19 ޖަނަވަރީ 2023 - 09:49 0
ފާތިމަތު ސާޔާ އަހުމަދު
ނިއުޒީލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑޭން. -- ފޮޓޯ: ބީބީސީ
19 ޖަނަވަރީ 2023 - 09:49 0
އަންނަ މަހުން ފެށިގެން ނިއުޒީލޭންޑުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދޭން ޖެސިންޑާ އާޑޭން ނިންމަވައިފި އެވެ.
އެކަން އިއުލާން ކުރައްވަމުން އާޑޭން ވިދާޅުވީ ފާއިތުވި ހަ އަހަރަކީ "ގޮންޖެހުންތައް" ގިނަ އަހަަރުތަކެއް ކަމަށެވެ.
ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑަރުކަމުން އެކަމަނާ ދުރަށް ޖެހިވަޑައިގަންނަވާނީ ފެބްރުއަރީ 7، ގެ ކުރިންނެވެ. އޭގެ ފަހުން އާ ބޮޑު ވަޒީރު ހޮވުމަށް ވޯޓެއް ނަގާނެ އެވެ. ނިއުޒީލޭންޑުގެ އާއްމު އިންތިހާބު ތާވަލުކޮށްފައި އޮތީ އޮކްޓޯބަރު 14 ވަނަ ދުވަހަށެވެ.
އުމުރުން 42 އަހަރުގެ އާޑޭން ވިދާޅުވީ ކުރިމަގާ މެދު ވަރަށް ބޮޑަށް ވިސްނާފައިވާ ކަމަށާއި މަގާމުގައި ދެމިހުރުމުން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ނިންމެވި ކަމަށެވެ.
ބޮޑު ވަޒީރުގެ ގޮތުގައި ހޭދަކުރެއްވި މުއްދަތުގައި ވަރަށް ބޮޑަށް ވަރުބަލިވެފައިވާ ކަމަށާއި އިތުރަށް ކުރިއަށް ދާނެ ހިތްވަރު ނެތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އާޑޭން ބޮޑު ވަޒީރުކަމަށް އިންތިހާބު އުމުރުން 37 އަހަރުގައި 2017 ވަނަ އަހަރު އެވެ. އޭރު އެކަމަނާއަކީ ސަރުކާރެއްގެ ވެރިޔަކަށް ހޮވުނު އެންމެ ޒުވާން އަންހެން ބޭފުޅާ އެވެ.
އޭގެ އަހަރެއް ފަހުން އެކަމަނާއަށް ދަރިއަކު ލިބިވަޑައިގެންނެވި އެވެ. އެއީ އިންތިހާބީ މަގާމެއްގައި ހުންނަވައި ދަރިއަކު ލިބިވަޑައިގެންނެވި ދެ ވަނަ ލީޑަރެވެ.
ކޮވިޑް ބަަލިމަޑުކަމާއި އޭގެ ސަބަބުން ދިމާވި އިގުތިސާދީ ކާރިސާގައި ވެސް ނިއުޒީލޭންޑު ލީޑުކުރެއްވީ އާޑޭން އެވެ. އޭގެ އިތުރުން ކްރައިސްޓްޗާޗްގެ މިސްކިތަށް ދިން ހަމަލާ އާއި ވައިޓް އައިލެންޑްގެ އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ ވެސް ދިމާވީ އެކަމަނާގެ ބޮޑު ވަޒީރުކަމުގަ އެވެ.
"ސުލްހައިގެ މުއްދަތެއްގައި ގައުމު ގޮވައިގެން ކުރިއަށް ދިޔުމާއި ކާރިސާއެއްގައި އެކަން ކުރުން ވަރަށް ތަފާތު،" އާޑޭން ވިދާޅުވި އެވެ.
"މި ކަންކަމުގައި ބުރަކަމާއި ބޮޑުކަމުގެ އަސަރު ވަރަށް ފުޅާ. ހަމަޖެހިލައިގެން ވެރިކަން ކުރެވޭހަން ހީވި މަދު ވަގުތުކޮޅުތަކެއްގައި."
ވިހިވިހި ވަނަ އަހަރުގެ އިންތިހާބުގައި އާޑޭންގެ ލީޑާޝިޕްގެ ދަށުން ލޭބާ ޕާޓީއިން ބޮޑު ކުރިއެރުމެއް ހޯދި އެވެ. އެހެން ނަމަވެސް ހިޔާާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އާއްމުންގެ މެދުގައި އެކަމަނާގެ މަގުބޫލުކަން ދަނީ ދަށްވަމުންނެވެ.
އާޑޭން ވިދާޅުވީ އިސްތިއުފާ ދޭން ނިންމީ އެކަމަނާގެ ލީޑާޝިޕްގައި ކުރިއަށް އޮތް އިންތިހާބުގައި ލޭބާ ޕާޓީއަށް ކުރިނުލިބޭނެތީ ނޫން ކަމަށެވެ.
Comment