Advertisement

ޝަމްހާ އަނެއްކާ ވެސް ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލައިފި

20 ޖަނަވަރީ 2023 - 23:42 0

ޑާކާ މެރަތަންގެ ތެރެއިން ރާއްޖޭގެ ދުވުންތެރިޔާ ޝަމްހާ އަހުމަދު، ދިވެހި ދިދަ ހިފައިގެން.-- ފޮޓޯ: ފޭސްބުކް/ ޝަމްހާ އަހުމަދު


ޝަމްހާ އަނެއްކާ ވެސް ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލައިފި

20 ޖަނަވަރީ 2023 - 23:42 0

މީގެ ހަތަރު މަސް ކުރިން އޭނާ މުގުރާލި ގައުމީ ހާފް މެރަތަން ރެކޯޑް، ރާއްޖޭގެ ކުޅަދާނަ ދުވުންތެރިޔާ، ޝަމްހާ އަހުމަދު، މިއަދު އަނެއްކާ ވެސް މުގުރާލައިފި އެވެ.

ނޯވޭގެ ވެރިރަށް އޮސްލޯގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، 18 ވަނަ ދުވަހު، ކުރިއަށްދިޔަ "އޮސްލޯ މެރަތަން" ގެ ހާފް މެރަތަން ކެޓަގަރީގައި ވާދަކޮށް، ޝަމްހާ ގައުމީ ރެކޯޑު މުގުރާލީ 1 ގަޑިއިރާއި 27 މިނެޓު 51 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރެކޯޑު އޭރު އޮތީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ.

ޝަމްހާ، މިއަދު ބަންގުބަންދު މެރަތަން (ޑާކާ މެރަތަން)ގައި ވާދަކޮށް، ހާފް މެރަތަންގެ ރޭސް ނިންމީ 1 ގަޑިއިރާއި 26 މިނެޓާއި 41 ސިކުތުންނެވެ. މިއީ ގައުމީ ރެކޯޑެއްގެ ގޮތުގައި އެތުލެޓިކްސް އެސޯސިއޭޝަނުން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރު، އޮސްލޯ މެރަތަންގައި ޝަމްހާ ވާދަކުރީ، ތަޖުރިބާކާރު މެރަތަންް ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ބެލުމުގެ ދަށުން ތަމްރީން ހަދަން ފެށިތާ މާގިނަ ދުވަހެއް ނުވެ އެވެ. ޝަމްހާ އޭރު، މެރަތަން ރަނާސްއާ އެކު ޓްރެއިނިން ހެދި އެވެ. މިއަދު ޑާކާ މެރަތަންގައި ޝަމްހާ އަނެއްކާ ވެސް ހާފް މެރަތަންގެ ރެކޯޑް މުގުރާލިއިރު، މި ފަހަރު އޭނާ ވާދަކުރަނީ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެންނެވެ. ކޯޗަކަށް ހުރީ ނަސްރު އެވެ.

މިއީ، އިންޑިއާގެ ޝިލޯން/ގުވަހާޓީގައި 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ފަހުން، ޝަމްހާ ގައުމީ އެތުލެޓިކްސް ޓީމުގައި ހިމެނިގެން ވާދަކުރި ފުރަތަމަ ފަހަރެވެ.

ޑާކާ މެރަތަންގައި ވާދަކުރި ދިވެހި އެތުލީޓުން ރާއްޖޭގެ ދިދަ ހިފައިގެން.---


ޑާކާ މެރަތަންގައި ގައުމީ ޓީމުގައި ހިމެނިގެން ވާދަކުރި އަނެއް އެތުލީޓުންނަކީ މަރިޔަމް އަބްދުލް ކަރީމް (މަރީ)، ޔޫސުފް އިބްރާހިމް އާއި ފަވާޒް މުހައްމަދު އެވެ.

މިއަދު ޑާކާ މެރަތަންގައި މަރީ ވަނީ ފުލް މެރަތަންގައި ވާދަކޮށްފަ އެވެ. މަރީގެ ޓައިމިން އަކީ 3 ގަޑިރާއި 22 މިނެޓް 51 ސިކުންތެވެ. ކުރިއެރުން ހޯދަމުން އަންނަ ޑިސްޓެންސް ދުވުންތެރިޔާ، ޔޫސުފް، ހާފް މެރަތަން ދުވެގެން މިއަދު ރޭސް ނިންމީ، 1 ގަޑިއިރާއު 12 މިނެޓް 11 ސިކުންތުންނެވެ.

ޑާކާ މެރަތަންގައި ދިވެހި ޓީމުގައި ހިމެނިގެން ފުލް މެރަތަން ދުވުނު، ފަވާޒްގެ ޓައިމިން އަކީ 2 ގަޑިއިރާއި 50 މިނެޓް 33 ސިކުންތެވެ. މުޅިން އަލަށް ބައިނަލްއަގުވާމީ ފުލް މެރަތަން އެއްގައި ދުވެގެން، ފަވާޒް މި ވަނީ ތިން ގަޑިއިރަށް ވުރެ އަވަހަށް ރޭސް ނިންމައި، ނިސްބަތުން ބަލާއިރު، ރަނގަޅު ކާމިޔާބެއް ހޯދައިފަ އެވެ.