ލާމުން ބޮޑު ތަރުހީބެއް؛ "ލާމު އަތޮޅަކީ މުސްތަގުބަލް އޮތް ތަނެއް"

19 ޖަނަވަރީ 2023 - 17:23 0

ލ. ކައްދޫ

ނިމާ ހަސަން

ނ

ރައީސް ސޯލިހު ލާމު އަތޮޅަށް ވަޑައިގެންނެވުމުން އެމަނިކުފަނަސް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި ސަޕޯޓަރުން -- ފޮޓޯ: އެމްޑީޕީ


ލާމުން ބޮޑު ތަރުހީބެއް؛ "ލާމު އަތޮޅަކީ މުސްތަގުބަލް އޮތް ތަނެއް"

19 ޖަނަވަރީ 2023 - 17:23 0

ލ. ކައްދޫ

ލާމު އަތޮޅާއި, ލާމު ގަމަކީ މުސްތަގުބަލު އޮތްތަނެއް ކަމަށާއި, ވިޔަފާރިތައް ފުޅާ ކުރުމަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ލާމު އަތޮޅަށް ވަޑައިގެން ލ. ކައްދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ލާމުގެ ރައްޔިތުންނާ އުއްމީދީ ވާހަކަތަކެއް ހިއްސާ ކުރައްވާފަ އެވެ. ލާމުގައި ރައީސްގެ ބޮޑު ކެމްޕޭން ހަރަކާތެއް ނެތްއިރު, މިރެއާއި މާދަމާ ހެނދުނު ލާމު އަތޮޅުގެ ދާއިރާތަކުގެ މެންބަރުންނާ ބައްދަލުކުރައްވާނެ އެވެ.

ލާމު ގަމަކީ މުސްތަގުބަލު އޮތްތަނެއް. ލާމު އަތޮޅަކީ މުސްތަގުބަލް އޮތްތަނެއް. ވިޔަފާރިތައް ފުޅާކުރެވޭނެ ތަނެއް.

ރައީސް ވިދާޅުވީ ލާމު އަތޮޅުގެ މުސްތަގުބަލަށް ބޭނުންވަނީ އެއާޕޯޓާއި ރަނގަޅު ބަނދަރެއް ކަމަށެވެ. އެގޮތުން ކައްދޫ އެއާޕޯޓު ރަނގަޅު ފެންވަރަކަށް ތައްޔާރު ކުރާތަން ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ފާޑުކިއުންތައް ހުރި ނަމަވެސް ރައީސް ދެކެނީ ކެންސަރު ހޮސްޕިޓަލަކީ އިންވެސްޓްމަންޓެއް ކަމަށް

ލާމު ގަމުގެ އިގްތިސޯދީ ކުރިމަގު އެންމެ ބޮޑަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވަނީ ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމާއެކު އެވެ. ރައީސް ވިދާޅުވީ ގަމުގެ ޓާޝަރީ ހޮސްޕިޓަލާއެކި ކެންސަރު ހޮސްޕިޓަލް ތަރައްގީ ކުރާނެ ކަމަށާއި, އެއީ ހަމަ ހުރެފައި ބުނާ ވާހަކައެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ކަންތައްތައް ކުރަމުން މިގެންދަނީ ރޭވުންތެރިކަމާއެކު. ވިސްނާ ޕްލޭންކޮށްފައި އެއަށް ބޭނުންވާ ފައިސާ ހޯދައި, މާދަމާ އަނެއްކާވެސް އެ ބަދަލުކޮށް އެއަށް އެހެން ގޮތްތަކެއް ހަދަން ފުރުސަތު ނުދޭގޮތަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލާއި ކެންސަރު ހޮސްޕިޓަލް ތަރައްގީ ވެގެންދާއިރު އެ ވާނީ މުޅި ސަރަހައްދާއި މުޅި ދެކުނަށް ލިބޭ ބޮޑު ލުޔަކަށް ކަމަށެވެ. އަދި މާލެއަށް ވެސް އޭގެ ލުއި ލިބޭނެ ކަމަށެވެ. ރައީސް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް ގަމުގައި އަޅަން ނިންމީމައި އެކަމާ ދޭތެރޭ ވެސް ކަންބޮޑުވާ މީހުން އުޅުނު ކަމަށެވެ.

"އެއްގޮތަކަށް ވެސް ތިއީކީ ކުރަންވާވަރު ކަމެއް ނޫން ކަމަށް ބުނެ ލަފާދިން އާޅުގަނޑަށް. ކާކުތޯއޭ މިތަނަށް އަންނާނީ." ފާޑުކިއުންތައް ހުރި ނަމަވެސް ދުރު ރާސްތާގައި މިއީ މުޅި ރާއްޖެއަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ލާމު އަތޮޅުގެ ރައްޔިތުންނާ މުހާތަބު ކުރައްވަނީ; ރައްޔިތުންނަށް އުއްމީދީ ވަހކަަތަކަެއް ދެއްކެވި -- ފޮޓޯ: އެމްޑީޕީ


މީގެ އިތުރުން, ރައީސް ވަނީ ލާމު އަތޮޅުގެ ރައްޔިތުންނަށް ވައުދުވެ ވަޑައިގެންނެވި ކަންތައްތަކުގެ ތެރެއިން, ލާމުގެ ރަށްތައް ކޯސްވޭއަކުން ގުޅުވާލުމުގެ ވައުދުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. ރައީސް ވިދާޅުވީ މި އަތޮޅުގެ ބައެއް ރަށްތަކަކީ އެއްފަޅުގައި, ވަރަށް ތިލަފަޅުގައި ހުރި ރަށްތައް ކަމަށެވެ. އަދި ރަށްތައް ގުޅާލުމުގެ ވާހަކަ ދެއްކީއެއް ބުނެލާފައި ދޫކޮށްލާކަށް ނޫން ކަމާށާއި, ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވަޑައިގަންނަވާއިރު އެ މަސައްކަތްތައް ފެށިގެން ކުރިއަށްދާތަން ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކައްދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ, މި ކެމްޕޭނުގައި އެމަނިކުފާނަށް ރާއްޖޭގެ އުތުރުގެ ހަތް އަތޮޅަކަށް ވަޑައިގެންނެވިއްޖެ ކަމަށެވެ. އަދި އެ ހުރިހާ އަތޮޅުތަކުން ވެސް ފެންނަ މަންޒަރު ވަރަށް ސާފު ކަމަށާއި, މި އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހު މިރޭ ލާމު އަތޮޅަށް ވަޑައިގެންނެވިއިރު, ލާމުގައި ގުޅިފައިވާ ރަށްތަކެއްގެ އެމްޑީޕީ މެންބަރުން ވަނީ ރައީސަށް މަރުހަބާ ދެންނެވުމަށް ކައްދުއަށް އެއްވެފަ އެވެ. ލާމުން ރައީސް ސޯލިހަށް ބޮޑު ތަރުހީބެއް ފެންނަން އޮތްއިރު, އެމަނިކުފާނު ވަނީ ބޮޑުތަނުން ރިޔާސީ ޕްރައިމަރީ ކާމިޔާބުކޮށް, ރިޔާސީ އިންތިހާބުވެސް ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަސް އަރުވާފަ އެވެ.