Advertisement

ފުލުހުންގެ މަސައްކަތް ހަރުދަނާކުރަން މާޗު މަހު ކޮންފަރެންސެއް ބާއްވަނީ

17 ޖަނަވަރީ 2023 - 12:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ކ)، ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ، އަދި ޕޮލިސް ބޯޑުގެ ޗެއާމަން (ވ) -- ފޮޓޯ: ރައީސް އޮފީސް


ފުލުހުންގެ މަސައްކަތް ހަރުދަނާކުރަން މާޗު މަހު ކޮންފަރެންސެއް ބާއްވަނީ

17 ޖަނަވަރީ 2023 - 12:26 0

ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާއި އާންމުންގެ ބައިވެރިވުން އެކުލެވޭހެން 'ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން' ގެ ނަމުގައި މި އަހަރުގެ މާޗު މަހު ކޮންފަރެންސެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ކޮންފަރެންސާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުން، ޕޮލިސް ބޯޑު އަދި ހޯމް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދައިގެން ކުރެވޭނެ މަސައްކަތެއް ބެލުމަށް މިދިޔަ އަހަރުގެ ފަހު ކުއާޓާއިން ފެށިގެން މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އެގޮތުން ހުށަހެޅުނު އެއް ހިޔާލަކީ ފުލުހުންގެ ކޮންފަރެންސެއް ބޭއްވުން ކަމަށް އިމްރާނު ވިދާޅުވި އެވެ.

އެއާއެކު، މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 18 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮންފަރެންސްގެ އެންމެ މުހިންމު އެެއް މަގުސަދެއް ކަމުގައި މި ބަލަނީ ރައްޔިތުންގެ ހިޔާލާއި، މަޝްވަރާއާއި، މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ހިދުމަތެއް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ހެދުން،" އިމްރާން ވިދާޅުވި އެވެ.

މި ކޮންފަރެންސްގައި އާންމުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، ޔުނިވަސިޓީ އަދި ކޮލެޖުތަކުގެ އިތުރުން މަދަނީ ޖަމިއްޔާތައް ހިމެނޭހެން ކަރުދާސް ހުށަހަޅާ މަޝްވަރާ ކުރެވިގެންދާނެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޮލިސް ބޯޑުގެ ޗެއާމަން އަހުމަދު ފަސީހު ވިދާޅުވީ، ތަހުޒީބު މުޖުތަމައުތަކުގައި ކަންކަން ނިންމަނީ އިލްމީ މީހުންގެ ބައިވެރިވުމާއެކު ކަމަށާއި މި ކޮންފަރެންސް އިން އެކަން ހާސިލްވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.