Advertisement

ނަޝީދު ޝާހިދަށް: އަޅުގަނޑު މަޖިލީހުގައި އިންދާ ބަގާވާތަކަށް ދޮރުހުޅުވިގެން ނުދާނެ

13 ޖަނަވަރީ 2023 - 16:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި އިންނަވަނިކޮށް ބަގާވާތަކަށް ދޮރުހުޅުވިގެނެއް ނުދާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނަޝީދު ޝާހިދަށް: އަޅުގަނޑު މަޖިލީހުގައި އިންދާ ބަގާވާތަކަށް ދޮރުހުޅުވިގެން ނުދާނެ

13 ޖަނަވަރީ 2023 - 16:24 0

އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގައި އިންނަވަނިކޮށް ބަގާވާތަކަށް ދޮރުހުޅުވިގެން ނުދާނެ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ކުރީގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް ފާޑުވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން ނަޝީދުގެ ކެމްޕޭނުން ރޭ ރާޅުގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އަނެއްކާވެސް އެކި ދިމާލުން ސަރުކާރާ މެދު ކަންބޮޑުވުން އެބަ އަންނަ ކަމަށާއި އެހެން ނަމަވެސް އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުގައި އިންނަވަނިކޮށް ބަގާވާތަކަށް ދޮރުހުޅުވިގެން ނުދާނެ ކަމަށެވެ.

"މިދިޔަ ފަސް އަހަރު އަޅުގަނޑުމެން މި ރާއްޖޭގެ ވެރިކަން ސަކާ ކުރީ މިއަދު ކުރީގެ ރައްޔިތުންގެ މަޖިލީހުގެ (ރައީސްކަމުގައި) ތިއްބެވި ބޭފުޅުން، (ބަގާވާތަށް) ދޮރުހުޅުވާލެއްވި ބައެއް ބޭފުޅުން ބަގާވާތުގެ ވާހަކަ އެބަދައްކަވާ،" ނަޝީދު ވިދާޅުވި އެވެ.

ޝާހިދުގެ ނަން ބޭނުން ނުކުރައްވާ ނަޝީދު އިޝާރާތް ކުރެއްވީ 2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުވެގެންދިޔަ ގޮތަށެވެ. ވެރިކަމުގައި އޭރު ހުންނެވި ނަޝީދު މަގާމުން އިސްތިއުފާދެއްވީ މަޖުބޫރުކޮށްގެން ކަމަށާއި އެއީ ބަގާވާތެއް ކަމަށް މި އަހަރާއި ހަމައަށް އެމްޑީޕީގެ އިސްވެރިންް ދިޔައީ ތަކުރާރުކޮށް ބުނަމުންނެވެ.

"އެހެން ނަމަވެސް ގަބޫލުފުޅު ކުރައްވާ އަޅުގަނޑު ރައްޔިތުން މަޖިލީހުގައި (ރައީސް ކަމުގައި) އިންދާ އިރާދަކުރެއްވިއްޔާ އެބާވަތުގެ ކަމެއް ތިބޭފުޅުންނަކާ ދިމައެއް ނުވާނެ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.

މީގެއިތުރުން ނަޝީދުގެ އިސްތިއުފާއަށްފަހު ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު އަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ހުވާ ލައިދެއްވި އޭރުގެ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ޝާހިދަކީ އެ ބަގާވާތުގެ ބައިވެރިއެއް ކަމަށްވެސް ކުރިން އެމްޑީޕީއިން ދިޔައީ ބުނަމުންނެވެ.

ނަމަވެސް ފަހުން ޝާހިދު އެމްޑީޕީއާ ގުޅުމާއެކު އެ އަޑުތައް ވަނީ މުޅީންހެން ކެނޑިފަ އެވެ.

ނަޝީދުވެސް ފަހުން ވަނީ ޝާހިދު އަރިސް ބޭފުޅެއްގެ ގޮތުގައި ބަލައިގަނެ އެކުގައި މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން މި އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ވާދަކުރައްވުމަށް ނަޝީދު ފުރަތަމަ އެދިވަޑައިގަތީ ޝާހިދުގެ އަރިހުންނެވެ. އެކަން ޝާހިދު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.

ނަމަވެސް، އެކަން ގަބޫލުނުކުރައްވާ ޝާހިދު ނިންމެވީ ރައީސް ސޯލިހަށް ތާއީދު ކުރުމަށެވެ.