20 ޖަނަވަރީ 2023 - 20:51 1
އާމިނަތު ނިއުޝާ
އޮލިމްޕަސް މަރާމާތަށް ބަންދުކޮށްފައި ހުރި އިރު؛ ފުރަތަމަ ފިލްމު އެޅުވުމަށް ދަނީ ތައްޔާރުވަމުން -- ފޮޓޯ: ހުސެން ސަޔާހް/އަދަދު
20 ޖަނަވަރީ 2023 - 20:51 1
ބޮޑެތި މަރާމާތުތަކެއް ކުރުމަށް ބަންދުކުރި އޮލިމްޕަހުގެ މަސައްކަތް ނިންމާ ހުޅުވާލި ފަހުން އަޅުވާ ފުރަތަމަ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ "ބީވީމާ" ފިލްމު ކަމަށް ނެޝަނަލް ސެންޓަރ ފޯ އާޓްސް (އެންސީއޭ އިން ބުނެފި އެވެ.
އޮލިމްޕަސް ހުޅުވާލާކަން އިއުލާނުކޮށް އެންސީއޭއިން ކުރި ޓްްވީޓެއްގައި ބުނެފައި ވަނީ އޮލިމްޕަސް މަރާމާތުކުރުމަށް ފަހު އޮލިމްޕަހުގައި ދައްކާ ފުރަތަމަ ފިލްމު "ބީވީމާ"ގެ ޓިކެޓު ވިއްކަން މިހާރު ފަށާފައިވާ ކަމަށެވެ.
ދިވެހި ފިލްމު ބީވީމާ އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. މި ފިލްމު ލިއެ ޑައިރެކްޓުކޮށްފައި ވަނީ އަހުމަދު ޒަރީރް އެވެ. މި ފިލްމުން ދިވެހި މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އަޝްފާ ފެނިގެން ދާއިރު، މިއީ ޒަރީރު ޑައިރެކްޓުކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އަޝްފާގެ އިތުރުން އިސްމާއިލް ރަޝީދު (ކޮޕީއިއްސެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ފަދަ މަގުބޫލު ތަރިންތަކެއް މި ފިލްމުން ފެނިގެން ދާނެ އެވެ.
އޮލިމްޕަހުގެ މަސައްކަތް ނިންމާ ކުއްޔަށްދޭން ފަށާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އޮލިމްޕަސް ދޫކުރަމުން ދަނީ ކޮވިޑާއި ގުޅިގެން ބަންދުކުރި އިރު ބުކިން ހައްދާ އެޑްވާންސް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އިސްކަން ދީގެން ކަަމަށް އެންސީއޭއިން ވަނީ ބުނެފަ އެވެ.
އާޓް އެންޑް ހެރިޓޭޖް މިނިސްޓްރީން މީގެ ކުރިން އިއުލާނުކޮށްފައިވާ ގޮތުގާ އޮލިމްޕަސް މަރާމާތު ކުރުމުގެ ތެރޭގައި. ފިލްމު ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރު ބެހެއްޓުމާއި، އޮލިމްޕަސް ސްޓޭޖްގައި މިއުޒިކް އަދި ސްޓޭޖް ޑްރާމާތައް ބޭނުންވާ ސްޓޭޖް ލައިޓްތަކާއި ސައުންޑް ގާއިމްކުރެވިފައި ހުންނާނެ އެވެ.
އަދި، މިއުޒިކަށް ހާއްސަ ދެ ޕްރެކްޓިސް ކޮޓަރިއާއި ނެށުންތައް ފަރިތަކުރަން ކޮޓަރިއަކާއި މިއުޒިކްއާއި ތަފާތު ކުޅިވަރުތައް ބާއްވަން އޮލިމްޕަސްގެ ބެކްޔާޑް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
Comment