Advertisement

ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން ތުހުމަތުގައި ނަރީޝް ފުލުހަށް ހާޒިރުކޮށްފި

10 ޖަނަވަރީ 2023 - 11:18 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން ތުހުމަތުގައި ނަރީޝް ފުލުހަށް ހާޒިރުކޮށްފި

10 ޖަނަވަރީ 2023 - 11:18 1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތު ނެގުމާއި މަނީ ލޯންޑާ ކުރުމުގެ މައްސަލައިގައި އެމަނިކުފާނުގެ ދިފާއުގައި ދޮގު ހެކިބަސް ދިން ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވާތީ އެ މައްސަލައިގެ ތަހުގީގަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރޭ ފުލުހަށް ހާޒިރުކޮށްފި އެވެ.

ޔާމީންގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ބަލައިގަނެ އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ނަމަވެސް ޔާމީންގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ އެއީ ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އާ ދެމެދު ކުރެވުނު ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.

މި މުއާމަލާތް ހިނގި ކަމަށް ޝަރީއަތުގައި ނަރީޝްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެއްވެސް ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ދެ ހެކިބަހަކީ ކޯޓަށް އޮޅުވާލުމަށް ދީފައިވާ ދޮގު ހެކިބަސް ކަމުގަ އެވެ.

ކޯޓުގައި ހެކިބަސް ދެމުން ނަރީޝް ބުނެފައިވަނީ އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ފައިސާ ޔާމީންގެ އެންގެވުމަށް އަތުން ގުނުމަށްފަހު ޔޫސުފް ނައީމާ އެ ފައިސާ ހަވާލު ކުރި ކަމަށެވެ. އެއީ ޔާމީންގެ ގެކޮޅުގައި އެއްފަހަރު އަދި ޔޫސުފް ނައީމްގެ ހާޒިރުގައި އެއް ފަހަރު ކަމަށް ނަރީޝް ކޯޓުގައި ވަނީ ބުނެފަ އެވެ.

ދޮގު ހެކިބަސް ދިން މައްސަލައިގެ ތަހުގީގަށް ނަރީޝް ފުލުހަށް ހައްޔަރުކޮށްފައިވަނީ ރޭ 8:00 ގަ އެވެ.

މި މައްސަލައިގައި ޔާމީނަށް ހުކުމް ކުރި ދުވަހު އިދިކޮޅު ލީޑަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންގެ ދިފާއުގައި ދޮގު ހެކިބަސް ނުދޭނެ ކަމަށް ބުނެ ކޯޓުން ކުރި ތުހުމަތު ދޮގުކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުންގެ ތަހުގީގަށް ދޭ ބަޔާނާ ޝަރީއަތުގައި ދޭ ހެކިބަސް ދިމާނުވެ ފާޅުކަން ބޮޑުކޮށް ކޯޓުގައި ދޮގުހަދާ ފަރާތަތްކާ ދެކޮޅަށް ދޮގުހެކިބަސް ދިނުމުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ މީގެ ދެމަސް ކުރިން ވިދާޅުވެފަ އެވެ.