Advertisement

ސަރުކާރުން މިހާރު ބުނަނީ ރައީސް ސޯލިހު އަލިފުއްޓަށް ކުރެއްވީ ނުރަސްމީ ދަތުރެއް ކަމަށް

12 ޖަނަވަރީ 2023 - 14:20 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އަލިފުށީ އެމްޑީޕީ ޖަގަހައިގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ސަރުކާރުން މިހާރު ބުނަނީ ރައީސް ސޯލިހު އަލިފުއްޓަށް ކުރެއްވީ ނުރަސްމީ ދަތުރެއް ކަމަށް

12 ޖަނަވަރީ 2023 - 14:20 0

މި މަހުގެ ފަސް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުއްޓަށް ކުރެއްވި ދަތުރުފުޅަކީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިއުވާން މިހެން ވިދާޅުވި ނަމަވެސް ރައީސް އަލިފުއްޓަށް ކުރެއްވީ ރަސްމީ ދަތުރެއް ކަމަށް ރައީސް އޮފީހުން އެދުވަހު ވަނީ ބުނެފަ އެވެ.

އެގޮތުން އެ ދަތުރުފުޅަކީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރެއް ކަމަށްވެސް ރައީސް އޮފީހުން އެ ދުވަހު ބުނެފައިވެ އެވެ.

ރައީސް އަލިފުށްޓަށް ކުރެއްވި ދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ކުރި ޓުވީޓު


ރައީސްގެ މި ދަތުރުފުޅާމެދު ސުވާލު އުފެދިފައިވަނީ އެ ދަތުރުފުޅުގެ ތެރެއިން އަލިފުށީގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ރައީސްގެ ކެމްޕޭން ހަރަކާތެއް ބޭއްވުމުންނެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ސުވާލުކުރުމުން މިއުވާން ވިދާޅުވީ އެ ދަތުރުފުޅަކީ ކެމްޕޭން ދަތުރެއް ކަމަށާއި ދަތުރުގެ ތެރެއިން ރަސްމީ ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގަތީ ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުން ވަނީ ރައީސްގެ ދަތުރު ނިންމަވާލެއްވިކަންވެސް މި މަހުގެ ހަ ވަނަ ދުވަހު އިއުލާނުކޮށްފަ އެވެ. އުތުރުގެ އަތޮޅުތަކަށް ރައީސް ކުރެއްވި ކެމްޕޭން ދަތުރު ފެއްޓެވިކަން އިއުލާންކުރީ އެހިސާބުންކަން ފާހަގަކޮށްލެވެ އެވެ.

މި މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހު ދައުލަތުގެ ވަސީލަތްތަކުގެ ނަހަމަ ބޭނުން ކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.