ ހުރިހާ ބޭފުޅުންވެސް ގޮވައިގެން ހުރިހާ ބޭފުޅުންނާ އެކުގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ ވާދަވެރި ދެ ރައީސުންނާއި، ދެ ރައީސުންގެ އަރިސް ޓީމުތަކުން އަންނަނީ އިދިކޮޅު ޓީމަށާއި ކެންޑިޑޭޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައީސް ސޯލިހުގެ އަރިހުގައި ތިއްބެވީ އެހެން ޕާޓީތަކުގެ ބޭފުޅުންކަމަށާއި، މި ވެރިކަމުން މައުމޫނީ ފިކުރު ފެންނަމުންދާ ކަމަށްވެސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.