Advertisement

ފަޒީލް އާއި ވިސާމް ތަމްރީން ތަކަށް ސްރީ ލަންކާ އަށް

17 ޖަނަވަރީ 2023 - 13:39 0

އެތުލެޓިކްސް ގްރޯން ޕްރީގައި ފަޒީލް (ކ) އާއި ވިސާމް (ވ).-- ފޮޓޯ: އަދަދު


ފަޒީލް އާއި ވިސާމް ތަމްރީން ތަކަށް ސްރީ ލަންކާ އަށް

17 ޖަނަވަރީ 2023 - 13:39 0

މި އަހަރުގެ އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސް ޓީމުގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ ދެ ދުވުންތެރިން ކަމަށްވާ ހުސައިން ފަޒީލް ހާރުން (ފްލޭޝް) އާއި އަހުމަދު ވިސާމް ތަމްރީންތަކަށް ސްރީ ލަންކާ އަށް ފުރަން ތައްޔާރުވެއްޖެ އެވެ.

ވިސާމް އާއި ފަޒީލް އަކީ ކުރީގެ ދުވުންތެރިންޔާ، ނަސީރު އިސްމާއިލްގެ ނަސީރު ސްޕޯޓްސް އެކެޑަމީން ތަމްރީން ވަމުން އަންނަ އެތުލީޓުންތަކެކެވެ.

އޮގަސްޓް މަހުގެ 25 އިން ސެޕްޓެމްބަރު މަހުގެ ތިނަކަށް މަޑަގަސްކަރައިގައި އޮންނަ ގޭމްސް އަށް އެންމެ ދުރާލާ ތައްޔާރުވާ އެއް ކުޅިވަރަކީ އެތުލެޓިކްސް އެވެ. މި ގޮތުން އެތުލެޓިކްސް ޓީމުގެ އުއްމީދީ ދެ ދުވުންތެރިންކަމަށްވާ އައިޝަތު ހިމްނާ ހަސަން އާއި އިބާދުﷲ އާދަމް ތަމްރީން ހަދަމުން އަންނަނީ ޖެމެއިކާގަ އެވެ. އަނެއްކޮޅުން ގައުމީ ރިލޭ ޓީމް އިއްޔެ ވަނީ ދެ މަސްދުވަހުގެ ތަމްރީންތަކަށް އިންޑިއާ އަށް ފުރައިފަ އެވެ.

ހިމްނާ ޖެމެއިކާ އަށް ދިޔައީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕެއްގަ އެވެ. އިބާދުﷲ ތަމްރީން ހަދަނީ ސަރުކާރުން ދިން ސްކޮލާޝިޕެއްގަ އެވެ. ރިލޭ ޓީމް އިންޑީއާގައި ތަމްރީން ހަދަނީ އިންޑިއާ ސަރުކާރުގެ އެހީގަ އެވެ.

ރާއްޖޭގެ ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއިލް އެކަޑެމީގައި ތަމްރީން ހަދަމުން އަންނަ ދެ ދުވުންތެރިން ކަމަށްވާ ފަޒީލް އާއި އަހުމަދު ވިސާމް ލަންކާގައި ތަމްރީން ހަދަން މި މަހުގެ 21 ގައި ފުރާނެ އެވެ.

ނަސީރު އެކަޑެމީގެ ފަރާތުން ފަޒީލް އާއި ވިސާމް އަށް ތަމްރީން ފުރުސަތު ހޯދައި މިދިނީ އިންޑިއާ ސަރުކާރުން އެގައުމުގައި ތަމްރީން ހަދަން ދިން ފުރުސަތުގައި ނެގި 10 އެތުލީޓުންގެ ޓީމުން އެ ދެ އެތުލީޓުން ނުހިމެނޭތީ އެވެ. އެތުލީޓުން ނުހިމެނޭ މައްސަލައިގައި ނަސީރު ވަނީ އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގައުމީ ގްރޯން ޕްރީ އިވެންޓްގެ ތެރެއިން ނަސީރު (ކ) އާއި ފަޒީލް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރިލޭ ޓީމަށް ދިން ފުރުސަތުގައި ޓީމުގެ މުހިންމު އެތުލީޓުންނަށް އަމިއްލަ ސަބަބުތަކާ ހުރެ ބައެއް އެތުލީޓުންނަށް ނުދެވޭތީ ބައެއް ޖާގަ މިޑްލް ޑިސްޓަންސް ދުވާ ދުވުންތެރިންނަށް ދިނެވެ. އެ ފުރުސަތު، ފަޒީލް އަށް ނުލިބުމުން ކޯޗު ނަސީރު ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"އިންޑިއާ ޓްރެއިނިން ޓީމުން ފަޒީލަށް ޖާގަ ނުލިބި ލިބޭނެ އެހެން އެއްވެސް އެތުލީޓެއް ނުހުންނާނެ. އޭނާ އަށް ހައްގު އެ ޓްރެއިނިން" ޓީމް އިއުލާންކުރިއިރު ފަޒީލް ޓީމުގައި ނުހިމެނޭތީ ހިތްހަމަނުޖެހިފައި ހުރި ނަސީރު ބުންޏެވެ.

ފަޒީލަށް ތަމްރީންދެމުން އަންނަ ނަސީރު ވަނީ އޭނާ އަށް އިންޑިއާ ކޭމްޕުން ފުރުސަތު ނުލިބުނަސް އެކި ފަރާތްތަކުގެ އެހީތެރިކަމާ އަމިއްލަ މަސައްކަތުން އޭނާ އަށް ތަމްރީން ފުރުސަތު ހޯދައިދޭނެ ކަމަށް އޭރު ބުނެފަ އެވެ. އަދި އަންނަ އައިއޯއައިޖީއަށް ނަގާ ގައުމީ ޓީމްގައި ފަޒީލް ހިމެނުމަށް ވާނެ ޖެހޭ ތައްޔާރީތައް އިތުރުކުރާނެ ކަމަށް ބުންޏެވެ.

ކުރިން ސާއިދު ސްޕޯޓްސް އިން ފެނުނު ވިސާމް، ނަސީރުގެ އެކެޑަމީއާ ގުޅުނީ މިދިޔަ އަހަރުގެ ގްރޯން ޕްރީ އަށް ފަހު އެވެ. ފާއިތުވި އަހަރު، އެތުލެޓިކްސްގެ ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރި ވިސާމް ވަނީ، ގދ. ތިނަދޫގައި ކުރިއަށްދިޔަ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަަނަ ފިރިހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.

ނަސީރު އެކަޑެމީގައި ތަމްރީން ހަދަމުން އަންނަ ދެ ދުވުންތެރިންގެ ތަމްރީންގެ ކަންކަން ހަމަޖައްސައި އަންނަ ހޮނިހިރު ދުވަހު ލަންކާ އަށް ފުރުމަށް ހަމަޖެހިފައިވާއިރު ނަސީރުގެ ޓާގެޓަކީ އައިއޯއައިޖީގައި މި ދެ އެތުލީޓުން މެޑަލް ހޯދުމެވެ. އަދި އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ޓައިމިން އަށްވުރެ ރަނގަޅު ނަތީޖާ އަކާއިއެކު މުބާރާތަށް ދެ އެތުލީޓުންވެސް ކޮލިފައިވާނެ ކަމަށް ނަސީރު އުއްމީދު ކުރެ އެވެ.

ލަންކާގައި ވިސާމް އާއި ފަޒީލް ޓްރޭނިން ހަދާނީ ލަންކާގެ ޑިސްޓެންސް ދުވުންތެރިން ތަމްރީން ކުރާ ކޯޗު ރަންޖީތު ސުބަސިންގޭ އެވެ.