Advertisement

އިސްތިއުފާ ދޭން ނިންމުމާ މެދު ހިތާމައެއް ނުކުރަން: އާޑޭން

21 ޖަނަވަރީ 2023 - 06:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނިއުޒީލޭންޑުގެ ބޮޑު ވަޒީރު ޖެސިންޑާ އާޑޭން. -- ފޮޓޯ: އީޕީއޭ


އިސްތިއުފާ ދޭން ނިންމުމާ މެދު ހިތާމައެއް ނުކުރަން: އާޑޭން

21 ޖަނަވަރީ 2023 - 06:45 0

އިސްތިއުފާ ދޭން ނިންމި ނިންމުމާ މެދު ހިތާމަ ނުކުރާ ކަމަށް ނިއުޒީލޭންޑުގެ ބޮޑު ވަޒީރު ޖެސިންޑާ އާޑޭން ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އާޑޭން ވިދާޅުވީ ފާއިތުވި ހަ އަހަރު ދިމާވި ގޮންޖެހުންތަކާ އެކު "ޓޭންކު ހުސްވެފައިވާ" ކަމަށާއި އެހެންވެ އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ.

ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރުކަމުން އެކަމަނާ ދުރަށް ޖެހިވަޑައިގަންނަވާނީ ފެބްރުއަރީ 7، ގެ ކުރިންނެވެ. އޭގެ ފަހުން އާ ބޮޑު ވަޒީރު ހޮވުމަށް ވޯޓެއް ނަގާނެ އެވެ. ނިއުޒީލޭންޑުގެ އާއްމު އިންތިހާބު ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 14 ވަނަ ދުވަހަށެވެ.

ވިހިވިހި ވަނަ އަހަރުގެ އިންތިހާބުގައި އާޑޭންގެ ލީޑާޝިޕްގެ ދަށުން ލޭބާ ޕާޓީއިން ބޮޑު ކުރިއެރުމެއް ހޯދި އެވެ. އެހެން ނަމަވެސް ހިޔާާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އާއްމުންގެ މެދުގައި އެކަމަނާގެ މަގުބޫލުކަން ދަނީ ދަށްވަމުންނެވެ.

އާޑޭން ވިދާޅުވީ އިސްތިއުފާ ދޭން ނިންމީ އެކަމަނާގެ ލީޑާޝިޕްގައި ކުރިއަށް އޮތް އިންތިހާބުގައި ލޭބާ ޕާޓީއަށް ކުރިނުލިބޭނެތީ ނޫން ކަމަށެވެ.

ހުކުރު ދުވަހު ލޭބާ ޕާޓީގެ މެމްބަރުންގެ އިވެންޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު އާޑޭން ނޫސްވެރިންނަށް ވިދާޅުވީ "ޒަމާންތަކަކަށް ފަހު ހަމަ ނިދި ލިބިއްޖެ" ކަމަށެވެ.

އިސްތިއުފާ ދޭން ނިންމީ އަންހެނަކަށް ވީތީ ކުރިމަތިވާ ގޮންޖެހުންތަކާ ހެދި ކަމަށް ފެތުރިފައިވާ އަޑުތަކަކީ ދޮގެއް ކަމަށް އެކަމަނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ލީޑަރުންނަށް ވާން ބޭނުންވާ އަންހެނުންނާއި އަންހެން ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ އާއިލާއެއް ބިނާކުރަމުން ވެސް މި ޒިންމާތައް އަދާކުރެވޭނެކަން،" އާޑޭން ވިދާޅުވި އެވެ.