Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީއަށް ދެން އެދެވޭނީ ޕޯޓަލް މެދުވެރިކޮށް

17 ޖަނަވަރީ 2023 - 11:14 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީއަށް ދެން އެދެވޭނީ ޕޯޓަލް މެދުވެރިކޮށް

17 ޖަނަވަރީ 2023 - 11:14 0

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އެހީއަށް ދެން އެދެވޭނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ" އެންޑީއާރް ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.

އެންސްޕާ އިން ނެރުނު އިއުލާނެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ގާނޫނުގެ ދަށުން ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލެވި، އެދަފްތަރާ ގުޅޭގޮތުން އެކުލަވާލާފައިވާ އެންޑީއާރް ޕޯޓަލް އިފްތިތާހުކުރެވި، އެދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު ހުށަހަޅާނީ އެންޑީއާރްގެ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް އެންސްޕާއިން ހާމަކުރެ އެވެ.

އަދި މިކަމުގެ ސަބަބުން އެހީއަށް އެދޭ ހުރިހާ ފަރާތެއްގެ ކަންކަން ދަފްތަރު މެދުވެރިކޮށް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެންސްޕާ އިން ބުނެ އެވެ

އެންސްޕާއިން ބުނީ މިޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެގެން މާލީ އެހީއަށް އެދޭ ފަރާތްތަކަށްވެސް މިހާރެކޭ އެއް އުސޫލުން ރަޖިސްޓްރީވާ މަހުން ފެށިގެން އެލަވަންސް ޖަމާކޮށްދެމުން ގެންދާނެ ކަމަށެވެ.

އަދި ދަފްތަރު ވުޖޫދުވީ ނަމަވެސް، މިދަފްތަރުގައި މިވަގުތުވެސް ދިހަހާހަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި، އެއިން އެއްވެސް ފަރާތަކަށް ލިބެމުންދާ އެހީ މެދުކެނޑިގެން ނުދާނެކަމަށްވެސް އެންސްޕާއިން ބުންޏެވެ.

އަދި މީގެކުރިން ދަފްތަރުގައި ތިބި މީހުންގެ މައުލޫމާތު ދަފްތަރުގައި އަދާހަމަކޮށް އިތުރަށް ބޭނުންވާ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެންސްޕާއިން ބުނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި އަދި މާލީ އެހީއަށް މިފަރާތްތަކުން އެދުމުގެ ކަންކަމަށް ގެނެވުނު ބަދަލާ ގުޅިގެން މައުލޫމާތެއް އޮޅުން ފިލުވަން ނުވަތަ ފޯމު ފުރުމުގައިވެސް އެހީތެރިކަން ބޭނުންވާނަމަ އެންސްޕާގެ ހޮޓްލައިން 1402 މެދުވެރިކޮށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ގުޅުމުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް އެންސްޕާއިން ބުނެ އެވެ.