Advertisement

ނަޝީދު ވިދާޅުވަނީ ޑިމޮކްރަޓިކް އުސޫލަކީ ތަރައްގީ ގެނައުމުގައި އާބާދީއަށް ބެލުން ކަމަށް

10 ޖަނަވަރީ 2023 - 09:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕްރައިމަރީ ކެމްޕޭނުގެ ތެރެއިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ސަރުކާރުގެ ތަރައްގީ ޕްލޭން ކަމުނުދާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނަޝީދު ވިދާޅުވަނީ ޑިމޮކްރަޓިކް އުސޫލަކީ ތަރައްގީ ގެނައުމުގައި އާބާދީއަށް ބެލުން ކަމަށް

10 ޖަނަވަރީ 2023 - 09:45 1

ރާއްޖެއަށް ތަރައްގީ ގެނައުމުގައި ޑިކޮމްރެޓިކް އުސޫލަކީ އާބާދީއަށް ބަލައިގެން ރަށްތަކަށް ތަރައްގީ ގެނައުން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި ނ. ވެލިދޫއަށް ވަޑައިގެން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްވަމުން ނަޝީދު ވިދާޅުވީ ބޮޑެތި އާބާދީތަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި އެކަށޭނަ ތަރައްގީ ނުގެނެވެނީ އާބާދީއަށް ނުބަލާ ތަރައްގީގެ މަޝްރޫއުތައް ހިންގާތީ ކަމަށެވެ.

"އެހެން ނަމަވެސް އެހެންނެއް ނޫން މި ވީކީ، ކުޑަ ރަށެއް، ބޮށު ރަށެއް، ފަޅު ރަށެއް ބެލުމެއް ނެތި ކޮންނަމުން ދިޔައީ.. އެހެންވީމާ އަސްލު ކަންކަން އަޅުގަނޑުމެންނަށް ހުރީ ނުވެފަ" ނަޝީދު ވިދާޅުވި އެވެ.

މިއީ ނަޝީދު މީގެ ކުރިންވެސް ތަކުރާރުކޮށް ދައްކަވާފައިވާ ވާހަކަ އެކެވެ. ވެލިދޫގައި ހުންނަވައި އެމަނިކުފާނު މިސާލު ނެންގެވީ 2018 ވަނަ އަހަރު ރައީސް ސޯލިހު އެ ރަށަށް ވައުދު ވެވަޑައިގެންނެވި ހޮސްޕިޓަލު ނޭޅި ލަސްވުމަންދާ ދިއުމުގެ މައްސަލައިންނެވެ.

ނަޝީދު ވިދާޅުވީ ވެލިދޫގައި ހޮސްޕިޓަލެއް އެޅުމަށް އެމްޑީޕީގެ މެނިފެސްޓޯ ތަކުގައި ހިމެނިތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެގޮތުން 2013 އަދި 2018 ގެ މެނިފެސްޓޯގައިވެސް އެ ހޮސްޕިޓަލުގެ ވާހަކަ ހިމެނުނު ކަމަށެވެ.

އެމަނިކުފާނު ދެން މިސާލު ޖައްސަވަމުން ވިދާޅުވީ 27 މީހުން ދިރިއުޅޭ ރަށެއްގައި 60 މިލިއަން ރުފިޔާ ދީގެން ބަނދަރެއް ހަދާފާނެ ކަމަށާއި އެކަމަކު އެ ރަށުގައި ބޮއްކުރައެއްވެސް ނޯވެދާނެ ކަމަށެވެ.

"އެހެން ވީމާ ވެލިދޫގައި ހޮސްޕިޓަލެއް ނޭޅޭނެ،" ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ވެރިކަމަށް ވަޑައިގެން ފައިސާ ހަރަދުކުރަން ޖެހޭނީ އެކަން ކުރާނެކަމަށް ވެރިކަމަށް އައުމުގެ ކުރީގައި ވައުދުވީ ގޮތަށް ކަމަށާއި އެއީ ޑިމޮކްރަޓިކް އުސޫލު ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ރަށްތައް ބެހިފަހުރި ގޮތާއި މި ރަށްތަކުގެ ތެރެއިން ދިރުންހުރި ބޮޑެތި ރަށްތަކާއި އެ ރަށްތަކާއި އެހެން ރަށްތައް ގުޅުވައި ހިދުމަތް ފޯރުކޮށްދިނުމަކީ އެމްޑީޕީގެ ތަސައްވަރެއްކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ތަރައްގީ ގެނައުމުގައި އާބާދީގެ އިތުރުން ތަނަަވަސްކަން އުފައްދާ މިންވަރުވެސް ބަލަންޖެހޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ޕްރައިމަރީ ކެމްޕޭނުގައި ރައީސް ސޯލިހު ވެލިދޫއަށް ވަޑައިގެން އަނެއްކާވެސް ވަނީ ވެލިދޫގައި ހޮސްޕިޓަލު އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ޔަގީންކަށް ދެއްވާފަ އެވެ. މި މަހުގެ ހަތް ވަނަ ދުވަހު ރައީސް ވިދާޅުވީ ހަފުތާއެއްގެ ތެރޭގައި އެކަން ވާނެ ކަމަށް ބެލެވޭ ކަމަށެވެ.