18 ޖަނަވަރީ 2023 - 08:33 0
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން މެސީ ތަށި ހިފައިގެން.
18 ޖަނަވަރީ 2023 - 08:33 0
ޑާކާ، ބަންގްލަދޭޝް (ޖެނުއަރީ 18) - ދާދި ފަހުން ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމު އަންނަ ޖޫން މަހު ބަންގްލަދޭޝްގައި މެޗެއް ކުޅޭ ގޮތަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ބަންގްލަދޭޝްގެ ފުޓްބޯޅަ ރައީސް، ކާޒީ ސަލާހުއްދީންއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ ރައީސް ކާޒީ، އެ ގައުމުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ޖޫން މަހު އޮންނަ ފީފާ ދުވަސްތަކުގެ ތެރޭގައި އާޖެންޓީނާ ޓީމު ބަންގްލަދޭޝް އަށް އައިސް މެޗެއް ކުޅޭ ގޮތަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
"އާޖެންޓީނާ އިން އޮތީ މި ކަން ކުރެވިދާނެ ކަމުގެ އުންމީދުގައި، އަހަރެމެން މި ކަމުގައި އެއްބަސްވެވޭނެ ކަންތައްތަކުގެ ހައްލެއް ހޯދުމަށް މި މަސައްކަތް ކުރަނީ،" ކާޒީ ވިދާޅުވި އެވެ.
ބަންގްލަދޭޝް އަކީ އާޖެންޓީނާގެ ސަޕޯޓަރުން ގިނަ ގައުމެކެވެ. އެ ގޮތުން ބަންގްލަދޭޝްގެ ގިނަ ބަޔަކު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ސަޕޯޓްކުރެ އެވެ.
އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ބަންގްލަދޭޝްގައި ބޭއްވި އުފާފާޅުކުރުމެއްގެ ތެރެއިން: ގިނަ ސަޕޯޓަރުން ވަނީ ގައިގައި ޕެއިންޓްކޮށްފައި.
މި ފަަހަރުގެ ވޯލްޑް ކަޕްގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުން ދޭ ތަރުހީބު ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި މުޅި ދުނިޔޭގެ ގިނަ ސަރަަހައްދުތަކުން އާޖެންޓީނާ އަށް ކާމިޔާބު ލިބުމަށް އެދި ކުރާ ސަޕޯޓަށް ވެސް ސްކަލޯނީ ވަނީ މަރުހަބާ ކިޔައިފަ އެވެ.
ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދުމަށް ފަހު، ބަންގްލަދޭޝްގައި ވެސް ޓްރޮފީ ޕެރޭޑެއް ބޭއްވުމަށް އެދި ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރުން ވެސް ކުރިއަށް ދިޔަ އެވެ. އެ ގޮތުން، މިލިއަނަަކަށް ވުރެ ގިނަ ސަޕޯޓަރުން އެ ޕެޓިޝަނުގައި ސޮއިކުރި ކަމަށް ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން އޭރު ރިޕޯޓްކުރި އެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޮޑު ސްކްރީނެއް ކައިރީގައި ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު، އާޖެންޓީނާ ސަޕޯޓަރުންތަކެއް ބަލަނީ.
ފަހަކަށް އައިސް ބަންގްލަދޭޝްގައި އާޖެންޓީނާގެ ސަޕޯޓަރުންނާއި ބްރެޒިލްގެ ސަޕޯޓަރުންގެ މެދުގައި މެޗު ވަގުތުތަކުގައި ހަމަނުޖެހުން ހިނގާތީ، ފުލުހުން މެދުވެރިކޮށް ސެކިއުރިޓީ އަންނަނީ ވަރުގަދަކުރަމުންނެވެ.
އެ ގޮތުން މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ވެސް ބޮޑު ސްކްރީންގައި މެޗު ބެލި ސަރަހައްދުތަކުގައި ހަމަނުޖެހުންތަކެއް ހިނގި ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހުގައި އާޖެންޓީނާ އާއި ބްރެޒިލް ކުޅުނު މެޗެއް ބަލަން ތިބި، ބަންގްލަދޭޝްގެ ފުޓްބޯޅަ ސަޕޯޓަރުން މެދުގައި ހިނގި ހަމަނުޖެހުންތަކެއްގައި ހަތް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.
Comment